ޚަބަރު

މާފުށީގެ ހިއްކި ބިމާއި ރަށް ގުޅާލަން ހަދާ ބްރިޖުގެ މަސައްކަތް ފަށައިފި

މާފުށީގެ ހިއްކި ބިމާއި ރަށް ގުޅާލަން ހަދާ ބްރިޖުގެ މަސައްކަތް ފަށައިފި ކަމަށާއި، މިއީ އެރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ޙައްލެއް ހޯދުމަށް 2021 ވަނަ އަހަރު ހިއްކި 25 ހެކްޓަރުގެ ބިން ބޭނުންކުރަން ފެށުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެއް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

އެމްޓީސީސީން މަޢުލޫމާތު ދެއްވާގޮތުގައި، ދެ ރަށް ގުޅާލުމަށްޓަކައި ހަދާ 138 މީޓަރުގެ މި ބްރިޖުގެ ޢަމަލީ މަސައްކަތް މިހާރު ވަނީ ސައިޓުގައި ފަށާފައެވެ. މި މަޝްރޫޢަށް ބޭނުންވާ ޕްރީ-ކާސްޓް ކޮންކްރީޓް ބްލޮކްތަކުގެ ފުރަތަމަ ޝިޕްމަންޓް ވެސް މިހާރު ވަނީ މާފުއްޓަށް ގެންގޮސްފައެވެ. މި ބްރިޖު ފަރުމާކޮށްފައިވަނީ ބްރިޖުގެ ދަށުން ފަސޭހައިން އޮއި ދެމޭނެ ގޮތަށެވެ.

މި މަޝްރޫޢުގެ ތެރެއިން، ހިއްކި ސަރަޙައްދުގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ގޮނޑުދޮށް ގިރުމުން ސަލާމަތްކުރުމަށްޓަކައި 80 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުން މި މަޝްރޫޢުގައި ހިމެނެއެވެ.

ރާއްޖޭގެ ލޯކަލް ޓޫރިޒަމްގެ މައި ހަބުގެ ގޮތުގައި ބެލެވޭ މާފުއްޓަކީ 4000 އަށްވުރެ ބޮޑު އާބާދީއެއް އޮންނަ ރަށެކެވެ. ރަށުގެ ބިމުގެ ދަތިކަން ފިލުވުމަށް ހިއްކި އާ ސަރަޙައްދުން ކައުންސިލްގެ ފަރާތުން މިހާތަނަށް ވަނީ 2000 އަކަފޫޓުގެ 300 އަށްވުރެ ގިނަ ގޯތި ދޫކޮށްފައެވެ. މި ސަރަޙައްދަކީ ރައްޔިތުންގެ ބޯހިޔާވަހިކަމަށާއި އިޤްތިޞާދީ މަސައްކަތްތަކަށް ޚާއްޞަކުރެވިފައިވާ ސަރަޙައްދެކެވެ.

މީގެ އިތުރުން، އާބާދީ އިތުރުވަމުން އަންނަ މާފުށީގެ އަލަށް ހިއްކި ސަރަޙައްދުގައި އަސާސީ ޚިދުމަތްތައް ޤާއިމުކުރުމުގެ މަސައްކަތް ވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ. އެގޮތުން 185 މިލިއަން ރުފިޔާ ޚަރަދުކޮށްގެން، ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން މިދިޔަ ހަފްތާގައި ވަނީ ފަށާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close