ޚަބަރު

ބޯހިޔާވަހިކަމުގެ ސްކީމަށް 3600އަށްވުރެ ގިނަ ފޯމު ހުށަހަޅައިފި: ފްލެޓަށް ބޮޑު ޑިމާންޑެއް

އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބެހޭ ވަޒީރު ވިދާޅުވީ، ގިނަ ފަރާތްތަކުން ވަގުތީ ބޯހިޔާވަހިކަމަށް ބޭނުންވެފައިވާކަމަށް

ސަރުކާރުގެ “ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން ހުޅުވާލި ބޯހިޔާވަހިކަމުގެ ސްކީމަށް މިހާތަނަށް 3600އަށްވުރެ ގިނަ ފޯމު ހުށަހަޅާފައިވާކަމަށާއި، މީގެތެރެއިން ފްލެޓަށް އޮތް ޑިމާންޑު ބޮޑުކަމަށް ފާހަގަކުރެވޭ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ޖަނަވަރީ މަހުގެ 18 ވަނަ ދުވަހު ހުޅުވާލި މި ސްކީމުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، މާލެ ސަރަހައްދުން 15،000 ގޯއްޗާއި 7،900 ފްލެޓް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޕީއެސްއެމް ނިއުސްގެ “ރާއްޖެ މިއަދު” ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޑރ. މުއްޠަލިބް ވިދާޅުވީ، މި ސްކީމުގެ ދަށުން މިހާތަނަށް 3651 އެޕްލިކޭޝަނެއް ފުރިހަމަކޮށް ހުށަހަޅާފައިވާކަމަށެވެ. މީގެ އިތުރުން 10,000 އެޕްލިކޭޝަން ޑްރާފްޓް މަރުހަލާގައި ހުރިކަން ފާހަގަކުރައްވައި، މިހާރު ހުށަހަޅާފައިވާ ފޯމުތަކުގެ ތެރެއިން ފްލެޓަށް ކުރިމަތިލާ މީހުންގެ އަދަދު ގިނަކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

“ފްލެޓުގެ ޑިމާންޑު ވަރަށް ބޮޑަށް އެބައޮތް. ވަރަށް ގިނަ ފަރާތްތަކުން ބޭނުން އެބަވޭ އެފަރާތްތަކުގެ އާއިލާއަށް ވަގުތުން ބޯހިޔާވަހިކަން ލިބެން. ބިމެއް ލިބިއްޖެއްޔާ އެތަން ތަރައްޤީކުރަން ޖެހޭނެ. ނީޑް އޮތީމަ އެފަރާތްތަކުން ކުރިމަތިލަނީ ބޮޑަށް ފްލެޓްތަކަށް. އެހެންވީމަ ފްލެޓްތަކުގެ ޑިމާންޑް ފުދޭވަރަކަށް ބޮޑުކޮށް ފެންނަނީ،” ވަޒީރު ވިދާޅުވިއެވެ. އެއްވެސް ބޯހިޔާވަހިކަމެއް ނެތް ފަރާތްތަކަށް އިސްކަންދޭނެކަން ހާމަކުރައްވަމުން، ފޯމު ފުރިހަމަ ކުރުމުގައި ރަނގަޅަށް ސަމާލުކަން ދިނުމަށް ޑރ. މުއްޠަލިބް ވަނީ އިލްތިމާސް ކުރައްވާފައެވެ.

މި ސްކީމުގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދުންނާއި ރަސްމާލެ ހިމެނޭހެން ޖުމްލަ 15,000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެތެރެއިން މާލޭގެ ރަށްވެހިންނަށް 10,000 ގޯތި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 3,000 ގޯތި، އަދި މައިމުޅަވެފައިވާ މީހުންނަށް 500 ގޯތި ހިމެނެއެވެ. މީގެ އިތުރުން މާލޭގެ ހަނި ގޯޅިތަކުގައި ހުރި ގޯތިތަކާއި ލާޖައްސައިގެން ގޯތި ބަދަލުކުރާ ފަރާތްތަކަށް 1,500 ގޯތި ވަނީ ޚާއްޞަކޮށްފައެވެ.

މާލެ ސަރަޙައްދުން 7,900 ފްލެޓް ދޫކުރުމަށް ސަރުކާރުން ނިންމާފައިވާއިރު، މާލޭގެ ރަށްވެހިންނަށް 4,000 ފްލެޓް، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1,500 ފްލެޓް އަދި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކަށް 2,400 ފްލެޓް ވަނީ ކަނޑައަޅާފައެވެ. އަދި ކުރީގެ ސްކީމަކުން 1 ނުވަތަ 2 ކޮޓަރީގެ ފްލެޓް ލިބިފައިވާ މީހުންގެ ތެރެއިން ދަރިން ތިބި މިންވަރަށް ބަލައި، ވަކި ޝަރުތުތަކަކާއެކު 3 ކޮޓަރީގެ ފްލެޓަށް އެދި ހުށައެޅުމުގެ ފުރުޞަތު މިސްކީމުގެ ދަށުން ލިބޭނެއެވެ.

ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުޞަތު އަންނަ މާރިޗު މަހުގެ 4ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާއިރު، ފްލެޓަށް އެދި ހުށަހެޅޭނީ އެޕްރީލް މަހުގެ 17ވަނަ ދުވަހުގެ ނިޔަލަށެވެ. “ބޯހިޔާވަހިކަން އެންމެނަށް” ސަރުކާރުގެ ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމުގެ ފުރަތަމަ ސްކީމް އިޢުލާނުކޮށް، ގޯތި އަދި ފްލެޓް ދޫކުރުމުގެ އުސޫލު ޢާއްމުކުރީ މިދިޔަ ނޮވެމްބަރު މަހުގެ 16ވަނަ ދުވަހުއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close