ގައުމުގެ މަސްލަހަތަށްޓަކައި ކައުންސިލް އިންތިހާބުގައި ޕީއެންސީއަށް ވޯޓު ދޭން ގާސިމް ގޮވާލައްވައިފި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ގައުމުގެ މަސްލަހަތާއި އަމާންކަމަށްޓަކައި ވޯޓު ދޭންވީ ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓުންނަށް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެއެވެ.
އދ. މާމިގިލި އަދި ފެންފުށީ ކައުންސިލް ފިޔަވައި އެހެން ހުރިހާ ރަށަކުން ޕީއެންސީއަށް ތާއީދުކުރަން އެ ޕާޓީން ނިންމާފައިވާއިރު، ގާސިމް ވިދާޅުވީ އިދިކޮޅު ކެންޑިޑޭޓުންނަށް ވޯޓު ދިނުމަކީ ބޭނުމެއް އޮތް ކަމެއް ނޫން ކަމަށާއި، ސަރުކާރާ އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރުން މުހިންމު ކަމަށެވެ.
ގާސިމް ފާހަގަކުރެއްވި ގޮތުގައި ކުރީ ސަރުކާރުން ގައުމު ބަނގުރޫޓްވުމުގެ ހާލަތަށް ވައްޓާލާފައި އޮތް ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ އެކަމުން އަރައިގަތުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. ކައުންސިލްތައް ހިންގުމަށް ދައުލަތުގެ ބަޖެޓަށް ބަރޯސާވާންޖެހޭއިރު، ސަރުކާރު ނޫން ބަޔަކަށް ކައުންސިލްތައް ދީގެން ކުރިއަށް އޮތް ތިން އަހަރު އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށާއި، ރަށަށް ތަރައްގީ ބޭނުންނަމަ އިންތިހާބު ކުރަންވީ ސަރުކާރުގެ ކެންޑިޑޭޓުން ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވިއެވެ.
މީގެ އިތުރުން، ގައުމުގެ އިސްތިގުލާލާއި ދަރަނި ދެއްކުމުގެ މުހިންމު މަސައްކަތުގައި ރައީސް މުއިއްޒަށް އެއްބާރުލުން ދޭންޖެހޭ ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި ސަރުކާރު ހިންގުން ފަސޭހަކުރުމަށްޓަކައި ގާނޫނުއަސާސީއަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށާއި، އޭރަކު އޮންނަ ސަރުކާރަކަށް މަޖިލީހުގެ އަޣުލަބިއްޔަތު އޮތުމުގެ މުހިންމުކަން ފާހަގަކުރައްވައި، އެ ބަދަލުތައް ގެންނަން ރައީސަށް ކެރިވަޑައިގަންނަވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.


