ރަމަޟާމަހަށް ޚާއްސަކޮށްގެން ކުޑަކުދިންގެ ފޮތްތަކެއް ނެރެފި

ބަރަކާތްތެރި ރަމަޟާންމަހަށް ޚާއްސަކޮށްގެން ކުޑަކުދިންގެ ފޮތްތަކެއް ނެރެފިއެވެ.
އެފް.ބީގައި ސާދަހާހަށްވުރެ ގިނަ ފަރާތްތަކުން ފޮލޯ ކުރަމުންދާ، ދީނީ ޕޯސްޓުތައް ގެނެސްދޭ ތަޒްކީރަންގެ ފަރާތުން މިއަދު އެ ފަރާތުގެ ފޭސްބުކް ޕޭޖުގައިވަނީ އެވާހަކަ ހިއްސާކޮށްފައެވެ.
އެފަރާތުން ކޮށްފައިވާ ޕޯސްޓުގައިވާ ގޮތުން، ރަމަޟާންމަހަށް ޚާއްސަ 4 ފޮތެއް، ތަޒްކީރަންގެ ވައިބަރ ކޮމިއުނިޓީ އިން މިހާރު ޑައުންލޯޑް ކުރެވޭނެއެވެ.
ނާރެސްގެ ފަރާތުން އެ ފޮތްތައް ޑައުންލޯޑްކޮށް ބެލިއިރު، އެ ފޮތްތަކަކީ ރަމަޟާންމަހުގެ ކޮންމެ ދުވަހަކުވެސް ކުރާނެ އެކިއެކި ކަންކަން ހިމެނޭގޮތަށް ތައްޔާރުކޮށްފައިވާ ފޮތްތަކެކެވެ. އެގޮތުން ކޮންމެ ދުވަހެއްގެ ޝެޑިއުލް ހިމެނުމުގެ އިތުރުން، ކޮންމެ ދުވަހަކު ކިޔާނެ ޛިކުރަކާއި ކުރާނެ ދުޢާއެއްވެސް ބައެއް ފޮތްތަކުގައި ހިމަނާފައިވެއެވެ.
އަދި އަނެއް ފޮތްތަކުގައި ދީނީ ވާހަކަތަކާއި ޢިބުރަތްތެރި ލިޔުންތަން ހިމަނާ އެ ލިޔުންތަކުން އެކިއެކި މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވެއެވެ.
މީގެ އިތުރުން، ކުޑަކުދިންގެ ޢުމުރާ ގުޅޭގޮތަށް ލިޔާށާއި ކިޔަން އަދި ކުލަޖައްސަންވެސް ގިނަ މަސައްކަތްތަކެއް ހިމަނާފައިވެއެވެ.
އަދި ހަމަ އެހެންމެ، ގިނަ ހެޔޮޢަމަލުތަކެއް ކުރުމަށް ހިތްވަރުލިބޭގޮތަށް ކަންކަން ހިމަނާފައިވާއިރު، ކޮންމެ ދުވަހަކުވެސް ޤުރްއާނުން ކިޔެވޭ މިންވަރާއި ފަރުޟު ނަމާދުތަކާއި ސުންނަތް ނަމާދުތައް ކުރެވެމުންދާގޮތުގެ ޗާޓު އެކުލަވާލުމަށް ފޮތުގައި ޖާގަ ހިމަނާފައި ހުރެއެވެ.
ލަފާކުރެވޭ ގޮތުގައި މިއީ ގުރޭޑް 7 ން ދަށުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ތައްޔާރުކޮށްފައިވާ ފޮތް ސެޓެކެވެ. މިފޮތްސެޓް ޑައުންލޯޑް ކުރުމަށް އެފަރާތުގެ ވައިބަރކޮމިއުނިޓީއަށް ޖޮއިންކުރާށެވެ. ތިރީގައިވާ ލިންކުތަކުން ތަޒްކީރަންގެ ވައިބަރ ކޮމިއުނިޓީއަށާއި ފޭސްބުކް ޕޭޖަށް ޒިޔާރަތް ކުރެވޭނެއެވެ.