ޚަބަރު

ދައުލަތުގެ ދަރަނި ދެއްކެން އޮތީ ރައްޔިތުން ރައީސާ އެކު ތިބެގެން: ގާސިމް

ދައުލަތުގެ ދަރަނި ދެއްކެން އޮތީ ރައްޔިތުން ރައީސާ އެކު ތިބިކަން ދައްކުވައިދީގެން ކަމުގައި ގާސިމް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވީ، މި އަހަރު ރާއްޖެއިން ދައްކަންޖެހޭ ބޮޑެތި ދަރަނިތައް އަދާކުރެވޭނެ މަގެއް ހޯދެން އޮތީ، ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު ދިވެހި ރައްޔިތުން ތިބިކަން އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި ދައްކުވައިދީގެން ކަމަށެވެ. ގާސިމް މިހެން ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓުންނަށް ޓިކެޓު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައެވެ.

ލޯކަލް ކައުންސިލް އިންތިޚާބު އަންނަ އޭޕްރީލް 4 ގައި ބާއްވަން ހަމަޖެހިފައިވާއިރު، ޖުމްހޫރީ ޕާޓީން ވަނީ އެ އިންތިޚާބުގައި މާމިގިލީ ދާއިރާ ފިޔަވައި އެހެން ހުރިހާ ގޮނޑިތަކަށް ވެރިކަން ކުރާ ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދުކުރުމަށް ނިންމާފައެވެ. ގާސިމް ވިދާޅުވީ، މި ނިންމުން ނިންމީ ގައުމަށް އެއްވެސް އިތުރު ލޮޅުމެއް އައުމަށް ފުރުސަތު ނުދިނުމަށްޓަކައި ކަމަށާއި، މިއީ ގައުމީ މަސްލަހަތު އިސްކޮށްގެން ނިންމި ނިންމުމެއް ކަމަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ގާސިމް ފާހަގަކުރެއްވީ، މި ގައުމަށް އޭނާ ވެސް ހިއްސާވެގެން ގެނައި ޑިމޮކްރަސީ މިހާރު ރަނގަޅަށް ނޫންކަމަށެވެ. ޚާއްސަ ގޮތެއްގައި، ރާއްޖޭގައި މިހާރު ޑިމޮކްރަސީ އޮތް ގޮތުން ގިނަ ގޯސްތަކެއް ފާހަގަކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. ކޮންމެ ވެރިކަމެއްގައި އިންތިޚާބުތަކާ ދިމާކޮށް “ހިތަށް އެރި ގޮތަކަށް” ޚަރަދުކުރަމުން އައިސްފައިވާ ކަމަށާއި، އޭގެ ސަބަބުން ގައުމު ބޮޑެތި ދަރަނިތަކުގައި ޖެހިފައިވާ ކަމަށް ގާސިމް އިތުރަށް ވިދާޅުވިއެވެ.

މި އަހަރު ރާއްޖެއިން ދައްކަންޖެހޭ ދަރަންޏަށް އިޝާރާތް ކުރައްވައި ގާސިމް ވިދާޅުވީ، “މި ލޯނުތައް ދައްކާނެ މަގެއް ވެސް އެ މަނިކުފާނަށް ހޯއްދެވޭނީ ވެސް އަޅުގަނޑުމެންގެ ސޮލިޑާރިޓީ، ދިވެހި ރައްޔިތުންގެ އެއްބާރުލުން އެ މަނިކުފާނާ އެކީ އޮތްކަން އަޅުގަނޑުމެން ފުރިހަމައަށް ދައްކުވައިދީގެން” ކަމަށެވެ. އޭނާ އިތުރަށް ގޮވައިލެއްވީ ގައުމުގެ މަސްލަހަތާއި އަމާންކަމަށްޓަކައި ޕީއެންސީއަށް ވޯޓު ދިނުމަށެވެ.

ގާސިމް ސުވާލުކުރެއްވީ، މާލޭ ސިޓީ ކަމަށްވިޔަސް، އައްޑޫ ސިޓީ ކަމަށްވިޔަސް، ކުޅުދުއްފުށި ވިޔަސް ނުވަތަ އެހެން ތަނެއް ވިޔަސް، ޕީއެންސީގެ މެންބަރަކަށް ނޫން ބަޔަކަށް ވޯޓު ދީގެން އަންނަ ތިން އަހަރުގެ ތެރޭގައި ރައްޔިތުންނަށް ކޮން ކަމެއް ކުރެވޭނެތޯއެވެ. އެއާއެކު އޭނާ ވަނީ، ކައުންސިލްތަކަށް ދައުލަތުން ފައިސާ ލިބޭނީ ވެސް ސަރުކާރުން ދިނީމާ ކަމަށާއި، އެ ފައިސާ ނުދިނަސް ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށް ވިދާޅުވެ އިންޒާރު ދެއްވައިފައެވެ. އިދިކޮޅަށް ވޯޓު ދީގެން، “ބޭނުން ނެތް ކަމެއް ކުރަނީ” ކީއްކުރަންތޯ އޭނާ ސުވާލު އުފެއްދެވިއެވެ.

ރާއްޖެއިން މި އަހަރުގެ އޭޕްރީލް މަހު އެއްފަހަރާ ދައްކަންޖެހޭ 500 މިލިއަން ޑޮލަރު ހިމެނޭހެން، ޖުމްލަ 1.1 ބިލިއަން ޑޮލަރުގެ ދަރަނި އަދާކުރަންޖެހެއެވެ. އެއީ 15 ބިލިއަން ރުފިޔާއަށް ވުރެ އިތުރު އަދަދެކެވެ. ސަރުކާރުން މި ދަރަނި ދެއްކޭނެ ކަމުގެ ޔަގީންކަން ދީފައިވާއިރު، އިދިކޮޅު ފަރާތްތަކުން އަންނަނީ އެ ފައިސާ ދައްކާނެ ގޮތާ ގުޅޭގޮތުން ޝައްކުތައް އުފައްދައި ތުހުމަތުތައް ކުރަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close