ޚަބަރު ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުމުގެ ގުރުއަތުލުން ބާއްވައިފި

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުމުގެ ގުރުއަތުލުން ބާއްވައިފި

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުމުގެ ގުރުއަތުލުން ބާއްވައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވާދަކުރާ ޝަރުޠު ހަމަވެފައިވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށްޓަކައި ބާއްވާ ގުރުއަތުލުން މިއަދު އެކި ރަށްރަށުގައި ކުރިއަށް ގެންގޮސްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން އިންތިޒާމުކޮށްގެން، އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބުގެ ކެންޑިޑޭޓުންގެ ނަންތައް ބެހެއްޓޭނެ ތަރުތީބު ކަނޑައެޅުމުގެ މި މަސައްކަތް ކުރިއަށްދިޔައީ މިއަދު ހެނދުނު 10:00 ގައި ރާއްޖޭގެ ހުރިހާ ރަށެއްގައި އެއްވަގުތެއްގައެވެ.

މާލެ ސިޓީގެ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމުގެ ގުރުއަތުލުން އިންތިޚާބާ ބެހޭ މަރުކަޒުގައި ކުރިއަށްދިޔައިރު، އެހެން ސިޓީތަކާއި ރަށްތަކުގައި މި ހަރަކާތް ކުރިއަށްދިޔައީ އެ ރަށެއްގެ ކައުންސިލް އިދާރާގައި ނުވަތަ ކައުންސިލުން ކަނޑައެޅި ޚާއްޞަ ތަންތަނުގައެވެ. މިއީ އިންތިޚާބުގެ ކުރިން ކެންޑިޑޭޓުންނަށް ލިބޭ އިންތިޚާބީ ނަންބަރު ކަނޑައެޅުމަށް ބާއްވާ މުހިންމު ހަރަކާތެކެވެ.

މިއަދު ބޭއްވި ގުރުއަތުލުމުގައި ރާއްޖޭގެ ދެ ރަށެއް ފިޔަވައި ހުރިހާ ރަށެއްގައި ވަނީ ނަންތައް ތަރުތީބުކޮށފައެވެ. ގުރުއަތުލުން ނުބާއްވަނީ ކ. ތުލުސްދޫއާއި ކ. ގުރައިދޫގައެވެ. އެ ދެ ރަށުގައި ގުރުއަތުލުން ކުރިއަށް ނުގެންދިޔައީ އެ ރަށްތަކުގެ އިންތިޚާބާ ގުޅޭ މައްސަލައެއް ކޯޓުގައި ހިނގަމުންދާތީ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރެއެވެ.

މިފަހަރުގެ އިންތިޚާބުގައި ވާދަކުރުމަށް 2,994 ކެންޑިޑޭޓުން ފޯމު ހުށަހެޅި ނަމަވެސް، 67 ކެންޑިޑޭޓަކު ނަން އަނބުރާ ގެންދިއުމާ ގުޅިގެން މިހާރު ވާދަކުރަނީ 2,927 ކެންޑިޑޭޓުންނެވެ. އިލެކްޝަންސް ކޮމިޝަނުން ބުނިގޮތުގައި، ނަން ތަރުތީބުކޮށްފައިވާ ކެންޑިޑޭޓުންގެ ދާއިމީ ލިސްޓް އަންނަ ހޮނިހިރު ދުވަހު ރަސްމީކޮށް އިޢުލާނު ކުރާނެއެވެ.

މި އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 ކައުންސިލަރުން އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށްވެސް އެ އަދަދަށް މެންބަރުން އިންތިޚާބު ކުރާނެއެވެ. މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ޖުމްލަ 294,937 މީހުންނަށް ލިބިގެންވެއެވެ.

ޓެގް

އިންތިޚާބު ކައުންސިލް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.