ދީން

ސަޖިދައަށް ދާއިރު ފުރަތަމަ ޖައްސަންވީ ކަކޫތޯ ނުވަތަ ދެއަތްތިލަތޯ؟

ނަމާދަކީ އިސްލާމްދީނުގެ ދެވަނަ ރުކުނެވެ. އަދި ނަމާދުގެ ތެރެއިން އަޅާ އޭނާގެ ރައްބާ އެންމެ ބޮޑަށް ކުއްތަންވާ ވަގުތަކީ ސަޖިދައިގެ ވަގުތެވެ. ސަޖިދައަށް ދާއިރު ފުރަތަމަ ބިމުގައި ޖައްސަންވީ ކަކޫތޯ ނުވަތަ ދެއަތްތިލަތޯ، މިއީ އިލްމުވެރިންގެ މެދުގައި ވަރަށް ބޮޑަށް ޚިލާފު އުފެދިފައިވާ މަސްއަލައެކެވެ. މި މަސްއަލައިގައި އޮތް ދެ ރައުޔާއި އެއަށް ހުރި ދަލީލުތަކަށް ތިރީގައި ބަލާލާނަމެވެ.

1. ފުރަތަމަ ކަކޫ ޖެއްސުން (ޖުމްހޫރު އިލްމުވެރިންގެ ރައުޔު)

އިމާމް އަބޫ ޙަނީފާ، އިމާމް ޝާފިޢީ އަދި އިމާމް އަޙްމަދު ބިން ޙަންބަލް ފަދަ ގިނަ އިލްމުވެރިންގެ ނަޒަރުގައި، ސަޖިދައަށް ދާއިރު ފުރަތަމަ ބިމުގައި ޖައްސަންވީ ކަކުލެވެ. އެއަށްފަހު ދެއަތްތިލައެވެ.

މި ރައުޔުގެ ދަލީލު:
ވާއިލް ބިން ޙުޖްރު (ރަޟިޔަﷲ ޢަންހު) ވިދާޅުވިއެވެ:

ގުޅުންހުރި ލިޔުންތައް

“رَأَيْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذَا سَجَدَ وَضَعَ رُكْبَتَيْهِ قَبْلَ يَدَيْهِ، وَإِذَا نَهَضَ رَفَعَ يَدَيْهِ قَبْلَ رُكْبَتَيْهِ” (رواه أبو داود والترمذي والنسائي)މާނައީ: “ރަސޫލުﷲ ﷺ ސަޖިދައަށް ވަޑައިގަންނަވާއިރު، އެކަލޭގެފާނުގެ ދެއަތްޕުޅުގެ ކުރިން ދެކަކޫފުޅު ބިމުގައި ޖައްސަވާތީ ތިމަންކަލޭގެފާނު ދެކެވަޑައިގަތީމެވެ. އަދި (ސަޖިދައިން) ތެދުވެވަޑައިގަންނަވާއިރު، ދެކަކޫފުޅުގެ ކުރިން ދެއަތްޕުޅު އުފުއްލަވައެވެ.”

މި އިލްމުވެރިން ވިދާޅުވާ ގޮތުގައި މި ގޮތަކީ ނަމާދުގެ ހައިބަތާއި އަދަބުވެރިކަމާ އެންމެ ގާތް ގޮތެވެ.

2. ފުރަތަމަ ދެއަތްތިލަ ޖެއްސުން

އިމާމް މާލިކާއި، ބައެއް ޙަދީޘް ޢިލްމުވެރިން (މިސާލަކަށް އަލްބާނީ) ދެކެވަޑައިގަންނަވާ ގޮތުގައި ފުރަތަމަ ޖައްސަންވީ ދެއަތްތިލައެވެ.

މި ރައުޔުގެ ދަލީލު:
އަބޫ ހުރައިރާ (ރަޟިޔަﷲ ޢަންހު) ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ﷺ ޙަދީޘް ކުރެއްވިއެވެ:

“إِذَا سَجَدَ أَحَدُكُمْ فَلَا يَبْرُكْ كَمَا يَبْرُكُ الْبَعِيرُ وَلْيَضَعْ يَدَيْهِ قَبْلَ رُكْبَتَيْهِ” (رواه أبو داود والنسائي)މާނައީ: “ތިޔަބައިމީހުންގެ ތެރެއިން މީހަކު ސަޖިދައަށް ދާއިރު ޖަމަލު ތިރިވާ ފަދައިން ތިރިނުވާށެވެ. އަދި އޭނާގެ ދެކަކުލުގެ ކުރިން ދެއަތް ބިމުގައި ޖައްސާ ހުށިކަމެވެ.”

މި ރައުޔުގެ އިލްމުވެރިން ވިދާޅުވަނީ ޖަމަލު ތިރިވާއިރު ފުރަތަމަ ޖައްސަނީ އޭގެ ކުރީ ފައި (މިއީ އިންސާނާގެ ކަކުލާ އެއްފަދަ ގުނަވަނެއް ކަމަށް ބެލެވެއެވެ) ކަމުން، އެއާ ޚިލާފުވުމަށްޓަކައި އަތް ކުރިން ޖެއްސުން އައުލާކަން ބޮޑު ކަމަށެވެ. ނަމަވެސް އަނެއް ފަރާތުން ބުނަނީ ޖަމަލުގެ “ކަކޫ” ހުންނަނީ އޭގެ ކުރީ ފައިގައެވެ. އެހެންކަމުން ޖަމަލާ ޚިލާފުވާނީ ކަކޫ ކުރިން ޖައްސައިގެންނެވެ.

ކީރިތި ޤުރުއާނުގެ އިޝާރާތް

ކީރިތި ޤުރުއާނުގައި ސަޖިދައަށް ދާއިރު ގުނަވަންތައް ޖައްސަންޖެހޭ ތަރުތީބު ބަޔާންވެފައެއް ނުވެއެވެ. ނަމަވެސް ސަޖިދައިގެ މުހިންމުކަމާއި އޭގެ މަޤްޞަދު ބަޔާންކުރައްވާފައިވެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:

“يَا أَيُّهَا الَّذِينَ آمَنُوا ارْكَعُوا وَاسْجُدُوا وَاعْبُدُوا رَبَّكُمْ وَافْعَلُوا الْخَيْرَ لَعَلَّكُمْ تُفْلِحُونَ” (سورة الحج: 77)މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ރުކޫޢުކުރާށެވެ! އަދި ސަޖިދަކުރާށެވެ! އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް އަޅުކަންކުރާށެވެ! އަދި ހެޔޮކަންތައް ކުރާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި ނަސީބު ލިބުމަށްޓަކައެވެ.”

މި އާޔަތުން އެނގެނީ ސަޖިދައަކީ ﷲ އަށް ކިޔަމަންތެރިކަން އަދާކުރުމުގެ އެންމެ މަތިވެރި ސިފަ ކަމެވެ. އެހެންކަމުން، ސަޖިދައަށް ދާ ތަރުތީބަށްވުރެ ބޮޑަށް، ސަޖިދައިގައި ހުންނަ ހުޝޫޢަތްތެރިކަން މުހިންމެވެ.

ޚުލާޞާ

މި މައްސަލައަކީ ދީނުގެ ފަރުޢީ މަސްއަލައެކެވެ. އިލްމުވެރިންގެ މެދުގައި ދެބަސްވުން އޮތް ކަމަކަށް ވާތީ، މީގެ ތެރެއިން ކޮންމެ ގޮތަކަށް އަމަލުކުރި ކަމުގައިވިޔަސް ނަމާދު ފުރިހަމަވާނެއެވެ.

  1. ސިއްހީ ހާލަތު: މީހަކީ ބަލިމީހެއް ނުވަތަ އުމުރުން ދުވަސްވީ މީހެއް ނަމަ، އޭނާއަށް ލުއި ފަސޭހަ ގޮތަކަށް އަމަލުކުރުމަކީ އެންމެ ރަނގަޅު ގޮތެވެ.
  2. ޢިލްމީ ގޮތުން: ގިނަ އިލްމުވެރިން ބުރަވަނީ ކަކޫ ކުރިން ޖެއްސުމަށެވެ. ނަމަވެސް އަތް ކުރިން ޖެއްސުމުގެ ދަލީލަކީވެސް ވަރުގަދަ ދަލީލެކެވެ.

އިބްނުލް ޤައްޔިމް ރަޙިމަހުﷲ ވިދާޅުވާ ގޮތުގައި، މި ދެ ގޮތުންކުރެ ކޮންމެ ގޮތަކަށް އަމަލުކުރިޔަސް ނަމާދު ބާޠިލެއް ނުވާނެއެވެ. އެންމެ މުހިންމީ ރަސޫލުﷲ ﷺ ގެ ސުންނަތަށް ތަބާވުމުގެ ނިޔަތުގައި، ތިމާ އިތުބާރުކުރާ އިލްމުވެރިއެއްގެ ބަހަށް ނުވަތަ ތިމާއަށް ސާބިތުވާ ދަލީލަކަށް އަމަލުކުރުމެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close