އަކްޝޭގެ “ބޫތު ބަންގްލާ” އަވަސްކޮށް، އެ ތާރީހަށް އަޔުޝްމަންގެ ފިލްމު ފަސްކޮށްލައިފި

އަކްޝޭ ކުމާރުގެ އިންތިޒާރު ކުރެވެމުން އަންނަ ފިލްމު “ބޫތު ބަންގްލާ” ރިލީޒްކުރާ ތާރީހު އެއް މަސް ދުވަހަށް އަވަސްކޮށްލުމާ ގުޅިގެން، އެ ފިލްމު ކުރިން އަޅުވަން އޮތް ތާރީހަށް އަޔުޝްމަން ޚުރާނާގެ “ޕަތީ ޕަތުނީ އޯރު ވޯ 2” ފަސްކޮށްލައިފި އެވެ.
ބޮލީވުޑްގެ ޚަބަރުތައް ބުނާގޮތުން ޕްރިޔަދަރްޝަން ޑައިރެކްޓްކުރާ އަކްޝޭގެ ފިލްމު ސިނަމާތަކަށް ގެންނަން ކުރިން ނިންމާފައި އޮތީ އަންނަ މެއި މަހުގެ 15 ވަނަ ދުވަހު އެވެ. ނަމަވެސް މިހާރު އެ ފިލްމު ރިލީޒްކުރުން ވަނީ އޭޕްރީލް މަހުގެ 10 ވަނަ ދުވަހަށް އަވަސްކޮށްފަ އެވެ. މި ބަދަލާ އެކު އަޔުޝްމަންގެ ފިލްމު ރިލީޒްކުރުން މިހާރު ވަނީ، އަކްޝޭގެ ފިލްމު ކުރިން އަޅުވަން އޮތް ތާރީހު ކަމަށްވާ މެއި 15 އަށް ތާވަލުކޮށްފަ އެވެ.
ފިލްމުގެ ތާރީހަށް ގެނައި މި ބަދަލު އާންމުކުރުމުގެ ގޮތުން އަކްޝޭ ވަނީ ސޯޝަލް މީޑިއާގައި ޝައުގުވެރި ވީޑިއޯއެއް ހިއްސާކޮށްފަ އެވެ. “ބޫތު ބަންގްލާގެ ކައުންޓްޑައުން ރިވައިންޑް” ގެ ނަމުގައި ހިއްސާކުރި މި ވީޑިއޯއިން ފެންނަނީ ކަޅު ބުޅަލެއް ކަލަންޑަރުގައިވާ މެއި 15 ފޮހެލުމަށްފަހު އާ ތާރީހުގެ ގޮތުގައި އޭޕްރީލް 10 ދައްކާލާ ތަނެވެ.
މިއީ މަޝްހޫރު ޑައިރެކްޓަރު ޕްރިޔަދަރްޝަން އާއި އަކްޝޭ 14 އަހަރަށް ފަހު އެކުގައި މަސައްކަތްކުރާ ފިލްމެވެ. މި ދެމީހުން މީގެ ކުރިން ވަނީ “ހޭރާ ފޭރީ”، “ގަރަމް މަސާލާ” އަދި “ބޫލް ބުލައްޔާ” ފަދަ ކާމިޔާބު ކޮމެޑީ ފިލްމުތައް ގެނެސްދީފަ އެވެ. މި ފަހަރުގެ ފިލްމަކީ ވެސް ބިރުވެރި މަޖާ ފިލްމެކެވެ. މި ފިލްމުގެ ކާސްޓުގައި ތާބޫ، ޕަރޭޝް ރާވަލް، ރާޖްޕަލް ޔާދަވް އަދި އަސްރާނީ ފަދަ ތަރިން ހިމެނެ އެވެ.
އަނެއްކޮޅުން، މުދައްސަރު އަޒީޒް ޑައިރެކްޓްކުރާ “ޕަތީ ޕަތުނީ އޯރު ވޯ 2” ކުރިން ރިލީޒްކުރަން އޮތީ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު އެވެ. ނަމަވެސް މެއި 15 އަށް ފިލްމު ފަސްކުރަން ޖެހުނީ، ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތްތައް ނުނިމި ހުރުމާއި އެއް ލަވަ ޝޫޓްކޮށް ނުނިމޭތީ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މި ފިލްމުގައި އަޔުޝްމަންއާ އެކު ސާރާ އަލީ ޚާން، ރަކުލް ޕްރީތު ސިންގް އަދި ވާމިގާ ގައްބީ ފެނިގެންދާނެ އެވެ. ވާމިގާ ގައްބީ އަކީ އަކްޝޭގެ “ބޫތު ބަންގްލާ” ގެ ވެސް މުހިންމު ރޯލެއް ކުޅޭ ތަރިއެއްކަން ފާހަގަކޮށްލެވެ އެވެ. މިއީ 2019 ވަނަ އަހަރު ކާތިކް އާރްޔަން ލީޑް ރޯލު ކުޅުނު ފިލްމުގެ ދެވަނަ ބައެވެ.


