ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ދެ ފިރިހެނަކު ހައްޔަރުކޮށްފި

އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކު ގްރޫމްކޮށް، އެ ކުއްޖާއަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހދ. ކުޅުދުއްފުށީގެ ދެ ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ދިވެހިފުލުހުންގެ ޚިދުމަތުން ވިދާޅުވިގޮތުގައި މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނާއި، ކްރައިމް އިންޓެލިޖެންސް އަދި އަތޮޅު ތެރޭގެ ޕޮލިސް ސްޓޭޝަނެއް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. ކުޑަކުއްޖަކަށް ލިބުނު އަނިޔާއަކަށް ވާތީ، ޝިކާރައަކަށްވި ކުއްޖާގެ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.
މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ކުޅުދުއްފުށީ، ކަސްތޫރިގެ، މުހައްމަދު އިހްސާން (21އ) އާއި އެ ރަށު ސިލްވާސްޓާ، އަލީ ހަސަން (44އ) އެވެ. މީގެ ތެރެއިން އިހުސާން ހައްޔަރުކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހުއެވެ. އަދި އަލީ ހަސަން ހައްޔަރުކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
މި ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އިހުސާންގެ ބަންދުގެ މުއްދަތު އަންނަ މާޗު މަހުގެ 6 ވަނަ ދުވަހާ ހަމައަށް ވަނީ އިތުރުކޮށްފައެވެ. އަދި އަލީ ހަސަންގެ ބަންދުގެ މުއްދަތު އަންނަ މާޗު މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ދަމަހައްޓަން ކޯޓުން ވަނީ އަމުރުކޮށްފައެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.



