ރަޝިޔާގައި ވަޓްސްއެޕް މަނާކޮށް އަމިއްލަ އެޕްލިކޭޝަނަކަށް ބަދަލުވާން އަންގައިފި

ރަޝިޔާގައި ވަޓްސްއެޕް ބޭނުންކުރުން މަނާކޮށް އަމިއްލަ އެޕްލިކޭޝަނަކަށް ބަދަލުވާން އަންގައިފިއެވެ.
ރަޝިޔާ ސަރުކާރުން މިހާރު ރަސްމީކޮށް ވަޓްސްއެޕް ބޭނުންކުރުން މަނާކޮށްފައިވާއިރު، މި ފިޔަވަޅު އަޅަން ޖެހުނީ ގައުމީ ގާނޫނުތަކަށް އެ ކުންފުނިން އިހުތިރާމް ނުކުރާތީ ކަމަށް ރަޝިޔާގެ ތަރުޖަމާނަކު ވިދާޅުވިއެވެ. މި ބަދަލާ ގުޅިގެން ރަޝިޔާގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ “މެކްސް” ބޭނުންކުރުމަށް ސަރުކާރުން ވަނީ ރައްޔިތުންނަށް އިރުޝާދު ދީފައެވެ.
ރަޝިޔާ ސަރުކާރުން ވަޓްސްއެޕް ބްލޮކްކުރުމަށް ނިންމާފައިވަނީ މީގެ ކުރިން ވެސް އެ ކުންފުންޏަށް ޤައުމީ ޤާނޫނުތަކުގެ ދަށުން ޑޭޓާ ހިފެހެއްޓުމާއި ހިއްސާކުރުމަށް އެދިފައިވާ ދަނޑިވަޅެއްގައެވެ. ދައުލަތުގެ ތާއީދު އޮންނަ “މެކްސް” ޕްލެޓްފޯމަކީ ހަމައެކަނި މެސެޖުކުރުމުގެ އިތުރުން ސަރުކާރުގެ ހިދުމަތްތައް ހޯދުމާއި ފައިސާގެ މުއާމަލާތްތައް ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ އެޕްލިކޭޝަނެކެވެ. ސަރުކާރުން އުންމީދުކުރަނީ މި ފިޔަވަޅުގެ ސަބަބުން ރަޝިޔާގެ ޓެކްނޮލޮޖީ ދާއިރާ ކުރިއެރުމަށް އެހީތެރިވެދޭނެ ކަމަށެވެ.
ނަމަވެސް، މި ބަދަލާ މެދު ސައިބަރ ސެކިއުރިޓީ ތަޖުރިބާކާރުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ވަޓްސްއެޕަކީ މުއާމަލާތްތައް އެންކްރިޕްޓްކޮށް ސިއްރު ހިފަހައްޓާ އެޕެއް ނަމަވެސް، “މެކްސް” އިން މުއާމަލާތްތައް އެންކްރިޕްޓެއް ނުކުރެއެވެ. އަދި ސަރުކާރުން އެދެފި ނަމަ ބޭނުންކުރާ މީހުންގެ ޑޭޓާ ހިއްސާކުރާނެ ކަމަށް އެ ޕްލެޓްފޯމުން ފާޅުގައި ބުނެފައިވާތީ، މިއީ އާންމުންގެ ޒާތީ މައުލޫމާތު ހާމަވެގެންދާނެ ކަމެއް ކަމަށް ތަޖުރިބާކާރުން އިންޒާރުދެއެވެ.
މި ނިންމުމާ ގުޅިގެން ވަޓްސްއެޕްގެ ތަރުޖަމާނަކު ވިދާޅުވެފައިވަނީ، “ރައްކާތެރިކަމާ އެކު ޒާތީ މުއާމަލާތްތައް ހިންގުމުގެ ފުރުސަތު 100 މިލިއަން މީހުންނަށް ގެއްލުވާލުމަކީ ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށާއި، އަދި މިއީ ރަޝިޔާގެ އާންމުނަށް އިތުރަށް ކުރިމަތިވާނެ ނުރައްކަލެއް” ކަމަށެވެ. ވަޓްސްއެޕުން މިހާރު ވެސް އަންނަނީ އެ ކުންފުނީގެ ހިދުމަތް ބޭނުންކުރާ މީހުންނަށް ގޮތްތަކެއް ހޯދައިދިނުމަށް މަސައްކަތް ކުރަމުން ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
ޔުކްރެއިން ހަނގުރާމައާ ގުޅިގެން ރަޝިޔާގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރަމުންދާ ކަމަށް ބުނެ ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކުން އަންނަނީ ފާޑުކިޔަމުންނެވެ.
ވަޓްސްއެޕްގެ އިތުރުން އެކްސް (ކުރީގެ ޓްވިޓަރ)، ފޭސްބުކް އަދި އިންސްޓަގްރާމް ވެސް ރަޝިޔާގައި ވަނީ ބްލޮކްކޮށްފައެވެ. އަދި މިހާރު ޓެލެގްރާމާއި ޔޫޓިއުބް ބޭނުންކުރުމަށް ވެސް އެކި ހުރަސްތައް ދަނީ ކުރިމަތިކުރުވަމުންނެވެ.
ރަޝިޔާ ސަރުކާރުން ބުނާ ގޮތުގައި މިފަދަ ފިޔަވަޅުތައް އަޅަން ޖެހެނީ ޓެރަރިޒަމާއި މަކާރާއި ހީލަތުގެ އަމަލުތައް ހިންގާ މީހުންގެ މައުލޫމާތު ހޯދުމަށް ބޭރުގެ އެޕްލިކޭޝަންތަކުން އެއްބާރުލުން ނުދޭތީއެވެ. މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ގިނަ ބަޔަކު ވަޓްސްއެޕް ބޭނުންކުރަމުން އައީ ވީޕީއެން މެދުވެރިކޮށް ނަމަވެސް، މިހާރު ވަނީ އެ ފުރުސަތުތައް ވެސް ބަންދުކުރަން ފަށާފައެވެ.
މިކަމުގެ ސަބަބުން ރަޝިޔާގެ އާންމުންނަށް ބޭނުންވާ މައުލޫމާތުތައް ހޯދުމަށް އިތުރު ދަތިތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ބެލެވެއެވެ.




