ބޭރުދުނިޔެ

އީރާނުގެ ރައްދު ހަމަލާތައް އަރަބި ގިނަ ގައުމުތަކަކަށް އަމާޒުވެއްޖެ

އެމެރިކާ އާއި އިސްރާއީލުން ގުޅިގެން އީރާނަށް ދިން ވަރުގަދަ ހަމަލާތަކެއްގެ ބަދަލުހިފުމުގެ ގޮތުން އީރާނުން ފޮނުވާލި ވަރުގަދަ މިސައިލް އަދި ޑްރޯން ހަމަލާތައް، އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުންނަ އަރަބި ގިނަ ގައުމުތަކަކަށް އަމާޒުވެ، މުޅި މެދުއިރުމަތީގައި ބޮޑު ބިރުވެރިކަމެއް އުފެދިއްޖެއެވެ.

އީރާނުގެ ސަރުކާރުން ހޮނިހިރު ދުވަހު ވަނީ ބަހްރެއިން، ކުވައިތު، ގަތަރު އަދި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފައިވާކަން ކަށަވަރުކޮށްދީފައެވެ. އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (އައިއާރްޖީސީ) އިން ބުނި ގޮތުގައި މެދުއިރުމަތީގައި ހުރި އިސްރާއީލާއި އެމެރިކާގެ ހުރިހާ އަސްކަރީ މަރުކަޒުތަކަކަށް އީރާނުގެ މިސައިލްތަކުން ވަނީ ވަރުގަދަ ހަމަލާތަކެއް ދީފައެވެ.
އީރާނުން ބުނެފައިވަނީ މި އޮޕަރޭޝަން ހުއްޓުމެއް ނެތި ކުރިއަށްދާނެ ކަމަށާއި، ދުޝްމަނުން ބަލިކޮށްލެވެންދެން ހަމަލާތައް ދެމުންދާނެ ކަމަށެވެ. އަދި މުޅި ސަރަހައްދުގައި ހުރި އެމެރިކާގެ ހުރިހާ އަސްކަރީ ވަސީލަތްތަކަކީ އީރާނުގެ ސިފައިންނަށް ހަމަލާދެވިދާނެ ސައްހަ އަމާޒުތަކެއް ކަމަށްވެސް އެ ގައުމުން ވަނީ ކަނޑައަޅާފައެވެ.
އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ހާމިދު ޣަންބަރީ އަލްޖަޒީރާއަށް ވިދާޅުވީ، އަމިއްލަ ނަފްސު ދިފާއުކުރުމުގެ ހައްގު އީރާނަށް ލިބިގެންވާ ކަމަށާއި، މިހާރު ހިނގަމުންދާ އަސްކަރީ ކުރިމަތިލުންތަކުގެ ސަބަބުން އިންސާނީ ފުރާނައަށް ލިބޭ ގެއްލުންތަކަށް ހިތާމަކުރައްވާ ކަމަށެވެ. ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވަނީ އދ. އަށް ސިޓީއެއް ފޮނުއްވައި، އީރާނަށް ދޭ ހަމަލާތައް މުޅިން ހުއްޓާލަންދެން ދިފާއީ ހަމަލާތައް ދެމުންދާނެ ކަމަށް ވިދާޅުވެފައެވެ.
ޔޫއޭއީގެ ވެރިރަށް އަބޫދާބީ އަށް އަމާޒުކޮށް އީރާނުން ފޮނުވާލި މިސައިލްތަކެއް ދިފާއީ ނިޒާމުން ހުއްޓުވާފައިވީ ނަމަވެސް، އެ ހާދިސާގައި އެކަކު މަރުވެފައިވާ ކަމަށް އެ ގައުމުގެ ރަސްމީ ނިއުސް އެޖެންސީން ބުނެއެވެ. މީގެ އިތުރުން ދުބާއީގެ ޕާމް ޖުމެއިރާ ސަރަހައްދުގެ އިމާރާތެއްގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައި، ހަތަރު މީހަކު ވަނީ ޒަޚަމްވެފައެވެ.
ބަހްރެއިންގައި ހުންނަ އެމެރިކާގެ ކަނޑުގެ ސިފައިންގެ ފަސްވަނަ ފްލީޓްގެ މަރުކަޒަށް އަމާޒުކޮށް މިސައިލް ހަމަލާތަކެއް ދީފައިވާ ކަމަށް ބަހްރެއިން ސަރުކާރުން ބުނެފައިވާއިރު، އެ ގައުމުން ވަނީ މިއީ އިސްތިގްލާލަށް އަރައިގަތުން ކަމަށް ބުނެ ހަމަލާ ކުށްވެރިކޮށްފައެވެ. މަނާމާގެ ބައެއް އާންމު އިމާރާތްތަކަށް ވެސް ހަމަލާތައް އަރައި އަލިފާން ރޯވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ކުވައިތުގެ އަލީ އަލްސާލިމް އެއާބޭސް އަށް އަމާޒުކޮށް ގިނަ އަދަދެއްގެ ބެލިސްޓިކް މިސައިލް ފޮނުވާލި ނަމަވެސް، ކުވައިތުގެ ދިފާއީ ނިޒާމުން އެ ހުރިހާ މިސައިލެއް ވަނީ ވައްޓާލާފައެވެ. ނަމަވެސް ކުވައިތު އެއާޕޯޓަށް ދިން ޑްރޯން ހަމަލާއެއްގައި ބައެއް މުވައްޒަފުންނަށް އަނިޔާވެ، ޓާމިނަލަށް ގެއްލުންތައް ވެފައިވާ ކަމަށް އެ ގައުމުން ބުނެއެވެ.
ގަތަރުން ބުނި ގޮތުގައި އެ ގައުމަށް އަމާޒުކޮށް ފޮނުވާލި ހުރިހާ މިސައިލެއް ވަނީ ދިފާއީ ނިޒާމުން ހުއްޓުވާފައެވެ. ނަމަވެސް ގަތަރުގެ އުތުރުގައި ހުންނަ ރާޑަރު ސިސްޓަމަކަށް އީރާނުގެ މިސައިލެއް އަމާޒުވި ކަމަށް ބައެއް މަސްދަރުތަކުން ބުނާއިރު، ގަތަރުން ބުނީ އަވަށްޓެރި ގައުމަކުން މިފަދަ ހަމަލާއެއް ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ސައުދީ އަރަބިއްޔާގެ ރިޔާޟަށާއި އިރުމަތީ ސަރަހައްދަށް އަމާޒުކޮށް އީރާނުން ދިން ހަމަލާތައް ނާކާމިޔާބު ކޮށްލާފައިވާ ކަމަށް އެ ގައުމުން ބުނެއެވެ. ސައުދީން ބުނީ އީރާނަށް ހަމަލާދިނުމަށް އެ ގައުމުގެ ވައިގެ ސަރަހައްދާއި ބިން ބޭނުންކުރުމުގެ ހުއްދަ އެއްވެސް ފަރާތަކަށް ނުދޭނެ ކަމަށް ކުރިންވެސް އީރާނަށް އަންގާފައިވާނެ ކަމަށެވެ.
އިރާގުގެ އުރުބީލް އެއާޕޯޓަށް ވެސް ދެ ފަހަރެއްގެ މަތިން ޑްރޯން ހަމަލާ ދީފައިވާއިރު، ބަޣުދާދު ކައިރީގައި އޮންނަ ކަތާއިބް ހިޒްބުﷲ ޖަމާއަތުގެ މަރުކަޒުތަކަށް ވެސް ހަމަލާދީ ދެ މީހަކު ވަނީ މަރާލާފައެވެ. އިރާގުގެ ކަތާއިބް ހިޒްބުﷲ އިން ބުނީ އެމެރިކާގެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އެމެރިކާގެ މަރުކަޒުތަކަށް ހަމަލާދޭން ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.
މި ހަމަލާތަކާ ގުޅިގެން ގަތަރު، ކުވައިތު، ބަހްރެއިން އަދި ޔޫއޭއީގެ ވައިގެ ސަރަހައްދު ވަނީ ވަގުތީ ގޮތުން ބަންދުކޮށްފައެވެ. އަދި ދުނިޔޭގެ ތެލުގެ ވިޔަފާރީގެ މުހިންމު މަގަކަށްވާ ހޯރްމުޒް ކަނޑުއޮޅި ބަންދުކޮށްފައިވާ ކަމުގެ މައުލޫމާތު ކަނޑު ދަތުރުފަތުރުކުރާ އުޅަނދުތަކަށް މިހާރު ވަނީ ލިބިފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close