މާލެ ސަރަހައްދުގެ ހަތަރު މިސްކިތެއް އޭސީކޮށް ބޭނުންކުރަން ފަށައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަހަރުގެ ރިޔާސީ ބަޔާނުގައި ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް، މާލެ ސިޓީގެ ހަތަރު މިސްކިތެއް އޭސީކޮށް ރޭއިން ފެށިގެން ބޭނުންކުރަން ފަށައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވި ގޮތުގައި، މި މަޝްރޫއުގެ ދަށުން އޭސީ ކުރެވިފައިވަނީ މަސްޖިދުލް ފުރުޤާން، މަސްޖިދުލް ޖަލާލުއްދީން، ވިޔަފާރިވެރިންގެ މިސްކިތް އަދި ހުޅުމާލޭގައި ހުންނަ މަސްޖިދު އުމަރު ބިން ޚައްޠާބެވެ.
މި މަޝްރޫއަކީ 800 އަށްވުރެ ގިނަ މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭ މިސްކިތްތައް އޭސީކުރުމަށް ސަރުކާރުން ފެށި މަސައްކަތެކެވެ. މިގޮތުން ހަތަރު މިސްކިތުގެވެސް ނަމާދުކުރާ މައި ހޯލުގެ އިތުރުން އަންހެނުން ނަމާދުކުރާ ބައި މިހާރު ވަނީ އޭސީ ކުރެވިފައެވެ. ރައީސް މުއިއްޒު ވަނީ މި ބަރަކާތްތެރި ރަމަޟާން މަހުގެ ކުރިން މި މިސްކިތްތައް އޭސީކޮށް ނިންމަވާނެ ކަމަށް މީގެ ކުރިން ވައުދުވެވަޑައިގަންނަވާފައެވެ.
ތަރުޖަމާނު ފާހަގަކުރެއްވި ގޮތުގައި، މި ބަދަލާއެކު މިސްކިތްތަކުގައި އަޅުކަމުގައި ވަގުތު ހޭދަކުރައްވާ ފަރާތްތަކަށް ވަރަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެއެވެ. މިސްކިތްތައް ބެލެހެއްޓުމާއި މަރާމާތުކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދޭއިރު، މިއަހަރުވެސް މިސްކިތްތައް މަރާމާތު ކުރުމަށް 15 މިލިއަން ރުފިޔާ ވަނީ ބަޖެޓުކުރެވިފައެވެ. މީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތްތަކާއި އިސްލާމީ މަރުކަޒުތައް ބިނާކުރުމުގެ ގިނަ މަޝްރޫއުތަކެއް ސަރުކާރުން ދަނީ ހިންގަމުންނެވެ.

