ބޭރުދުނިޔެ

އީރާނާއި އިޒްރޭލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ޣައްޒާއިން ތެޔޮ ހުސްވާން ކައިރިވެއްޖެ

އީރާނާއި އިޒްރޭލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އިޒްރޭލުން ބޯޑަރުތައް ބަންދުކުރުމުގެ ސަބަބުން، ޣައްޒާއިން ތެޔޮ ހުސްވާން ކައިރިވެއްޖެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ޣައްޒާގެ އޮފިޝަލުން ހާމަކުރި ގޮތުގައި، އިޒްރޭލުން އެ ސަރަހައްދަށް ތެލާއި މުދާ އެތެރެކުރުން ހުއްޓުވާފައިވާތީ، ޣައްޒާގައި މިހާރު ހުރި މަދު ތެލުގެ ރިޒާވް ވަރަށް އަވަހަށް ހުސްވާނެއެވެ. އަދި މީގެ ސަބަބުން އަސާސީ ކާބޯތަކެތީގެ ދަތިކަން އިންތިހާއަށް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފައެވެ. އިޒްރޭލުން މި ފިޔަވަޅު އަޅާފައިވަނީ އީރާނާއެކު ހިނގަމުންދާ ހަނގުރާމައަށް ރިއާޔަތްކޮށްފައެވެ.

އެމެރިކާއާ ގުޅިގެން އީރާނަށް ވައިގެ ހަމަލާތަކެއް ދީފައިވާކަން އިއުލާނުކުރުމަށްފަހު، ހޮނިހިރު ދުވަހު އިޒްރޭލު ސިފައިން ވަނީ ޣައްޒާއަށް ވަދެވެން ހުރި ހުރިހާ ބޯޑަރުތަކެއް ބަންދުކޮށްފައެވެ. އިޒްރޭލުގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި ހަނގުރާމައިގެ ހާލަތުގެ ސަބަބުން ބޯޑަރުތައް ހުޅުވައިގެން މުދާ އުފުލުމަކީ ރައްކާތެރި ކަމެއް ނޫނެވެ. ނަމަވެސް، މި ބޯޑަރުތައް އަލުން ހުޅުވާނެ ދުވަހެއް އެ ގައުމުން ހާމަކޮށްފައެއް ނުވެއެވެ.

ޣައްޒާއަކީ ތެލާއި އަސާސީ މުދަލުގެ ކަންކަމުގައި މުޅިންވެސް އިޒްރޭލާއި މިޞްރުން އަންނަ ލޮރީތަކަށް ބަރޯސާވާ ތަނެކެވެ. ތެޔޮ ލިބުން ހުއްޓިއްޖެނަމަ ހޮސްޕިޓަލްތަކުގެ މަސައްކަތްތަކާއި، ފެނާއި ނަރުދަމާގެ ނިޒާމު ހުއްޓުމަކަށް އަތުވެދާނެ ކަމަށް އެ ސަރަހައްދުގެ އޮފިޝަލުން ބުނެއެވެ. އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ކުރަމުންދާ އަނިޔާވެރި ހަނގުރާމައިގެ ސަބަބުން ޣައްޒާގެ ގިނަ ރައްޔިތުން ވަނީ އަމިއްލަ ވަޒަން ދޫކޮށް ހިޖުރަކުރަން ޖެހިފައެވެ.

ޣައްޒާގައި ތެޔޮ ބެހުމުގެ ކަންކަން ބަލަހައްޓާ އދ. ގެ އޮފިޝަލް ކަރުނާ ހާމަން ވިދާޅުވި ގޮތުގައި، މިހާރު ހުރި ތެލުން ފުދޭނީ ގިނަވެގެން ދެ ދުވަހު އެވެ. ފަލަސްތީނުގެ އެހީދޭ ޖަމިއްޔާއެއްގެ ލީޑަރު އަމްޖަދު އައްޝަވާ ލަފާކުރައްވާ ގޮތުގައި ތެޔޮ ހުންނާނީ ތިން ނުވަތަ ހަތަރު ދުވަހަށެވެ. އަދި ބޯޑަރުތައް ބަންދުކޮށްފައި އޮވެއްޖެނަމަ ތަރުކާރީ އާއި ފުށް ފަދަ ޒަރޫރީ ތަކެތި ވެސް ވަރަށް އަވަހަށް ހުސްވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މިކަމާ ގުޅޭގޮތުން އިޒްރޭލުގެ އަސްކަރީ އިދާރާ (COGAT) އިން ބުނީ، އޮކްޓޯބަރު މަހުން ފެށިގެން އެ ސަރަހައްދަށް ބޭނުންވާ ވަރަށް ކާބޯތަކެތި ފޮނުވާފައިވާ ކަމަށާއި، މިހާރު ހުރި ތަކެތި ގިނަ ދުވަސްތަކަކަށް ފުދޭނެ ކަމަށެވެ. ނަމަވެސް ތެލުގެ ދަތިކަމާ ގުޅޭގޮތުން އެ އިދާރާއިން އެއްވެސް އެއްޗެއް ބުނަން އިންކާރު ކުރިއެވެ.

ޣައްޒާގައި ހާލުގައި ޖެހިފައިވާ ހަމާދާ އަބޫ ލައިލާ ބުނި ގޮތުގައި، ބޯޑަރު ބަންދުކުރުމުގެ ސަބަބުން އަނެއްކާވެސް ބޮޑު ބަނޑުހައިހޫނުކަމެއް ކުރިމަތިވެދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ. “އިޒްރޭލާއި އީރާނާއި އެމެރިކާގެ މެދުގައި ހިނގާ ސަރަހައްދީ ހަނގުރާމަތަކުގެ ބަދަލު ޣައްޒާގެ ރައްޔިތުންގެ ކިބައިން ހިފަނީ ކީއްވެ؟ މިއީ އަހަރެމެން ކުރި ކަމެއް ނޫން،” އޭނާ ބުންޏެވެ. އޭނާ މިހެން ބުނީ މީގެ ކުރިން ވެސް އިޒްރޭލުން އެހީ ހުއްޓުވުމުގެ ސަބަބުން ޣައްޒާގެ ރައްޔިތުން ތަހައްމަލުކުރި ހިތްދަތި ދުވަސްތަކަށް އިޝާރާތްކޮށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close