ހެޔޮޢަމަލުތައް ގިނަކުރުމަށް ބާރުއަޅަމާ ހިނގާށެވެ! (ހަތަރުވަނަބައި)

ހެޔޮ އަމަލުތަކުގެ މާތްކަމާއި މުހިންމުކަމަކީ ލިޔެ ކޮޅުންލާނެ ކަންކަމެއް ނޫނެވެ. އިންސާނަކަށް އެކަން އެންމެ ފުރިހަމައަށް އަދާކުރުމަކީވެސް ކުޅަދާނަ ކަމެއް ނޫނެވެ. އެހެންނަމަވެސް، އެކަކު އަނެކަކަށް ހެޔޮކަންކަން ހަނދުމަކޮށްދިނުމަކީ ދީނީ ގޮތުންނާއި އިޖުތިމާއީ ގޮތުން އޮތް މުހިންމު ކަމަކަށްވާތީ، މިއަދު އަޅުގަނޑުމެންގެ ތެރޭގައި ފަރުވާކުޑަކުރެވެމުންދާ އަދި ގިނަބަޔަކު ޣާފިލުވަމުންދާ ބައެއް މުހިންމު ކަންކަން ހަނދާންކޮށްދިނުމަކީ އަޅުގަނޑުގެ ވާޖިބެއް ކަމުގައި ދެކެމެވެ.
މިއަދު އަޅުގަނޑު މި ލިޔުމުގައި އަލިއަޅުވާލާނީ ވަރަށް ފަސޭހައިން ކުރެވެން އޮތް، ނަމަވެސް މިއަދުގެ މުޖުތަމައުން ފަނޑުވަމުންދާ މަތިވެރި އަމަލެއްގެ މައްޗަށެވެ. އެއީ ކުރީގައި އަޅުގަނޑުމެންގެ ތެރޭގައި އާންމުވެފައިވާ، ނަމަވެސް މިހާރު މަދު ބައެއްގެ ކިބައިން ނޫނީ ނުފެންނަ، އަދި ގަދަކަމުން ދައްކަން އުޅުނަސް ހަގީގީ ސިފައެއްގައި ނުފެންނަ ކަމެކެވެ.
އާދެ، އެއީ ހިނިތުންވުމެވެ. މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ގެ ސުންނަތުން ސާބިތުވާ ގޮތުގައި، ހިނިތުންވުމަކީވެސް ޞަދަޤާތެކެވެ. ޞަދަޤާތަކީ އެކަމުގައި ނުހަނު ބޮޑު ދަރުމަޔާއި ސަވާބު އެކުލެވިގެންވާ ކަމެކެވެ. ނަމަވެސް މިއަދު ފެންނަމުންދަނީ ހިތާމަވެރި މަންޒަރެކެވެ. މުސްލިމް އަޚުންނާއި އުޚުތުން އެކަކު އަނެކަކަށް މޫނު ދައްކާލަންވެސް ޖެހިލުންވެ، މޫނުމަތިން ފެންނަނީ ރުޅިވެރިކަމާއި ނުރުހުމުގެ އަސަރުތަކެވެ. ސިޔާސީ ފިކުރުތަކާއި ތަފާތު “ކުލަތަކުގެ” ސަބަބުން، އަޅުގަނޑުމެންގެ ގުޅުންތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ.
މުސްލިމުން އެކަކު އަނެކަކާ ބައްދަލުވާއިރު، ކުރިން ފެންނަ އުފާވެރި ހިނިތުންވުމެއް މިހާރަކު ނުފެނެއެވެ. ފަސްވަގުތު އެއް މިސްކިތަކުން ދިމާވާ މީހުންގެ މޫނުމަތިންވެސް ފެންނަނީ ބީރައްޓެހިކަމެވެ. މީގެ ސަބަބުން މުސްލިމުންގެ މެދުގައި އޮންނަންޖެހޭ އެއްބައިވަންތަކަމުގެ ރޫހު ގެއްލެމުންދާކަމުގެ އިހުސާސް ކުރެވެއެވެ. ކޮންމެވެސް ސިޔާސީ ފިކުރެއް ނުވަތަ ޕާޓީއެއްގެ ސަބަބުން ހިތުގައި އުފެދިފައިވާ ނަފުރަތެއްގެ ސަބަބުން، އިހުލާސްތެރި ހިނިތުންވުމެއް ދައްކާލުމަށްވެސް ވަނީ ހުރަސްތަކެއް އެޅިފައެވެ.
މިއީ މިއަދު އަޅުގަނޑުމެންގެ މި ކުޑަކުޑަ މުޖުތަމައުގެ ހާލަތެވެ. އަޅުގަނޑުމެން މުސްލިމުންނަށް ވީތީ ފަޚުރުވެރިވާއިރު، އިސްލާމީ ރީތި އުސޫލުތަކާ ދުރަށް ދެވޭނަމަ އެއީ ނުރައްކާތެރި ކަމެކެވެ. މުސްލިމުންގެ މެދުގައި އޮންނަންޖެހޭ އޯގާތެރިކަމާއި، އަޅާލުމާއި، އިހުތިރާމް ކުރުން ނެތިދާނަމަ، އަޅުގަނޑުމެން މިތިބީ ވަރަށް ބޮޑު ހީނަރުކަމެއްގެ ތެރޭގައެވެ.
ލޯބިވާ އެކުވެރިންނޭވެ! މިކަންކަމާމެދު ފުންކޮށް ވިސްނާލަން އެބަޖެހެއެވެ. އަޅުގަނޑުމެންނަށާއި މުޅި މުޖުތަމައަށް ހެޔޮވިސްނުން ދެއްވުން އެދި ދުޢާކުރަމާ ހިނގާށެވެ. ދުޢާއަކީ މުސްލިމުންގެ އެންމެ ވަރުގަދަ ހަތިޔާރެވެ. އެހެންކަމުން، މިފަދަ ހެޔޮ އަމަލުތަކަށް އިސްކަންދީ، އަނެކާއާ ބައްދަލުވާހިނދު ހިނިތުންވުމަކާއެކު އިސްނަގަމާ ހިނގާށެވެ. ތިބާގެ މޫނުމަތިން ފެންނަ ހިނިތުންވުމަކީ އަނެކާގެ ހިތަށް ލިބޭނެ ބޮޑު ހިތްހަމަޖެހުމަކަށް ވެދާނެއެވެ. އަދި އެކަމުގެ ސަބަބުން ތިބާއަށް ކުރާ އިހުތިރާމާއި ގަދަރު އިތުރުވެގެންދާނެއެވެ. އެހެންކަމުން، ކޮންމެ ބައްދަލުވުމަކާއި ސަލާމެއްގައިވެސް ހިނިތުންވުން އިސްކުރަމާ ހިނގާށެވެ. މި މުހިންމު ނަސޭހަތާއެކު، ހިނިތުންވުމަކުން މި ލިޔުން މިވަގުތަށް ނިންމާލަމެވެ.


