ބޭރުދުނިޔެ

އެމެރިކާ އާއި އިޒްރޭލާ ގުޅުން އޮތް ކަމުގެ ތުހުމަތުގައި އީރާނުގެ އިސް ސިޔާސީ ބޭފުޅުންތަކެއް ހައްޔަރުކޮށްފި

އީރާނުގެ ސިޔާސީ އަދި އިޖުތިމާއީ މަސްލަހަތު ނަގައިލުމަށް މަސައްކަތްކުރުމާއި، އިޒްރޭލާއި އެމެރިކާގެ މަންފާއަށްޓަކައި މަސައްކަތްކުރި ކަމުގެ ތުހުމަތުގައި އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ މިދިޔަ މަހު އީރާނުގައި ކުރިއަށްދިޔަ ސަރުކާރާ ދެކޮޅު މުޒާހަރާތަކާ ގުޅިގެންނެވެ.

އީރާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އާދިއްތަ ދުވަހުގެ ރޭގަނޑާއި ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ހައްޔަރުކުރި މި މީހުންގެ ތެރޭގައި އެ ގައުމުގެ ދީނީ އަދި ސިޔާސީ ނިޒާމަށް ފާޑުވިދާޅުވަމުން ގެންދެވި އިސް އިސްލާހީ (ރިފޯމިސްޓް) ސިޔާސީ ބޭފުޅުން ހިމެނެއެވެ.

ހައްޔަރުކުރި ބޭފުޅުންގެ ތެރޭގައި އީރާނުގެ ރިފޯމިސްޓް ފްރަންޓްގެ ވެރިޔާ އަޒަރު މަންސޫރީ އާއި، ކުރީގެ ޑިޕްލޮމެޓެއް ކަމަށްވާ މުހުސިން އަމީންޒާދޭގެ އިތުރުން ޕާލަމަންޓުގެ ކުރީގެ މެންބަރެއް ކަމަށްވާ އިބްރާހީމް އަސްޣަރުޒާދޭ ހިމެނެއެވެ.

ހައްޔަރުކުރި ތިން ބޭފުޅުންގެ ވަކީލު ހުއްޖަތު ކަރްމާނީ، އިސްނާ (ISNA) ނިއުސް އެޖެންސީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ރިފޯމިސްޓް ފްރަންޓްގެ ތަރުޖަމާނު ޖަވާދު އިމާމް ވެސް ސަލާމަތީ ބާރުތަކުން އޭނާގެ ގޭގައި ހުއްޓާ ހައްޔަރުކޮށްފައިވާ ކަމަށެވެ.

އީރާނުގެ އަދުލު އިންސާފާ ބެހޭ އިދާރާ، ‘މީޒާން’ ނިއުސް އެޖެންސީން ބުނެފައިވާ ގޮތުގައި، މި ބޭފުޅުންނަކީ އިޒްރޭލާއި އެމެރިކާގެ އަސްކަރީ ނުރައްކާ އީރާނަށް އޮތް ދަނޑިވަޅެއްގައި، ގައުމުގެ ސިޔާސީ އަދި އިޖުތިމާއީ ހަމަޖެހުން ނަގައިލުމަށް ރޭވުންތެރިކަމާއެކު ފުޅާދާއިރާއެއްގައި މަސައްކަތްކުރި ބައެކެވެ. އަދި މި މީހުން މަގުމަތީގައި ހަރަކާތްތެރިވި “ޓެރަރިސްޓް ފައިލަޝްކަރުންގެ” އަމަލުތައް ދިފާއުކުރުމަށް ނުހަނު މަސައްކަތްކޮށްފައިވާ ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެއެވެ.

އީރާނުގެ ރިފޯމިސްޓް ފްރަންޓުން އެކްސް (X) މެދުވެރިކޮށް ނެރުނު ބަޔާނެއްގައި މި ބޭފުޅުން ހައްޔަރުކޮށްފައިވާކަން ވަނީ ކަށަވަރުކޮށްދީފައެވެ. އެ ބަޔާނުގައިވާ ގޮތުން، އަޒަރު މަންސޫރީ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން، އީރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) ގެ އިންޓެލިޖެންސް ފައުޖުން އޭނާ ދިރިއުޅޭ ގޭގެ ދޮރުމަތީގައި ހުއްޓައެވެ.

މީގެ އިތުރުން، އެ ފްރަންޓްގެ ނައިބު ރައީސް މުހުސިން އަރުމީން އާއި ސެކްރެޓަރީ ބަދްރަލްސާދާތު މުފީދީ ހިމެނޭހެން އިތުރު އިސް ބޭފުޅުންތަކެއް ހާޒިރުވުމަށް ވެސް އައި.އާރު.ޖީ.ސީ އިން ވަނީ އަމުރުކޮށްފައެވެ. އަދި އެހެން ރިފޯމިސްޓް ބޭފުޅެއް ކަމަށްވާ ފައިޒުﷲ ޢަރަބް ސޮރްޚީ ވެސް ހާޒިރުވުމަށް އަންގާފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކުރެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close