ފްލެޓްތަކަށް އެއްލައްކަ ރުފިޔާ ދިނުމަކީ ރިޝްވަތެއް ނޫން، އެއީ ސަރުކާރުގެ ޒިންމާއެއް – ރައީސް

މާލެހިޔާ އަދި ސިނަމާލެ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް 100،000 ރުފިޔާގެ އިނާޔަތެއް ދިނުމާއި ޖޫރިމަނާ މާފުކުރުމަކީ ރިޝްވަތެއް ނޫން ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ. ރިޔާސީ އިންތިހާބުގެ ވައުދެއްގެ ގޮތުގައި އެކަން ކެމްޕޭނުގައި ވެސް ހިމަނާފައިވާނެ ކަމަށާއި، ބާވެ ހަލާކުވެފައިވާ ފްލެޓްތައް މަރާމާތުކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށް ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މަނިކުފާނު ވިދާޅުވިއެވެ. އިންތިހާބެއް ބޯމަތިވެފައިވަނިކޮށް މިފަދަ އިނާޔަތެއް ދިނުމަކީ ރިޝްވަތެއްތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް މިހެން ވިދާޅުވީ އެވެ.
ނޫސްވެރިއެއްގެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ، އިންތިހާބެއް ބޯމަތިވެފައިވަނިކޮށް މިފަދަ އިނާޔަތެއް ދިނުމަކީ ރިޝްވަތެއްތޯ ކުރި ސުވާލަށް، “އެއްވެސް ވަރަކަށް ރިޝްވަތެއް ނޫން އެއީކީ،” މިފަދައިންނެވެ. އެ މަނިކުފާނު ހާމަކުރެއްވި ގޮތުގައި، މި ނިންމުމަކީ އެމަނިކުފާނުގެ ރިޔާސީ މެނިފެސްޓޯގައި ވެސް ހިމެނިފައިވާ ކަމެއް ކަމަށާއި، ރިޔާސީ ކެމްޕޭނުގެ ދުވަސްވަރު ވެސް މި ވާހަކަ ދައްކަވާފައިވާނެ ކަމަށެވެ. އެހެންކަމުން، މިހާރު މިކަން ތަންފީޒުކުރަނީ ވައުދު ފުއްދުމުގެ ގޮތުން ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، 1990ގެ އަހަރުތަކުގައި ސިނަމާލެ 1 ހުޅުވައި މީހުން ދިރިއުޅެން ފެށި ފަހުން، ސިނަމާލެ އަދި މާލެހިޔާގެ ފްލެޓްތައް މަރާމާތުކުރުމަށް ބޮޑު މަސައްކަތެއް ކޮށްފައިނުވެއެވެ. މިހާރު މި ތަންތަން ހުރީ މީހުންގެ ބޯމައްޗަށް ވެއްޓިދާނެ ފަދަ ހާލަތެއްގައި ކަމަށް އެމަނިކުފާހު ފާހަގަކުރެއްވި އެވެ. “މި ތަންތަން ހުރީ މީހުންގެ ބޯމައްޗަށް ވެއްޓޭ ހިސާބުގައި. އެހެންވީމާ އަޅުގަނޑު ރިޔާސީ އިންތިހާބުގެ ތެރޭގައި އެ ވައުދުވީ،” ރައީސް ވިދާޅުވި އެވެ. އެހެންކަމުން، އެތައް އަހަރެއް ވަންދެން މީހުން ދިރިއުޅެމުންދާ މި ފްލެޓުތަކުގެ ހާލަތު ރަނގަޅުކުރުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި، މި އިމާރާތްތަކުގެ ބަދަލުގައި އާ އިމާރާތެއް އެޅެންދެން ވެސް އެ މީހުން އުޅެން ހުރި ތަނަކީ އެއީ ކަމަށާއި، އެތަންތަން މަރާމާތު ކުރުމަށް ސަރުކާރުން އެހީ ދޭން ނިންމީ އެހެންވެ އެވެ. “އެއީ ސަރުކާރުގެ ޒިންމާއެއް. ރައްޔިތުން ބިކަހާލުގައި ޖައްސައިގެން އުޅުމަކީ ސަރުކާރަކުން ކޮށްގެންވާނެ ކަމެއް ނޫން،” ރައީސް ވިދާޅުވި އެވެ. އެ ފައިސާ ދިނުމަށް ކެބިނެޓުން ނިންމާފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހު ކަމަށާއި، އެ މަސައްކަތް ތަންފީޒު ނުކުރެވި އޮތީ މާލޭ ސިޓީ ކައުންސިލުގެ އެއްބާރުލުން ނުލިބިގެން ކަމަށް ވެސް އެމަނިކުފާނު ހާމަކުރެއްވި އެވެ.
މި އިނާޔަތުގެ ތަފްސީލަށް ބަލާއިރު، ސިނަމާލެ 1، 2، 3 އަދި 4 އާއި މާލެހިޔާ 1 އަދި 2 ގެ ވެރިފަރާތްތަކަށް މި ފްލެޓްތަކަށް ފައިސާ ދެއްކޭ ގޮތް ނުވުމުގެ ސަބަބުން މިހާތަނަށް އަރާފައިވާ ޖޫރިމަނާ އެއްކޮށް މާފުކޮށްދެވޭނެ އެވެ. އަދި ފްލެޓްތައް ބާވެ، ސްޓްރަކްޗާ ހަލާކުވެފައިވާތީ އާއި އެ ކަމަށް ހައްލެއް ހޯދައިނުދެވި ގިނަ ދުވަސްވެފައި ވާތީ، މި ފްލެޓްތަކުގެ މީހުންނަށް އިނާޔަތެއްގެ ގޮތުގައި 100،000ރ. ދިނުމަށް ވަނީ ނިންމާފަ އެވެ. މިކަމުގެ ސަބަބުން އެތައް އާއިލާއަކަށް ދިގު މުއްދަތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ކުޑަވެގެންދާނެ ކަމަށް ލަފާކުރެވެއެވެ.
މި އިނާޔަތް ދިނުމުގައި ބަލާނެ ގޮތްތައް ވެސް ރައީސް އޮފީހުން ވަނީ ހާމަކޮށްފަ އެވެ. ފްލެޓުގެ ވެރިފަރާތުން ފްލެޓަށް ދައްކަން ޖެހޭ ޖުމުލަ އަދަދު 100،000ރ. އަށް ވުރެ ބޮޑުވާ ނަމަ، 100،000ރ އާ ހަމައަށް އުނިކުރާނެ އެވެ. އަދި ފްލެޓަށް ދައްކަން ޖެހޭ ޖުމްލަ އަދަދު 100،000ރ. އަށް ވުރެ ކުޑަ ނަމަ، އެ މިންވަރެއް މާފުކޮށްދިނުމަށް ފަހު، މި އަދަދުން ބާކީވާ މިންވަރެއް ފްލެޓްގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކުރާނެ އެވެ. ފްލެޓް މިލްކުކުރަން ފައިސާ ދައްކާ ނިންމާފައިވާ ފަރާތްތަކަށް 100،000ރ. އެއްކޮށް އެޕާޓްމަންޓްގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކޮށްދޭނެ ކަމަށް ވެސް ރައީސް އޮފީހުން ބުނެފައިވެ އެވެ.
މި ކަންކަމާ ގުޅޭގޮތުން ސިނަމާލެ އާއި މާލެހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުންނާއެކު މިދިޔަ މަހުގެ 17 ގައި ރައީސް މުއިއްޒު ބޭއްވެވި ބައްދަލުވުމެއްގައި، އެ ރައްޔިތުންވަނީ ފްލެޓްތަކުގެ ހާލަތާއި ދައްކަން ޖެހޭ ކުއްޔާއި ޖޫރިމަނާގެ ކަންކަމުގައި ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފަ އެވެ. އެ ބައްދަލުވުމަށް ފަހު، މިކަންކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުންނެވެ، ސަރުކާރުން މިފަދަ އިނާޔަތެއް ދިނުމަށް ނިންމާފައިވަނީ. މިފަދަ ފިޔަވަޅުތަކަކީ ރައްޔިތުންގެ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ބަޔެއް ކަމަށް ރައީސް އޮފީހުން ފާހަގަކުރެ އެވެ.

