ތިލަފުށިން ވަގަށް ނެގި ދެ މިލިއަން ރުފިޔާގެ ހުއިފިލަނޑާ ނީލަން ކިޔާ ސަބަބު އޮޅުން ފިލުވައިދީފި

ކ. ތިލަފުށީގެ ގުދަނެއްގައި ހުރި ދެ މިލިއަން ރުފިޔާގެ އަގުހުރި ހުއިފިލަނޑާތަކަކަށް ޚިޔާނާތްތެރިވި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުން ވިދާޅުވިގޮތުގައި މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ 31 ޑިސެމްބަރު 2025 ގައެވެ. ތުހުމަތު ކުރެވޭ ގޮތުގައި، 29 ޑިސެމްބަރު 2025 ގައި ވެރިފަރާތަށް އޮޅުވާލައިގެން މަކަރާއި ހީލަތުން މި ތަކެތި ވަނީ އެހެން ތަނަކަށް ބަދަލުކޮށްފައެވެ. ފުލުހުން މާލޭގެ ދެ ގެއެއް ބަލައި ފާސްކޮށް، 1,438 ކިލޯގެ ހުއިފިލަނޑާ އަތުލައިގަތް އިރު، އޭގެ ތެރޭގައި އެކްސްޕޯޓްކުރުން މަނާ ބާވަތްތައް ވެސް ހިމެނެއެވެ.
މި ތަކެތީގެ މިލްކުވެރިކަމާ މެދު ދެ ފަރާތުގެ މެދުގައި ދަޢުވާ އުފެދިފައިވާއިރު، ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބައެއް ތަކެތި ހަލާކުވަމުންދާތީ އެ ތަކެތި ނީލަން ކިޔުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ލަފާދީފައިވާކަމަށް ފުލުހުން ބުންޏެވެ. ޕީ.ޖީ އޮފީހުން ބުނީ މުދަލުގެ ހަގީގީ ވެރިފަރާތް ކަނޑައެޅިފައި ނުވާތީ، މުދާ ހަލާކުވިޔަ ނުދިނުމަށްޓަކައި ވާދަވެރި ބާޒާރެއްގައި އެ ތަކެތި ވިއްކާލައި، އެއިން ލިބޭ ފައިސާ ތަހުގީގު ނިމެންދެން ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ނިންމާފައިވާ ކަމަށެވެ. މައްސަލަ ނިމުމުން ފައިސާ ހަވާލުކުރާނީ ޝަރުޢީ ކޯޓުން ކަނޑައަޅާ ވެރިފަރާތަކަށެވެ.
މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތުން، ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މުދާ ހޯދުމަށް އެދި 26 ޖެނުއަރީ 2026 ގައި ކްރިމިނަލް ކޯޓަށް ހުށަހެޅި ނަމަވެސް، ކޯޓުން ވަނީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް ނިންމާފައެވެ. ކޯޓުން ކަނޑައަޅާފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ތަހުގީގު ނިމެންދެން އެ މުދާ ނުވަތަ އެއާ ގުޅޭ ފައިސާ ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ގާނޫނީ ހުރަހެއް ނެތް ކަމަށެވެ. މީގެ އިތުރުން، މި ވިޔަފާރި ކުރި ފަރާތްތަކަކީ ހުއިފިލަނޑާ ޕްރޮސެސް ކުރުމުގެ ގާނޫނީ ހުއްދަ އޮތް ބައެއް ނޫންކަން ވެސް ތަހުގީގަށް ހާމަވެފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.


