މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތަށް އެމް.އެމް.އޭ ސަރަހައްދާއި ހުޅުމާލެ ޕެޓްރޯލް ޖެޓީއަށް ވަގުތީ ގޮތުން ބަދަލުކުރި މުދަލާއި ފަސިންޖަރުން އުފުލާ އުޅަނދުތައް، އަލުން ނޯތު ހާބަރުގެ އޭ ޒޯނަށް ބަދަލުކުރަން ފަށައިފިއެވެ.
އެމްޕީއެލްއިން ބުނީ ބޮޑުތަކުރުފާނު މަގާވީ ފަރާތު ތޮށިގަނޑުގައި މިހާރު އުޅަނދުތަކަށް ބަނދަރު ކުރެވޭނެ ކަމަށެވެ.
އެމްޕީއެލުން ބުނިގޮތުގައި ނޯތު ހާބަރުގެ ޚިދުމަތްތައް އަލުން ފެށިއިރު، އެ ސަރަހައްދުން މީގެ ކުރިން ލިބެން ނެތް ފެނާއި ކަރަންޓުގެ ޚިދުމަތް އުޅަނދުފަހަރަށް ފޯރުކޮށްދިނުމުގެ މަސައްކަތް އެމްޕީއެލްގެ ޓީމުން މިހާރު ދަނީ ކުރަމުންނެވެ. މީގެ އިތުރުން ބަނދަރުގެ ރައްކާތެރިކަން އިތުރުކުރުމުގެ ގޮތުން، ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައި ހުރި ފައްތިޔާތަކުގެ ބަދަލުގައި 36 އައު ފައްތިއްޔާ ބުޑު ވަނީ ފައްތާފައެވެ.
އެމްޕީއެލްއިން ހާމަކުރި ގޮތުގައި އޭ ޒޯނުގެ މަސައްކަތްތަކަށްފަހު، ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ނޯތު ހާބަރުގެ ބީ ޒޯން ނުވަތަ ހުޅަނގު ފަރާތު ތޮށިގަނޑަށް އުޅަނދުތައް ބަދަލުކުރުމުގެ މަސައްކަތް ފެށުމަށް ވަނީ ތާވަލުކުރެވިފައެވެ. މި ބަދަލުތަކާއެކު އުޅަނދުފަހަރަށް ކުރިއަށްވުރެ ލުއިފަސޭހަކަމާއެކު ބަނދަރުގެ ޚިދުމަތްތައް ލިބިގެންދާނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...