ޖަރުމަނަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް-ވޯލްޓާ ޝްޓައިންމަޔާގެ ދައުވަތަކަށް އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު މާލެ ވަޑައިގެންފިއެވެ.
މި ދަތުރުފުޅުގައި ދެ ގައުމުގެ އިސްވެރިން ބޭއްވެވި ބައްދަލުކުރެއްވުންތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައިވަނީ ބައިނަލްއަޤުވާމީ މައިދާންތަކުގައި ދެ ޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުންނެވެ. އަދި ދެ ޤައުމުގެ މަސްލަހަތު އެކުލެވޭ ކަންކަމުގައި، މަތީ ފަންތީގެ މަޝްވަރާތަކާއި ރަސްމީ އެއްބަސްވުންތަކުގެ އެހީގައި ގުޅުން ސިންދަފާތުކޮށް، އެ ގުޅުން އައު އުސްމިންތަކަކަށް ގެންދިއުމަށް ދެ ގައުމުން ވަނީ އެއްބަސްވެފައެވެ.
މި ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ވަނީ ބާލިންގެ ހުމްބޯލްޑްޓް ޔުނިވާސިޓީއަށް ޒިޔާރާތްކުރައްވައި، މޫސުމީ ބަދަލުތަކަށް ވިލުންވެރިވުމުގައި ރާއްޖެއިން ހޯދާފައިވާ ތަޖުރިބާތަކުގެ މައްޗަށް ބައްލަވާލައްވައި ހާއްސަ ތަޤުރީރެއް ދެއްވާފައެވެ. މީގެ އިތުރުން، ޚާރިޖީ ސިޔާސަތުގައި ކަނޑުތަކުގެ މުހިންމުކަމާ ބެހޭގޮތުން، ޖާމަން ކައުންސިލް އޮން ފޮރިން ރިލޭޝަންސް (ޑީޖީއޭޕީ) ގައިވެސް އެމަނިކުފާނު ވަނީ ތަޤުރީރު ކުރައްވާފައެވެ.
ރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުން ފާހަގަކުރުމަށް އެ ގައުމުގައި ބޭއްވި ރަސްމީ ޖާފަތުގައިވެސް ރައީސް ޑރ. މުއިއްޒު ވަނީ ބައިވެރިވެވަޑައިގެންފައެވެ. މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަން ރަމްޒުކޮށްދިން މުހިންމު ހަރަކާތެކެވެ.
މި ދަތުރުފުޅަކީ ރާއްޖެއާއި ޖަރުމަނާ ދެމެދު އޮތް ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް މަގުފަހިވެގެންދިޔަ ކާމިޔާބު ދަތުރުފުޅެއްކަމަށް ސަރުކާރުން ހާމަކުރެއެވެ.

