ބޭރުދުނިޔެ

ޣައްޒާގެ ހުރިހާ ސަރަޙައްދަކުން އިސްރާއީލު ސިފައިން ފޭބުމަށް ހަމާސްއިން ގޮވާލައްވައިފި

ޙަމާސްގެ އިސް ލީޑަރު ޚާލިދު މަޝްއަލް، ޣައްޒާގައި ހަތިޔާރު ބަހައްޓައި، އެތެރޭގެ ކަންކަމަށް ބޭރުގެ ފަރާތެއް ނުފޫޒު ފޯރުވުމާ ދެކޮޅު ހައްދަވައި، ޣައްޒާގެ ހުރިހާ ސަރަޙައްދަކުން އިސްރާއީލު ސިފައިން ފޭބުމަށް ގޮވާލައްވައިފި އެވެ.

އެމަނިކުފާނު މިކަން ހާމަކުރައްވާފައިވަނީ އާދީއްތަ ދުވަހު ގަތަރުގެ ދޯހާގައި ބޭއްވި ކޮންފަރެންސެއްގައި، އިސްރާއީލުގެ އަޅުވެތިކަން އޮތްހާ ހިނދަކު، ހަތިޔާރު އެޅުން ވެގެންދާނީ އެމީހުންގެ ދިފާޢީ ހައްގެއް ކަމަށް ވިދާޅުވަމުންނެވެ.

މަޝްއަލް ވިދާޅުވީ، ހަތިޔާރު އެޅި ހަރަކާތްތަކާއި، އެ ހަރަކާތްތަކުގައި ބައިވެރިވާ ފަރާތްތަކަކީ ކުށްވެރިން ކަމަށް ބަލައިގަތުމަކީ އެމީހުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. އިސްރާއީލުގެ އަޅުވެތިކަން އޮތްހާ ހިނދަކު، ދިފާޢަށް ހަތިޔާރު އެޅުމުގެ ހައްގު ފަލަސްތީނުގެ ރައްޔިތުންނަށް ލިބިގެންވާ ކަމަށާއި، އަދި މިއީ ގައުމުތަކުން ފަޚުރުވެރިވާ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. އެމަނިކުފާނު ވިދާޅުވީ، އިސްރާއީލުގެ އަޅުވެތިކަމެއް އޮތް ކަމަށް ވާނަމަ، ދިމާވާނީ ދެކޮޅުވެރިކަން ކަމަށެވެ. އެހެންކަމުން، ޣައްޒާގެ ހުރިހާ ސަރަޙައްދަކުން އިސްރާއީލު ފޭބުމަކީ މިހާރު އެންމެ މުހިންމު އެއް ކަމެއް ކަމަށް އޭނާ ހާމަކުރެއްވި އެވެ.

ޙަމާސްއިން ވަނީ ހަތިޔާރު ބަހައްޓާނެ ކަމަށް ތަކުރާރުކޮށް ދެކޮޅު ހަދާފަ އެވެ. ނަމަވެސް، މުސްތަގުބަލުގައި ވެރިކަމަށް އަންނަ ފަލަސްތީނުގެ ސަރުކާރަކަށް އެ ހަތިޔާރުތައް ހަވާލުކުރުމާ މެދު ވިސްނާނެ ކަމަށް ޙަމާސްއިން މީގެކުރިން އިޝާރާތްކޮށްފައިވެ އެވެ. 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ޙަމާސްއިން އިސްރާއީލަށް ދިން ހަމަލާއަށް ފަހު، ޣައްޒާއަށް އިސްރާއީލުން ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 72,000 އަށް ވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ޝަހީދުވެ، 171,000 އަށް ވުރެ ގިނަ މީހުންނަށް ވަނީ އަނިޔާވެފަ އެވެ. އަދި ޣައްޒާގެ އުމްރާނީ ވަސީލަތްތަކުގެ 90 އިންސައްތަ ވަނީ ސުންނާފަތިވެފަ އެވެ.

ޣައްޒާގެ ދުވަހުވީ ކަންތައްތައް ބެލެހެއްޓުމަށްޓަކައި ފަލަސްތީނުގެ ޓެކްނޮކްރެޓިކް ކޮމިޓީއެއް ވަނީ އުފައްދާފަ އެވެ. މި ކޮމިޓީ ހަރަކާތްތެރިވަނީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަންޕް އިސްވެ ހުންނަވައި ފެއްޓެވި “ބޯޑް އޮފް ޕީސް”ގެ ދަށުންނެވެ. ހަތިޔާރު ބަހައްޓާނެ ގޮތަކާ މެދު އަދިވެސް ވަނީ ސާފުނުވެ އެވެ. މި ބޯޑު އުފެއްދީ ޣައްޒާގައި ހަމަލާ ހުއްޓާލުމާއި، ހަނގުރާމައަށް ފަހު އަލުން ބިނާކުރުމުގެ ކަންކަން ބެލެހެއްޓުމަށެވެ. ނަމަވެސް މި ބޯޑުގެ ދާއިރާ ފުޅާވެފައިވުމުން، ބައެއް ފަރާތްތަކުން ވަނީ އެއީ އ.ދ. ގެ ބަދަލުގައި އުފެދޭ ބާރަކަށް ވެދާނެ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. “ބޯޑް އޮފް ޕީސް”ގެ އިތުރުން، ޓްރަންޕް ވަނީ “ޣައްޒާ އެގްޒެކެޓިވް ބޯޑެއް” ވެސް އުފައްދާފަ އެވެ. މިއީ ފަލަސްތީނުގެ ޓެކްނޮކްރެޓިކް ކޮމިޓީއަށް އިރުޝާދު ދިނުމަށް އުފެއްދި ކޮމިޓީއެކެވެ. މީގެ މެންބަރުންގެ ތެރޭގައި އެމެރިކާގެ މަންދޫބުން ކަމަށްވާ ސްޓީވް ވިޓްކޮފް އާއި ޖާރެޑް ކުޝްނާގެ އިތުރުން، އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއަރ ވެސް ހިމެނެ އެވެ.

މަޝްއަލް އާދީއްތަ ދުވަހު “ބޯޑް އޮފް ޕީސް” އަށް ގޮވާލައްވާފައިވަނީ، ޣައްޒާ އަލުން ބިނާކުރުމަށާއި، 2.2 މިލިއަން ފަލަސްތީނު ރައްޔިތުންނަށް އެހީގެ ކަންކަން ފަސޭހަކޮށްދިނުމަށް މަގުފަހިވާނެ “މެދުފަންތީގެ ސިޔާސަތެއް” ގެންގުޅުމަށެވެ. އަދި ފަލަސްތީނުގެ ސަރަޙައްދުގައި ބޭރުގެ އެއްވެސް ފަރާތެއްގެ ވެރިކަމެއް ޙަމާސްއިން ގަބޫލުނުކުރާނެ ކަމަށް އޭނާ ވަނީ އިންޒާރު ދެއްވާފަ އެވެ. “އަޅުގަނޑުމެން ދެމިތިބޭނީ އަޅުގަނޑުމެންގެ ގައުމީ އުސޫލުތަކުގަ އެވެ. ބޭރުގެ އެއްވެސް ބާރެއްގެ ބެލެހެއްޓުމަކަށް، ނުވަތަ އެތެރޭގެ ކަންކަމަށް ވަދެގަތުމަކަށް އަޅުގަނޑުމެން ދެކޮޅު ހަދާނަމެވެ. ފަލަސްތީނުގެ ރައްޔިތުންނަށް ވެރިކަން ކުރާނީ ފަލަސްތީނުގެ ރައްޔިތުންނެވެ. ޣައްޒާއަކީ ޣައްޒާގެ ރައްޔިތުންނަށް، އަދި ފަލަސްތީނަށް ނިސްބަތްވާ ތަނެކެވެ. އަޅުގަނޑުމެން ބޭރުގެ ވެރިކަމެއް ގަބޫލުނުކުރާނަމެވެ،” މަޝްއަލް ވިދާޅުވި އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close