މިއަހަރުގެ ފުރަތަމަ ހަފުތާގައި ފިޠުރު ޒަކާތުގެ ގޮތުގައި 1.3 މިލިއަން ރުފިޔާ ލިބިއްޖެ

މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ ހަތް ދުވަހުގެ ތެރޭގައި ފިޠުރު ޒަކާތުގެ ގޮތުގައި ޖުމްލަ 1,374,481 ރުފިޔާ ލިބިފައިވާކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ.
އިސްލާމީ މަރުކަޒާއި ރަށްރަށުގެ ކައުންސިލްތަކަށް ގޮސްގެން ޒަކާތް ދެއްކޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، އާންމުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން އޮންލައިން 7 ޕްލެޓްފޯމެއް މެދުވެރިކޮށް ވެސް މިހާރު ޒަކާތް ބަލައިގަންނަމުންދެއެވެ.
ނަގުދު ފައިސާއިންނާއި ގޮވާމުން ޒަކާތް ބަލައިގަތުމުގެ މަސައްކަތް ހަރުދަނާކުރުމަށްޓަކައި ކައުންސިލުތަކުން “ފިޠުރު ޕޯޓަލް” ބޭނުންކުރަމުންދާއިރު، ޒަކާތް ދައްކާ ފަރާތްތަކަށް އެ މުޢާމަލާތް ކަށަވަރުކޮށްދޭ އެސް.އެމް.އެސްއެއް ވަގުތުން ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މިއަހަރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ އަދަދުތައް ކަނޑައަޅާފައިވަނީ އެ ބަޔަކު އާންމުކޮށް ކައިއުޅޭ ހަނޑޫ ނުވަތަ ފުށުގެ ބާވަތަށް ބަލައި 10 ރުފިޔާއާއި 136 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ.
ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ އަގުތަކަށް ބަލާއިރު، އާދައިގެ ހަނޑުލުންނަމަ 12 ރުފިޔާ، ތައިލެންޑް ހުދު ހަނޑުލުން 53 ރުފިޔާ، ރަތް ހަނޑުލުން 96 ރުފިޔާ، އަދި ބާސްމަތީ ހަނޑުލުގެ އެކި ބާވަތްތަކުން 77 ރުފިޔާއާއި 136 ރުފިޔާއާ ދެމެދުގެ އަދަދެއް ދައްކަންޖެހެއެވެ. މީގެ އިތުރުން އާދައިގެ ފުށުން ޒަކާތް ދައްކާނަމަ 10 ރުފިޔާ އަދި އާޓާ ފުށުންނަމަ 75 ރުފިޔާ ދައްކަންޖެހެއެވެ.
ފިޠުރު ޒަކާތަކީ ރަމަޟާން މަސް ނިމުމުގެ ކުރިން ފަޤީރުންނަށް ދޭންޖެހޭ މާއްދީ އެހީތެރިކަމަކަށްވާއިރު، މި ފައިސާ ބެހުމަށް ހަމަޖެހިފައިވަނީ ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

