އިޒްރޭލާއި އެމެރިކާއިން އީރާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން މަސްޖިދުލް އަޤްޞާ ބަންދުކޮށްފި

އިޒްރޭލުން އީރާނާ ދެކޮޅަށް ފަށާފައިވާ އަސްކަރީ ހަރަކާތްތަކާއި، އިސްތިއުމާރުކޮށްފައިވާ ހުޅަނގު އައްސޭރިއާއި އިރުމަތީ ގުދުސްގައި ނުތަނަވަސްކަން އިތުރުވުމާ ގުޅިގެން، އިޒްރޭލުގެ އިދާރާތަކުން މަސްޖިދުލް އަޤްޞާ ބަންދުކޮށްފިއެވެ. މިއީ ވިދިވިދިގެން މި މިސްކިތް ބަންދުކުރި ދެވަނަ ދުވަހެވެ.
ފަލަސްތީނުގެ އޮތޯރިޓީއާ ހަވާލާދީ ‘ވަފާ’ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، އިޒްރޭލުގެ ސިފައިން ވަނީ އާދީއްތަ ދުވަހު ނަމާދުވެރިން އަޤްޞާއަށް ވަނުން ހުއްޓުވާފައެވެ.
އެ އެޖެންސީން އިތުރަށް ބުނެފައިވާ ގޮތުގައި، ހޮނިހިރު ދުވަހުގެ ހެނދުނުން ފެށިގެން އަޤްޞާ މިސްކިތުގެ މުޅި ސަރަޙައްދު ވަނީ ބަންދުކޮށްފައެވެ. މީގެ ސަބަބުން ރަމަޟާން މަހުގެ ތަރާވީޙް ނަމާދު ކުރުމަށް އެ މިސްކިތަށް ދާ ނަމާދުވެރިންނަށް ވަނީ ވަރަށް ބޮޑަށް ހުރަސްއެޅިފައެވެ.
ފެބްރުއަރީ މަހު ރަމަޟާން މަސް ފެށުނީއްސުރެ އިޒްރޭލުގެ އިދާރާތަކުން ވަނީ ގުދުސްގައި ސަލާމަތީ ފިޔަވަޅުތައް އިންތިހާއަށް ވަރުގަދަކޮށްފައެވެ. އެގޮތުން މިސްކިތަށް ވަނުމުގެ ހުއްދަ ދެނީ ހަމައެކަނި 55 އަހަރުން މަތީގެ ފިރިހެނުންނަށާއި، 50 އަހަރުން މަތީގެ އަންހެނުންނަށެވެ. އަދި 12 އަހަރުން ދަށުގެ ކުޑަކުދިންނަށް ވަދެވެނީ ބެލެނިވެރިންނާ އެކުގައެވެ.
އީރާނާއެކު ހިނގި 12 ދުވަހުގެ ކުރިމަތިލުންތަކާ ގުޅިގެން 2025 ވަނަ އަހަރުގެ ޖޫން މަހުވެސް އިޒްރޭލުން ވަނީ މަސްޖިދުލް އަޤްޞާ ބަންދުކޮށްފައެވެ. މިއީ 1967 ވަނަ އަހަރަށްފަހު އެންމެ ދިގު މުއްދަތަކަށް އެ މިސްކިތް ބަންދުކުރި ފަހަރެވެ.
އިޒްރޭލާއި އެމެރިކާއިން ގުޅިގެން ހޮނިހިރު ދުވަހު ވަނީ އީރާނުގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ގިނަ އަދަދެއްގެ ވައިގެ ހަމަލާތަކެއް ދީފައެވެ. މި ހަމަލާތަކުގައި އީރާނުގެ ރޫޙާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީއާއި އެ ގައުމުގެ ދައުލަތުގެ އިސް ބައެއް ބޭފުޅުން އަވަހާރަވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މީގެ ރައްދުގައި އީރާނުން ވަނީ އިޒްރޭލަށް މިސައިލް ހަމަލާތަކެއް ފޮނުވާލައި، ގަލްފުގެ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފައެވެ.



