ޚަބަރު ސަރުކާރުގެ ޓެކްސީ ލައިންގެ ޚިދުމަތް ފިޠުރު ޢީދުގައި ފަށަނީ

ސަރުކާރުގެ ޓެކްސީ ލައިންގެ ޚިދުމަތް ފިޠުރު ޢީދުގައި ފަށަނީ

ސަރުކާރުގެ ޓެކްސީ ލައިންގެ ޚިދުމަތް ފިޠުރު ޢީދުގައި ފަށަނީ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ސަރުކާރުން އަލަށް ތައާރަފުކުރާ ޓެކްސީ ލައިންގެ ހިދުމަތް ކުރިއަށް އޮތް ފިތުރު އީދާ ދިމާކޮށް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ފަށްޓަވާފައިވާ މުހިންމު މަސައްކަތެކެވެ. މި ހިދުމަތް ދިނުމަށް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ.

ވަޒީރު މުހައްމަދު އަމީން ވިދާޅުވީ، އެމްޓީސީސީގެ ޓެކްސީ ލައިންގެ މަސައްކަތްތައް ދެ ގައުމެއްގައި ދެ ބެޗަކަށް ބަހާލައިގެން ކުރިއަށްދާ ކަމަށެވެ. “އެމްޓީސީސީގެ ޓެކްސީ ލައިން އިން އެ ބޭފުޅުން ޕްލޭން ކުރައްވާފައި ވަނީ، ދެ ގައުމެއްގައި ދެ ބެޗަކަށް ތައްޔާރު ކުރަން، ދެ ބެޗްވެސް ނިމިގެން ރާއްޖެ އައުމުގެ މަގުމަތީގައި ތިބީ، މިއަދު އެއް ބެޗް ލަންކާގެ ޕޯޓަށް ވަންނާނެ،” ވަޒީރު ވިދާޅުވިއެވެ.

ނަމަވެސް، މި ހިދުމަތަކީ ފެށުމާއެކު އެއްފަހަރާ ފުރިހަމަ އޮޕަރޭޝަނަކަށް ގެނެވޭނެ ކަމެއް ނޫންކަން ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު ވިދާޅުވި ގޮތުގައި ޓެކްސީ ލައިންގެ ހިދުމަތް ފެށުމުގައި އެޕްލިކޭޝަން ޕްރޮސެސްތަކެއް ހިމެނޭތީ، ހިދުމަތް ކުރިއަށް ގެންދާނީ ވަކި މިންގަނޑެއްގެ ތެރެއިންނެވެ.

“ޓެކްސީ ލައިންއަކީ ޑަން ލާފައި އެ ދުވަހު ފުލް ފްލެޖް އޮޕަރޭޝަނަށް ގެނެވޭނެ ކަމެއް ނޫން، އޭގެ އެޕްލިކޭޝަން ޕްރޮސެސްއަކާއި، ހުޅުވާލަމުން ގެންދާނީ ވަކި މިންގަނޑުގެ ތެރެއިން، އެކަމަކު ޓެކްސީ ލައިން އިފްތިތާހްކޮށް ލިމިޓެޑް ސާވިސް ތަކެއް ފެށުމަށް އަޅުގަނޑުމެން މި ގަސްދު ކުރަނީ، މި މަހުގެ 18 ގައި. އީދަށް މިކަންތައް ފެށޭތޯ އެމްޓީސީސީން މަސައްކަތް ކުރަމުން މި ދަނީ،” އަމީން އިތުރަށް ވިދާޅުވިއެވެ.

މި އައު ޓެކްސީ ލައިންގެ ސަބަބުން މާލެ ސަރަހައްދުގައި ދިމާވެފައިވާ ޓެކްސީ ހޯދުމުގެ ދަތިކަމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

ޓެގް

ޓެކްސީ އެމްޓީސީސީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.