ބޭރުދުނިޔެ

ޣައްޒާގައިހަރަކާތްތެރިވާ ބޭރުގެ ޖަމިއްޔާތައް މަނާކުރުން އިޒްރޭލުގެ ސްޕްރީމް ކޯޓުން މަޑުޖައްސާލައިފި

ޣައްޒާގައި ހަރަކާތްތެރިވާ ބޭރުގެ އެހީދޭ ޖަމިއްޔާތައް މަނާކުރުމަށް އިޒްރޭލު ސަރުކާރުން ނިންމި ނިންމުން އެގައުމުގެ ސުޕްރީމް ކޯޓުން މަޑުޖައްސާލައިފިއެވެ.

ހުކުރު ދުވަހު އާންމުކުރި ކޯޓު އަމުރުގައިވާ ގޮތުން، ގާޒާ އާއި އިސްތިއުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގައި މަސައްކަތްކުރާ ބޭރުގެ 37 މަދަނީ ޖަމިއްޔާއެއްގެ ހަރަކާތްތައް ހުއްޓުވުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް އަމަލުކުރުން، ކޯޓުން ވަކި ގޮތެއް ނިންމެންދެން ވަނީ މަޑުޖައްސާލާފައެވެ.

“ވަކި ފަރާތަކަށް ތާއީދުކުރުމެއް ނެތި، ވަގުތީ އަމުރެއް މިވަނީ ނެރުނު،” ކޯޓުން ބުނެފައިވެއެވެ. މި އަމުރަކީ އިޒްރޭލު ސަރުކާރުން އެ ޖަމިއްޔާތަކުގެ ރަޖިސްޓްރީ ބާތިލުކުރުމާ ގުޅިގެން، 12 އަށްވުރެ ގިނަ ޖަމިއްޔާތަކުން އެ ނިންމުން ބަދަލުކުރުމަށް އެދި ހުށަހެޅި ޕެޓިޝަނަކާ ގުޅިގެން ނެރުނު އަމުރެކެވެ.

މި ނިންމުމުގެ ސަބަބުން، ކޯޓުން ދާއިމީ ހުކުމެއް ކުރަންދެން، ގާނޫނީ ގޮތުން އެ ޖަމިއްޔާތަކަށް ގާޒާ އާއި ހުޅަނގު އައްސޭރީގައި މަސައްކަތް ކުރިއަށް ގެންދިއުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ނަމަވެސް، މި އަމުރަށް އަމަލީ ގޮތުން އަމަލުކުރެވޭނެ ގޮތަކާ މެދު އެހީދޭ ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މި ޖަމިއްޔާތަކުގެ ތެރޭގައި ޑޮކްޓާސް ވިތައުޓް ބޯޑާސް (އެމް.އެސް.އެފް)، އޮކްސްފާމް، ނޯވޭޖިއަން ރެފިއުޖީ ކައުންސިލް އަދި ކެއާ (CARE) ފަދަ ބޮޑެތި ޖަމިއްޔާތައް ހިމެނެއެވެ. 30 ޑިސެމްބަރު 2025 ގައި އެ ފަރާތްތަކަށް އަންގާފައިވަނީ، އިޒްރޭލުގައި އެ ޖަމިއްޔާތައް ރަޖިސްޓްރީކޮށްފައިވާ މުއްދަތު ހަމަވެފައިވާ ކަމަށާއި، ފަލަސްތީނު މުވައްޒަފުންގެ ލިސްޓު ހުށަހަޅައިގެން 60 ދުވަހުގެ ތެރޭގައި ރަޖިސްޓްރީ އާކުރަންޖެހޭނެ ކަމަށެވެ. އެކަން ނުކޮށްފިނަމަ، މާރިޗު 1 އިން ފެށިގެން ގާޒާ، ހުޅަނގު އައްސޭރި އަދި އިރުމަތީ ގުދުސްގައި ހިންގާ ހުރިހާ މަސައްކަތްތަކެއް ހުއްޓާލަން ޖެހޭނެ ކަމަށް އޭރު އޮތީ އަންގާފައެވެ.

މި ޖަމިއްޔާތަކުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ “އޭ.އައި.ޑީ.އޭ” (AIDA) ކިޔާ ޖަމިއްޔާތަކުގެ އިއްތިހާދެއް މެދުވެރިކޮށެވެ. މިއީ ފަލަސްތީނު މުވައްޒަފުންގެ މައުލޫމާތު އިޒްރޭލުގެ ކަމާބެހޭ ފަރާތްތަކަށް ހިއްސާކުރުމަށް ޖަމިއްޔާތަކުން އިންކާރު ކުރުމުގެ ސަބަބުން، އަހަރެއްހާ ދުވަހު ހިނގި ގާނޫނީ ދެބަސްވުންތަކަށްފަހު، އެ ފަރާތްތަކުގެ ރަޖިސްޓްރީ ބާތިލުކުރުމުން ހުށަހެޅި މައްސަލައެކެވެ.

ކޯޓުން ބުނި ގޮތުގައި، ވިލާތުގެ ގާނޫނުތަކުގެ ދަށުން މުވައްޒަފުންގެ އަމިއްލަ މައުލޫމާތު (ޕްރައިވެސީ) ރައްކާތެރިކުރުމަށް ބޭރުގެ ޖަމިއްޔާތަކަށް ލާޒިމުކުރާތީ، މިއީ ގާނޫނީ ގޮތުން ބޮޑު ބަހުސެއް އުފެދިފައިވާ މައްސަލައެކެވެ.

“މި އަމުރަށް ދައުލަތުން އަމަލުކުރާނެ ގޮތެއް އަދި ބަލަންޖެހޭ. އަދި މީގެ ސަބަބުން އަހަރެމެންގެ މަސައްކަތްތަކަށް އިތުރު ފުރުސަތުތަކެއް ލިބިގެންދާނެތޯ ވެސް ބަލަންޖެހޭ،” އޭ.އައި.ޑީ.އޭ ގެ ޑިރެކްޓަރު އެތީނާ ރޭބާން އޭ.އެފް.ޕީ އަށް މައުލޫމާތު ދެމުން ބުންޏެވެ. އޭނާ އިތުރަށް ބުނި ގޮތުގައި މިއީ “ރަނގަޅު މިސްރާބަކަށް އެޅުނު ފިޔަވަޅެއް” ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close