ބޭރުދުނިޔެ

ސޫދާނުގެ ސިއްޙީ ޚިދުމަތްދޭ މަރުކަޒުތަކަށް ދިން ޙަމަލާތަކުގައި މިއަހަރު 69 މީހުން މަރުވެފައިވޭ – ޑަބްލިއު.އެޗް.އޯ

ސޫދާނުގެ ދާޚިލީ ހަނގުރާމައަށް ހަތަރު އަހަރު ފުރެން ގާތްވަމުންދާއިރު، މިއަހަރުގެ މިހާތަނަށް އެޤައުމުގެ ސިއްޙީ ޚިދުމަތްދޭ މަރުކަޒުތަކަށް ދިން ފަސް ޙަމަލާއެއްގައި އެތައް ބަޔަކު މަރުވެފައިވާކަމަށް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިއު.އެޗް.އޯ) އިން ހޮނިހިރު ދުވަހު ހާމަކޮށްފިއެވެ.

ސޫދާނުގެ އަސްކަރިއްޔާއާއި ރެޕިޑް ސަޕޯޓް ފޯސަސް (އާރު.އެސް.އެފް) އާ ދެމެދު ހިނގަމުންދާ ވަރުގަދަ ކުރިމަތިލުންތަކުގެ ސަބަބުން، ކުރިންވެސް ބަލިކަށިކޮށް އޮތް އެޤައުމުގެ ސިއްޙީ ނިޒާމު ވަނީ މުޅިން ފުނޑުފުނޑުވެފައެވެ. މިގޮތުން ސިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގެ ތިންބައިކުޅަ އެއްބަޔަށްވުރެ ގިނަ ތަންތަން މިހާރު ހުރީ އެއްކޮށް ޚިދުމަތް މެދުކެނޑިފައެވެ.

ޑަބްލިއު.އެޗް.އޯ ގެ އިސްވެރިޔާ ޓެޑްރޯސް އަދަނޮމް ގެބްރިއޭސަސް ‘އެކްސް’ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 2026 ވަނަ އަހަރުގެ ފުރަތަމަ 50 ދުވަހުގެ ތެރޭގައި ސޫދާނުގެ ސިއްޙީ ނިޒާމަށް އަމާޒުކޮށް ފަސް ޙަމަލާއެއް ދީފައިވާ ކަމަށެވެ. މި ޙަމަލާތަކުގައި 69 މީހުން މަރުވެ، 49 މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މިދިޔަ އާދީއްތަ ދުވަހު ސޫދާނުގެ އިރުދެކުނު ސެންނާރު ސްޓޭޓްގެ ހޮސްޕިޓަލަކަށް ދިން ޙަމަލާއެއްގައި ތިން ބަލިމީހުން މަރުވެ، ހަތް މީހަކަށް އަނިޔާވެފައިވާ ކަމަށް ޓެޑްރޯސް ވިދާޅުވިއެވެ. އަނިޔާވި މީހުންގެ ތެރޭގައި އެ ހޮސްޕިޓަލުގެ މުވައްޒަފަކުވެސް ހިމެނެއެވެ.

މީގެ އިތުރުން، މިމަހުގެ ކުރީކޮޅު ސޫދާނުގެ ދެކުނު ކުރުދުފާން ސަރަޙައްދުގެ މެޑިކަލް ސެންޓަރުތަކަށް އަމާޒުކޮށް ދިން ތިން ޙަމަލާއެއްގައި 30 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ. ވެރިރަށް ޚާރްތޫމްގެ ދެކުނުގައި އޮންނަ މި ސަރަޙައްދަކީ މިހާރު އެންމެ ވަރުގަދައަށް ހަނގުރާމަ ހިނގަމުންދާ އެއް ސަރަޙައްދެވެ.

2023 ވަނަ އަހަރުގެ އޭޕްރީލް މަހު ސޫދާނުގެ ދާޚިލީ ހަނގުރާމަ ފެށުނު ފަހުން، ސިއްޙީ ޚިދުމަތްދޭ ތަންތަނަށް މަދުވެގެން 206 ޙަމަލާއެއް ދީފައިވާކަން ޑަބްލިއު.އެޗް.އޯ އިން ކަށަވަރުކުރެއެވެ. މި ޙަމަލާތަކުގައި މިހާތަނަށް 2،000 އެއްހާ މީހުން މަރުވެ، އެތައް ސަތޭކަ ބަޔަކު ޒަޚަމްވެފައިވެއެވެ.

ޑަބްލިއު.އެޗް.އޯ ގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ހަމައެކަނި މިދިޔަ އަހަރު ތެރޭގައި ދިން 65 ޙަމަލާއެއްގައި 1،620 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ. މިއީ މުޅި ދުނިޔޭގައި ސިއްޙީ ދާއިރާއަށް އަމާޒުކޮށް ދިން ޙަމަލާތަކުގައި މަރުވި މީހުންގެ 80 އިންސައްތައެވެ.

މި ހަނގުރާމަ ފެށުނު ފަހުން ސޫދާނުން އެތައް ހާސް ބަޔަކު މަރުވެ، 11 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ގެދޮރު ދޫކޮށް ރައްކާތެރިކަން ހޯދަން މަޖުބޫރުވެފައެވެ. އދ. އިން ސިފަކުރާގޮތުގައި މިއީ މިހާރު ދުނިޔޭގައި އޮތް އެންމެ ނުރައްކާތެރި އިންސާނީ ކާރިސާއެވެ.

ޑަބްލިއު.އެޗް.އޯ އިން ހާމަކުރި ގޮތުގައި، ސޫދާނަށް މިހާރު ވަނީ އެކި ބަލިމަޑުކަންތަކާ ކުރިމަތިލާން ޖެހިފައެވެ. މީގެ ތެރޭގައި ކޮލެރާ، މަލޭރިއާ، ޑެންގީ އަދި ހިިިމަބިހީގެ އިތުރުން ކާނާއަށް ޖެހުމުގެ ނުރައްކާ ބޮޑުވެފައިވެއެވެ.

މިއަހަރު ސޫދާނުގެ 4.2 މިލިއަން މީހުންނަށް ކާނާގެ ދަތިކަން ކުރިމަތިވާނެ ކަމަށް ލަފާކުރެވޭއިރު، އޭގެ ތެރެއިން 800,000 އަށްވުރެ ގިނަ މީހުންނަށް ކާނާ ނުލިބުމުގެ ސަބަބުން ފުރާނައަށް ނުރައްކާވާ މިންވަރަށް ހާލަތު ގޯސްވާނެ ކަމަށް ޑަބްލިއު.އެޗް.އޯ ގެ އިސްވެރިޔާ ވިދާޅުވިއެވެ.

2026 ވަނަ އަހަރާ ހަމައަށްދާއިރު، ސޫދާނުގެ ގާތްގަނޑަކަށް 33 މިލިއަން މީހުންނަށް އިންސާނީ އެހީތެރިކަން ނުލިބި ހާލުގައި ޖެހޭނެ ކަމަށް ބެލެވެއެވެ. އަދި އދ. އިން ޖެނުއަރީ މަހު އިންޒާރު ދީފައިވާ ގޮތުގައި، އެހީގެ ގޮތުގައި ހުރި ތަކެތި މާރިޗު މަހުގެ ނިޔަލަށް ހުސްވާނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close