ދީން

އަންހެނުންނަށް އެންމެ މާތްކަން ބޮޑީ މިސްކިތަށް ދިއުމަށްވުރެ ގޭގައި ނަމާދުކުރުން

މުސްލިމް އަންހެނާ ހަނދާންކުރަންޖެހޭ ކަމަކީ، އޭނާ މިސްކިތުގައި ކުރާ ނަމާދަށްވުރެ ގޭގައި ކުރާ ނަމާދުގެ މާތްކަން ބޮޑުވެގެންވާ ކަމެވެ. އެއީ މައްކާގެ މަސްޖިދުލް ޙަރާމް ކަމުގައި ވިޔަސް ނުވަތަ އެނޫން ތަނެއް ކަމުގައި ވިޔަސް މެއެވެ. އެހެނީ ރަސޫލާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ. “ތިޔަބައިމީހުންގެ އަންހެނުން މިސްކިތްތަކަށް ދިއުން މަނާނުކުރާށެވެ. ނަމަވެސް އެކަނބަލުންނަށްޓަކައި އެކަނބަލުންގެ ގެތައް މާ ހެޔޮވެގެންވެއެވެ.” (ރިވާކުރެއްވީ އަބޫ ދާވޫދު، 567).

ޝައިޚް އިބްނު އުޘައިމީން ވިދާޅުވެފައިވެއެވެ:

“ސުންނަތުން އެނގޭ ގޮތުގައި އަންހެނަކު ކޮންމެ ތަނެއްގައި ހުރި ކަމުގައިވިޔަސް، އެއީ މައްކާގައި ކަމަށްވިޔަސް ނުވަތަ އެހެން ތަނެއްގައި ކަމަށްވިޔަސް، އޭނާގެ ގޭގައި ނަމާދުކުރުން މާ މާތްވެގެންވެއެވެ. އެހެންކަމުން ރަސޫލާ ﷺ ޙަދީޘް ކުރައްވާފައިވަނީ: ‘ﷲ ގެ އަޅު އަންހެނުން ﷲ ގެ މިސްކިތްތަކަށް ދިއުން މަނާނުކުރާށެވެ. އެހެނަސް އެކަނބަލުންނަށް އެކަނބަލުންގެ ގެތައް މާ ހެޔޮވެގެންވެއެވެ.’ މިފަދައިން އިތުރު އެކަލޭގެފާނު ޙަދީޘް ކުރެއްވީ މަދީނާގައި ހުންނަވައެވެ. މަދީނާގެ މަސްޖިދުއް ނަބަވީގައި ނަމާދުކުރުމަކީ އިންތިހާއަށް މަތިވެރި އަދި މާތްވެގެންވާ ކަމެއް ކަމުގައިވީ ނަމަވެސް، އަންހެނަކު އޭނާގެ ގޭގައި ކުރާ ނަމާދަކީ އޭނާގެ ނިވާކަން ބޮޑު އަދި ފިތުނަތަކާ ދުރުވެގެންވާ ކަމެކެވެ. އެހެންކަމުން ގޭގައި ނަމާދުކުރުން އޭނާއަށް މާ މާތްވެގެންވެއެވެ.” (މަޞްދަރު: އަލް-ފަތާވާ އަލް-ޖާމިޢާ ލިލް-މަރްއަތިލް މުސްލިމާ، 1 ވަނަ ބައި، ޞަފްޙާ 207).

ގުޅުންހުރި ލިޔުންތައް

ޖަމާޢަތުގައި ނަމާދުކުރުމުން ލިބޭ އިތުރު ދަރުމައާއި ސަވާބަކީ ހަމައެކަނި ފިރިހެނުންނަށް ޚާއްޞަ ކަމެކެވެ. ރަސޫލާ ﷺ އަންހެން ބޭކަނބަލަކަށް ޙަދީޘް ކުރެއްވިއެވެ: “ކަމަނާ ތިމަންކަލޭގެފާނާއެކު ނަމާދުކުރަން ބޭނުންވާކަން ތިމަންކަލޭގެފާނަށް އެނގިވަޑައިގަނެއެވެ. ނަމަވެސް ކަމަނާގެ ގޭގައި ކުރާ ނަމާދު، ކަމަނާގެ ގައުމުގެ މީހުންގެ މިސްކިތުގައި ކުރާ ނަމާދަށްވުރެ ކަމަނާއަށް ހެޔޮވެގެންވެއެވެ…” (މި ޙަދީޘް ރިވާކުރެއްވީ އަޙްމަދު؛ އަލް-އަލްބާނީ ވަނީ މިއީ ޙަސަން ދަރަޖައިގެ ޙަދީޘެއްކަމަށް ބަޔާންކުރައްވާފައެވެ).

ނަމަވެސް މީގެ މާނައަކީ އަންހެނުން މިސްކިތަށް ދިއުން މަނާކުރުމެއް ނޫނެވެ. ޢަބްދުﷲ އިބްނު ޢުމަރު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ: ރަސޫލާ ﷺ ޙަދީޘް ކުރައްވަނިކޮށް ތިމަންކަލޭގެފާނު އެއްސެވީމެވެ: “ތިޔަބައިމީހުންގެ އަންހެނުން މިސްކިތަށް ދިއުމުގެ ހުއްދައަށް އެދިއްޖެނަމަ އެކަނބަލުން މަނާނުކުރާށެވެ.” އެހިނދު ބިލާލް އިބްނު ޢަބްދުﷲ ވިދާޅުވިއެވެ: “ﷲ ގަންދީ ބުނަމެވެ، ތިމަންމެން އެކަނބަލުން ހުއްޓުވާނަމެވެ!” ދެން ޢަބްދުﷲ އޭނާއާ ދިމާއަށް އެނބުރިވަޑައިގެން، ކުރިން ދުވަހަކުވެސް އިވިފައިނުވާ ފަދަ ހަރުކަށި ބަސްފުޅުތަކުން އޭނާއާ މުޚާތަބު ކުރައްވައި ވިދާޅުވިއެވެ: “ތިމަން މި ކިޔައިދެނީ ރަސޫލާ ﷺ ޙަދީޘް ކުރެއްވި ބަސްފުޅެވެ. އެކަލޭގެފާނު އެހެން ޙަދީޘް ކުރައްވާފައިވަނިކޮށް ‘ﷲ ގަންދީ ބުނަމެވެ، ތިމަންމެން އެކަނބަލުން ހުއްޓުވާނަމެވެ’ އޭ ތިބާ ބުނަނީ ހެއްޔެވެ؟!” (ރިވާކުރެއްވީ މުސްލިމް، 667).

އަންހެނުން މިސްކިތަށް ދިއުމުގައި ފުރިހަމަވާންޖެހޭ ޝަރުޠުތައް:

އަންހެނަކު މިސްކިތަށް ދާނަމަ، އަންނަނިވި ޝަރުޠުތައް ފުރިހަމަވާންޖެހެއެވެ:

  • ފުރިހަމަ ޙިޖާބުން ނިވާވެގެން ހުރުން.
  • ހުވަނދު (ވަސްދުވާ އެއްޗެހި) ބޭނުންކޮށްގެން ނުހުރުން.
  • ފިރިމީހާގެ ހުއްދަ ލިބިފައިވުން.
  • ބޭރަށް ނިކުތުމުގައި އެނޫންވެސް ޙަރާމް ކަމެއްގައި ބައިވެރިނުވުން (މިސާލަކަށް: މަޙްރަމަކާ ނުލައި ޑްރައިވަރަކާއެކު އެކަނި ކާރުގައި ދިއުން ފަދަ ކަންކަން).

އަންހެނަކު މި ޝަރުޠުތަކާ ޚިލާފުވާނަމަ، އޭނާގެ ފިރިމީހާއަށް ނުވަތަ ވަލީވެރިޔާއަށް އޭނާ ހުއްޓުވުމުގެ ޙައްޤު ލިބިގެންވެއެވެ. އަދި ކިއެއްތަ، އެއީ އެމީހެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ.

ތަރާވީޙް ނަމާދާ ގުޅޭގޮތުން، އަންހެނުން މިސްކިތަށް ގޮސް ތަރާވީޙް ކުރުމުގައި ޚާއްޞަ މާތްކަމެއް ވޭތޯ ޝައިޚް ޢަބްދުލް ޢަޒީޒާ ސުވާލުކުރުމުން ވިދާޅުވީ، އެފަދަ ޚާއްޞަ މާތްކަމެއް ނެތް ކަމަށެވެ. އަދި އަންހެނުން ގޭގައި ނަމާދުކުރުމުގެ މާތްކަން ބަޔާންކުރާ ޙަދީޘްތަކަކީ ޢާންމު ޙަދީޘްތަކެއް ކަމަށާއި، އޭގެ ތެރޭގައި ތަރާވީޙް ނަމާދާއި އެހެނިހެން ނަމާދުތައްވެސް ހިމެނޭ ކަމަށެވެ.

މިކަން އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.

ރިފަރެންސް: އިސްލާމްކިއުއޭ

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close