ބޭރުދުނިޔެ

އިސްރާއީލުގެ ވަޒަންވެރިން ހިފާފައިވާ ހުޅަނގު އައްސޭރީގެ މިސްކިތެއްގައި ރޯކޮށްލައިފި

ހިފާފައިވާ ހުޅަނގު އައްސޭރީގައި ހުރި މިސްކިތަކަށް އިސްރާއީލުގެ ވަޒަންވެރިން ވަދެ، އެތަނުގައި ހަޑިހުތުރު ބަސްތައް ލިޔެ، އަލިފާން ރޯކޮށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށް ފަލަސްތީނުގެ މިނިސްޓްރީ އޮފް އެންޑޯމަންޓްސް އެންޑް ރިލިޖަސް އެފެއާޒް އިން ހާމަކޮށްފިއެވެ. މި ނާތަހުޒީބު އަމަލު ހިންގާފައިވަނީ ހޯމަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ.

ނާބްލަސް ކައިރީގައި އޮންނަ ތެލް އަވަށުގެ އަބޫބަކުރުއްސިއްދީގު މިސްކިތަށް ފަތިސް ނަމާދަށް ދިޔަ މީހުންނަށް ފެނުނީ، މިސްކިތުގެ ދޮރުމަތީގައި ރޯކޮށްލާފައިވާ އަލިފާންގަނޑަކުން ދުން އަރަމުންދިޔަ މަންޒަރެވެ. މި ހަމަލާގެ ސަބަބުން މިސްކިތުގެ ވަށައިގެން ހުރި ބިއްލޫރިތައް ތަޅައިގެން ގޮސް، މިސްކިތުގެ ދޮރަށާއި ވަދޭ ދޮރުމައްޗަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

މިސްކިތް ކައިރީގައި ދިރިއުޅޭ މުނީރު ރަމްޟާން ބުނި ގޮތުގައި، އޭނާ މިސްކިތުގެ ދޮރު ހުޅުވާލިއިރު ފެނުނު މަންޒަރުން ބޮޑު ސިހުމެއް ލިބުނެވެ. އޭނާ ބުނި ގޮތުގައި ސެކިއުރިޓީ ކެމެރާގެ ފުޓޭޖްތަކުން ފެންނަނީ، ދެ މީހަކު ޕެޓްރޯލާއި ސްޕްރޭ ދަަޅެއް ހިފައިގެން މިސްކިތާ ދިމާލަށް ގޮސް، އެތަނުގައި ރޯކޮށްލުމަށްފަހު ފިލައިގެންދާ މަންޒަރެވެ.

ފަލަސްތީނުގެ ކަމާބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، ފާއިތުވި އަހަރު އެކަނިވެސް އިސްރާއީލުގެ ވަޒަންވެރިން ވަނީ ހުޅަނގު އައްސޭރީގެ 45 މިސްކިތަކަށް މިފަދަ ލާއިންސާނީ ހަމަލާތައް ދީފައެވެ. މި ހާދިސާ ހިނގާފައިވަނީ މުޅި އިސްލާމީ އުންމަތް ބަރަކާތްތެރި ރަމަޟާން މަހުގެ އަޅުކަމުގައި ތިއްބައެވެ.

ތެލް އަވަށުގެ ރައްޔިތެއް ކަމަށްވާ ސާލިމް އިޝްތަޔާ ބުނީ، މިއީ ރޯދަވެރިންނަށް އަމާޒުކޮށް ގަސްދުގައި ދީފައިވާ ފުރައްސާރައެއް ކަމަށެވެ. އޭނާ ފާހަގަކުރި ގޮތުގައި މިއީ ހަމައެކަނި ވަކި ފަރުދަކަށް ދޭ ހަމަލާއެއް ނޫން ކަމަށާއި، މިއީ މުސްލިމުންގެ މުގައްދަސް ދީނަށާއި އަގީދާއަށް އަމާޒުކޮށްދޭ ހަމަލާއެކެވެ.

މި ހާދިސާއާ ގުޅިގެން އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި، ދީނީ ބިނާތަކަށް ގެއްލުން ދިނުން ކުށްވެރިކުރާ ކަމަށެވެ. ނަމަވެސް، ފަލަސްތީނުގެ ރައްޔިތުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ތުހުމަތުކުރާ ގޮތުގައި، އިސްރާއީލުގެ އިދާރާތަކުން މިފަދަ ހަމަލާތައްދޭ ވަޒަންވެރިންނާ މެދު އެކަށީގެންވާ ފިޔަވަޅެއް ނާޅައެވެ.

ފަހަކަށް އައިސް އިސްރާއީލުގެ ވަޒަންވެރިން ފަލަސްތީނުގެ ރައްޔިތުންނަށް ދޭ ހަމަލާތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން މިދިޔަ ހަފުތާގައި ވެސް ވަޒަންވެރިން ވަނީ ނަސްރުﷲ އަބޫ ސިޔާމް ނަމަކަށް ކިޔާ 19 އަހަރުގެ ފަލަސްތީނު ޒުވާނަކު ޝަހީދުކޮށްލާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close