ޚަބަރު

ބަންގްލަދޭޝްގެ އިންތިޚާބު ކާމިޔާބުކުރި ބީއެންޕީ އަށް ރައީސް މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެ

ބަންގްލަދޭޝްގައި ބޭއްވި 13 ވަނަ އާންމު އިންތިޚާބު ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އިން ކާމިޔާބު ކުރުމާ ގުޅިގެން، އެ ޕާޓީގެ އެކްޓިން ޗެއާމަން ތާރިގު ރަހުމާނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ.

ރައީސް ކުރެއްވި އެކްސް ޕޯސްޓެއްގައި ބީއެންޕީން ހޯދި ބޮޑު ކާމިޔާބީ ފާހަގަކުރައްވައި، ރާއްޖެއާއި ބަންގްލަދޭޝްގެ ޒަމާންވީ ގުޅުން އައު ސަރުކާރާއެކު އިތުރަށް ބަދަހިކުރަން އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

މި އިންތިޚާބުގެ ރަސްމީ ނަތީޖާ އަދި އިޢުލާން ނުކުރި ނަމަވެސް، ލޯކަލް މީޑިއާ ރިޕޯޓްތަކުން ދައްކާ ގޮތުގައި 300 ގޮނޑީގެ ތެރެއިން 212 ގޮނޑި ކާމިޔާބުކޮށް ބީއެންޕީން ވަނީ މަޖިލީހުގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތު ހޯދާފައެވެ. މި ކާމިޔާބީއާއެކު ބަންގްލަދޭޝްގެ ބޮޑުވަޒީރުކަމަށް ވަޑައިގަންނަވާނެ ކަމަށް ބެލެވެނީ 17 އަހަރު އަރުވާލެވިގެން އުޅުއްވުމަށްފަހު އެނބުރި ޤައުމަށް ވަޑައިގެންނެވި ތާރިގު ރަހުމާނެވެ. މީގެއިތުރުން ޖަމާޢަތޭ އިސްލާމީ ޕާޓީ ހިމެނޭ އިއްތިޙާދުން ވެސް ވަނީ 76 ގޮނޑި ކާމިޔާބުކޮށް ބޮޑު ކުރިއެރުމެއް ހޯދާފައެވެ.

މިއީ 2024 ވަނަ އަހަރުގެ ރައްޔިތުންގެ އުތުރިއެރުމުގައި ޝެއިޚް ހަސީނާގެ ސަރުކާރު ވެއްޓުނު ފަހުން ބޭއްވި ފުރަތަމަ އިންތިޚާބެވެ. މިފަހަރުގެ އިންތިޚާބުގައި ވޯޓުލީ މީހުންގެ ނިސްބަތް 59.44 އިންސައްތައަށް އަރާފައިވާއިރު، މިއީ ފާއިތުވި އިންތިޚާބާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ. ބަންގްލަދޭޝްގެ މި ތާރީޚީ ބަދަލާ ގުޅިގެން ރާއްޖޭގެ އިތުރުން އެމެރިކާ، އިންޑިއާ އަދި ޕާކިސްތާނުން ވެސް ވަނީ ތާރިގު ރަހުމާނަށާއި ބީއެންޕީއަށް މަރުޙަބާ ކިޔާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close