ބޭރުދުނިޔެ

ގުޅިފައިވާ އެއްމާބަނޑު ދެކުދިން ވަކިކުރުމަށްޓަކައި ބަލަންޖެހޭ ކަންކަން ބެލުމަށް ރިޔާޟަށް ގެންގޮސްފި

ޕާކިސްތާނުގެ ގުޅިފައިވާ އެއްމާބަނޑު ދެކުދިން، އެކުދިން ވަކިކުރުމުގެ އޮޕަރޭޝަނާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށްޓަކައި ސަޢޫދީ އަރަބިއްޔާގެ ރިޔާޟަށް ގެންގޮސްފިއެވެ.

ޕާކިސްތާނުގެ މި ދެކުދިން ކަމަށްވާ ސުފްޔާން އަދި ޔޫސުފް ސަޢޫދީއަށް ގެންގޮސްފައިވަނީ ޚާދިމުލް ޙަރަމައިނިއް ޝަރީފައިނި ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާއި ވަލީއަހުދު މުޙައްމަދު ބިން ސަލްމާންގެ ޚާއްޞަ އިރުޝާދުގެ ދަށުންނެވެ. ކިންގް ސަލްމާން ހިއުމަނިޓޭރިއަން އެއިޑް އެންޑް ރިލީފް ސެންޓަރުން (ކޭ.އެސް ރިލީފް) ހާމަކޮށްފައިވާ ގޮތުގައި، ދެކުދިންގެ އާއިލާއާއެކު އެކުދިން ރިޔާޟްގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އައިސްފައިވަނީ މިހަފުތާގެ ހޯމަ ދުވަހުއެވެ.

ރިޔާޟަށް އައުމާއެކު މި ދެކުދިން ވަނީ ސީދާ ސަޢޫދީ ނޭޝަނަލް ގާޑް ހެލްތު އެފެއާޒްގެ ދަށުން ހިންގާ ކިންގް ޢަބްދުﷲ ސްޕެޝަލިސްޓް ޗިލްޑްރަންސް ހޮސްޕިޓަލަށް ގެންގޮސްފައެވެ. އެތަނުގައި ދެކުދިންގެ ހާލަތު ފުރިހަމައަށް ވަޒަންކޮށް، ދެކުދިން ވަކިކުރުމުގެ އޮޕަރޭޝަން ކުރެވިދާނެތޯ ދިރާސާކުރެވޭނެއެވެ. ކޭ.އެސް ރިލީފުން މަޢުލޫމާތު ދިން ގޮތުގައި، އޮޕަރޭޝަން ކުރާނެ ތާރީޚެއް ކަނޑައެޅުމުގެ ކުރިން ދެކުދިންގެ ހާލަތު ވަރަށް ރަނގަޅަށް ބަލަންޖެހޭތީ، އެކަމަށް ގާތްގަނޑަކަށް ހަފްތާތަކެއް ނަގާނެއެވެ.

ޕާކިސްތާނުން ސަޢޫދީ އަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު ފާރޫޤް ވަނީ ޕާކިސްތާނުގެ ސަރުކާރާއި ރައްޔިތުންގެ ފަރާތުން ރަސްގެފާނަށާއި ވަލީއަހުދަށް ނުހަނު އިޚްލާޞްތެރި ޝުކުރެއް އަދާކުރައްވާފައެވެ. އަދި ކޭ.އެސް ރިލީފްގެ ސުޕަވައިޒާ ޖެނެރަލް ޑރ. ޢަބްދުﷲ އަލް-ރާބިއާ އާއި ސަޢޫދީގެ މެޑިކަލް ޓީމުން މި އާއިލާއަށް އުންމީދެއް ހޯދައިދިނުމަށް ކުރައްވާ މަސައްކަތަށް ސަފީރު ތަޢުރީފް ކުރެއްވިއެވެ. އޭނާ އިތުރަށް ވިދާޅުވީ، މިއީ އިންސާނިއްޔަތަށްޓަކައި ސަޢޫދީން ކުރާ މަތިވެރި މަސައްކަތެއް ކަމަށާއި، މީގެ ސަބަބުން ޕާކިސްތާނާއި ސަޢޫދީގެ ދެމެދުގައި އޮތް އަޚުވަންތަކަމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ.

ޑރ. އަލް-ރާބިއާ ވިދާޅުވި ގޮތުގައި، މި އިސްނެގުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތަފާތު ބަލިތަކާއި އުނދަގޫ ހާލަތްތަކުގައި ތިބޭ ކުޑަކުދިންނަށް އެހީތެރިވުމަށް ސަޢޫދީ އަރަބިއްޔާއިން ގެންގުޅޭ އިންސާނީ ސިޔާސަތުގެ ދަށުން ކުރެވޭ ކަމެކެވެ. ގުޅިފައިވާ އެއްމާބަނޑު ކުދިން ވަކިކުރުމުގެ ދާއިރާގައި ސަޢޫދީގެ މެޑިކަލް ޓީމުން ހޯދާފައިވާ ބޮޑެތި ކާމިޔާބީތަކުގެ ސަބަބުން، މިއަދު ސަޢޫދީއަކީ މި ދާއިރާގައި ދުނިޔޭގެ އިތުބާރު ލިބިފައިވާ، އަދި އެތައް އާއިލާއަކަށް އުންމީދު ދޭ މަރުކަޒަކަށް ވަނީ ވެފައެވެ.

ޕާކިސްތާނުގެ މި ދެކުދިންގެ އާއިލާއިން ވަނީ ސަޢޫދީ ސަރުކާރާއި ރައްޔިތުންގެ ފަރާތުން ލިބުނު ހޫނު މަރުޙަބާ އާއި، އެކުދިންގެ ކަންކަމުގައި ދެއްވި އަވަސް އިޖާބައަށްޓަކައި ނުހަނު ބޮޑަށް ޝުކުރު އަދާކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close