ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުގައި މަރުވި މީހުންގެ އަދަދު 75،000 އަށްވުރެ މައްޗަށް އަރައިފި

ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ އުދުވާނުގައި ޝަހީދުވި މީހުންގެ އަދަދު، ކުރިން އަންދާޒާކުރި މިންވަރަށްވުރެ އެތައް ގުނައެއް އިތުރުވެފައިވާކަން މިނިވަން ދިރާސާތަކުން ހާމަވެއްޖެއެވެ. ދުނިޔޭގެ ސިއްހީ ދާއިރާގެ އެންމެ އިތުބާރުހުރި މަޖައްލާތަކުގައި ޝާއިއުކޮށްފައިވާ ސައިންޓިފިކް ދިރާސާތަކުން ދައްކާގޮތުގައި، 2025 ވަނަ އަހަރުގެ ކުރީކޮޅާ ހަމައަށް 75،000 އަށްވުރެ ގިނަ މީހުން ވަނީ އަނިޔާވެރި ގޮތްގޮތަށް މަރާލާފައެވެ.
މި ދިރާސާތަކުން ހާމަވާ ގޮތުގައި، ޣައްޒާގެ މިނިސްޓްރީ އޮފް ހެލްތުން ނެރެމުންދާ ތަފާސްހިސާބުތަކަކީ ހަގީގަތުގައި ޝަހީދުވި މީހުންގެ އެންމެ ދަށް މިންވަރެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް ލިބެމުންދާ ގެއްލުންތަކުގެ ބޮޑުމިން މި ތަފާސްހިސާބުތަކުން ވަރަށް ސާފުކޮށް ކަށަވަރުވެގެންދެއެވެ.
‘ދަ ލާންސެޓް ގްލޯބަލް ހެލްތު’ މަޖައްލާގައި ޝާއިއުކޮށްފައިވާ ‘ޣައްޒާ މޯޓަލިޓީ ސާވޭ’ (GMS) އިން ދައްކާ ގޮތުގައި، 7 އޮކްޓޯބަރު 2023 އިން ފެށިގެން 5 ޖެނުއަރީ 2025 އާ ހަމައަށް 75،200 މީހުން ވަނީ އަނިޔާވެރިކަމުގެ ސަބަބުން މަރުވެފައެވެ. މިއީ ޣައްޒާގެ އާބާދީގެ ގާތްގަނޑަކަށް %3.4 އެވެ. އަދި މިއީ ހަމަ އެ މުއްދަތުގެ ތެރޭގައި ހެލްތު މިނިސްޓްރީން ރިޕޯޓުކޮށްފައިވާ 49،090 މީހުންނަށްވުރެ %34.7 އިތުރު އަދަދެކެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީގެ އެންމެ ފަހުގެ ހިސާބުތައް ދައްކާގޮތުން، ފެބްރުއަރީ 16 އާ ހަމައަށް މަދުވެގެން 72،063 މީހުން ވަނީ ޝަހީދުވެފައެވެ. މީގެ ތެރޭގައި 10 އޮކްޓޯބަރު 2025 ގައި “ހަމަލާ ބަދަލުކުރުން ހުއްޓާލާފައިވާ” ކަމަށް އިއުލާނުކުރި ފަހުން ޝަހީދުވި 603 މީހުންވެސް ހިމެނެއެވެ.
އިސްރާއީލުން މީގެ ކުރިން މިނިސްޓްރީގެ ހިސާބުތަކާ މެދު ސުވާލު އުފައްދަމުން ދިޔަ ނަމަވެސް، އިސްރާއީލު ސިފައިންގެ އޮފިޝަލަކު މިދިޔަ ޖެނުއަރީ މަހު ނޫސްވެރިންނާ ވާހަކަދައްކަމުން ވަނީ، މި ހަނގުރާމައިގައި ޣައްޒާއިން ގާތްގަނޑަކަށް 70،000 މީހުން މަރުވެފައިވާ ކަމަށް ސިފައިން ގަބޫލުކުރާ ކަމަށް ބުނެފައެވެ.
ދިރާސާވެރިން ފާހަގަކުރާ ގޮތުގައި، ޝަހީދުވި މީހުންގެ އަދަދު ކިތަންމެ މަތިވި ނަމަވެސް، އޭގެ ތެރޭގައި ހިމެނޭ މީހުންގެ ނިސްބަތް ހުރީ ހެލްތު މިނިސްޓްރީގެ ރިޕޯޓުތަކާ ދިމާވާ ގޮތަށެވެ. އެގޮތުން ޝަހީދުވި މީހުންގެ %56.2 އަކީ އަންހެނުންނާއި، ކުޑަކުދިންގެ އިތުރުން އުމުރުން ދުވަސްވީ މީހުންނެވެ.



