ބަންގްލަދޭޝްގެ އާ ބޮޑުވަޒީރުގެ ހުވާކުރުމުގެ ރަސްމިއްޔާތަށް ރައީސް މުއިއްޒަށް ދައުވަތު

މިދިޔަ ބުރާސްފަތި ދުވަހު ބަންގްލަދޭޝްގައި ބޭއްވުނު އާންމު އިންތިޚާބަށްފަހު އެ ޤައުމުގެ އާ ބޮޑުވަޒީރު ތާރިގް ރަޙްމާން ހުވާކުރުމުގެ ރަސްމިއްޔާތަށް ރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ދައުވަތު ފޮނުއްވައިފިއެވެ. އަންނަ އަންގާރަ ދުވަހު ބަންގްލަދޭޝްގެ ޤައުމީ މަޖިލީހުގެ ސައުތު ޕްލާޒާގައި ބޭއްވުމަށް ހަމަޖައްސާފައިވާ މި ރަސްމިއްޔާތުގައި ބައިވެރިވުމަށް އެ ޤައުމުގެ ވަގުތީ ސަރުކާރުގެ އިސް މުޝީރު މުޙައްމަދު ޔޫނުސް ވަނީ ރާއްޖޭގެ އިތުރުން 12 ޤައުމެއްގެ ވެރިންނަށް ދައުވަތު ފޮނުއްވައިފައެވެ. ނަމަވެސް ރައީސް މުޢިއްޒު މި ރަސްމިއްޔާތަށް ވަޑައިގަންނަވާކަން އަދި ސާފެއް ނުވެއެވެ.
މިދިޔަ ހަފްތާގައި ބަންގްލަދޭޝްގައި ބޭއްވުނު އިންތިޚާބު ކާމިޔާބުކުރީ، މިދިޔަ އަހަރު އަވަހާރަވި ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިއާގެ ބީއެންޕީ އިސްވެ އުފައްދާފައިވާ ކޯލިޝަނުންނެވެ. ޤާނޫނު ހަދާ މަޖިލީހުގެ 299 ގޮނޑީގެ ތެރެއިން 212 ގޮނޑި އެ ކޯލިޝަނުން ކާމިޔާބުކުރިއިރު، އާ ބޮޑުވަޒީރަކަށް ވަޑައިގަންނަވަނީ އެ ޕާޓީގެ ޗެއާމަން އަދި ޚާލިދާގެ ދަރިކަލުން ތާރިގް ރަޙްމާނެވެ. މި ކާމިޔާބީއަށް ރައީސް މުޢިއްޒު ކުރިން ވަނީ މަރުޙަބާ ދަންވައިފައެވެ.
މި ރަސްމިއްޔާތަށް ދައުވަތު ދީފައިވާ ދެކުނު އޭޝިއާގެ ޤައުމުތަކުގެ ތެރޭގައި ރާއްޖޭގެ އިތުރުން އިންޑިއާ އާއި ޕާކިސްތާނާއި ސްރީލަންކާ އާއި ނޭޕާލް އަދި ބޫޓާން ހިމެނެއެވެ. މީގެ އިތުރުން ޗައިނާ އާއި ސައުދީ އަރަބިއްޔާ އާއި ތުރުކީގެ އިތުރުން ޔޫއޭއީ އާއި ޤަތަރާއި މެލޭޝިއާ އަދި ބުރުނާއީގެ ވެރިންނަށް ވެސް ދައުވަތު ފޮނުއްވާފައިވެއެވެ.
ބީއެންޕީން ބުނި ގޮތުގައި އެ ޕާޓީގެ ޚާރިޖީ ސިޔާސަތަކީ އެއްވެސް ޤައުމަކާ މެދުގައި ދުޝްމަންކަމެއް ނެތި، ހުރިހާ ޤައުމަކާ ގުޅިގެން މަސައްކަތް ކުރުމެވެ. ކުރީގެ ބޮޑުވަޒީރު ޝައިޚް ޙަސީނާގެ ވެރިކަން ވައްޓާލުމާ ގުޅިގެން އިންޑިއާއާ އެކު ގުޅުން ކުޑަކޮށް ގޯސްވި ނަމަވެސް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ފޮނުއްވި މަރުޙަބާގެ މެސެޖަށް އެ ޕާޓީން ވަނީ ޝުކުރު އަދާކޮށް، އިންޑިއާއާ އެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ތައްޔާރަށް އޮތްކަން ހާމަކޮށްފައެވެ.
ނޯބެލް ސުލްޙައިގެ އިނާމު ހާސިލުކުރައްވާފައިވާ އުމުރުން 85 އަހަރުގެ މުޙައްމަދު ޔޫނުސް ވަނީ ޝައިޚް ޙަސީނާގެ 15 އަހަރުގެ ވެރިކަން 2024 އޮގަސްޓްގައި ނިމުމަކަށް ގެނައުމުން ޤައުމު ހިންގުމާ ޙަވާލުވެ، އިންތިޚާބާ ހަމައަށް ހުރިހާ ކަމެއް ބަލަހައްޓަވައިފައެވެ. އޭނާގެ ސަރުކާރުން ވަނީ ޙަސީނާގެ އަވާމީ ލީގު މި އިންތިޚާބުގައި ވާދަކުރުން މަނާކޮށްފައެވެ. ޙަސީނާގެ ވެރިކަމާ ދެކޮޅަށް ކުރި މުޒާހަރާތަކުގައި މީހުން މެރި މައްސަލާގައި ޙަސީނާގެ ޣައިރު ޙާޟިރުގައި އޭނާގެ މައްޗަށް ވަނީ ދަންޖައްސައި މެރުމުގެ ހުކުމުގެ އިތުރުން ވެސް އެހެން ބޮޑެތި ހުކުމްތައް އިއްވައިފައެވެ.


