ޚަބަރު

ސީރިއާއަށް ދިވެހީން ދަތުރުކުރުން ހުއްދަ، އެޗްޓީއެސް ޓެރަރިސްޓު ލިސްޓުން އުނިކޮށްފި

ދިވެހި ސަރުކާރުން، ދިވެހީންނަށް ސީރިއާއަށް ދަތުރުކުރުން މަނާ ސަރަހައްދުތަކުގެ ލިސްޓުން ސީރިއާ އުނިކޮށް، އެ ގައުމުގައި މިހާރު ވެރިކަން ކުރާ ހަޔާތު ތަހްރީރް އަލް ޝާމް (އެޗްޓީއެސް) ޓެރަރިސްޓު ޖަމާއަތްތަކުގެ ލިސްޓުން ނަގައިފިއެވެ. މި ބަދަލުތައް ގެނެސްފައިވަނީ ބައިނަލްއަޤުވާމީ މުޖުތަމަޢުން ސީރިއާގެ އައު ވެރިކަން ބަލައިގަންނަ މޭރުމަކުން ނިންމުންތައް ނިންމަމުންދާ ދަނޑިވަޅެއްގައެވެ.

ކޮންމެ އަހަރަކު އެއްފަހަރު ދިވެހި ސަރުކާރުން އާކުރާ ޓެރަރިސްޓު ޖަމާއަތްތަކާއި ހަނގުރާމަވެރި ސަރަހައްދުތަކުގެ ލިސްޓުން ސީރިއާ އުނިކޮށްފައިވާއިރު، އެ ގައުމު ދިވެހީން ދަތުރުކުރުން މަނާ ހަނގުރާމަވެރި ސަރަހައްދެއްގެ ގޮތުގައި އެންމެ ފުރަތަމަ ކަނޑައެޅީ 31 އޮކްޓޯބަރު 2019 ގައެވެ. މި ނިންމުމާއެކު ދިވެހީންނަށް ސީރިއާއަށް ދަތުރުކުރުމުގެ ހުއްދަ މިވަނީ ލިބިފައެވެ.

ހަޔާތު ތަހްރީރް އަލް ޝާމް (އެޗްޓީއެސް) އަކީ ސީރިޔާގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތެކެވެ. މި ޖަމާއަތަކީ ކުރިން އަލްގައިދާއާ ގުޅުން އޮތް ޖަބްހަތުއް ނުސްރާގެ ނަމުގައި މަޝްހޫރުވި ޖަމާއަތް ހިމެނޭހެން، ސޫރިޔާގެ އެކި އިދިކޮޅު ފެކްޝަންތައް އެއްވެގެން 2017 ވަނަ އަހަރު އުފެދުނު އިއްތިހާދެކެވެ. މި ޖަމާއަތުގެ އިސް ލީޑަރަކީ އަބޫ މުހައްމަދު އަލް ޖޫލާނީ ނުވަތަ އަސްލު ނަމުންނަމަ އަހުމަދު އަލް ޝަރާއެވެ.

އެޗްޓީއެސްގެ މައިގަނޑު މަގްސަދަކީ ބައްޝާރުލް އަސަދުގެ ސަރުކާރު ވައްޓާލައި، އިސްލާމީ އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ ދައުލަތެއް ގާއިމުކުރުމެވެ. އެގޮތުން 2024 ވަނަ އަހަރުގެ ފަހުކޮޅު، މި ޖަމާއަތް އިސްވެ އޮވެ ދިން ވަރުގަދަ ހަމަލާތަކަކަށްފަހު، ސޫރިޔާގެ ވެރިރަށް ދިމިޝްގު ހިމެނޭހެން ބޮޑެތި ސިޓީތައް ވަނީ އެމީހުންގެ ބާރުގެ ދަށަށް ގެނެސްފައެވެ. މިއާއެކު ބައްޝާރުލް އަސަދުގެ ދިގު ވެރިކަން ވެސް ވަނީ ނިމުމަކަށް އައިސްފައެވެ.

އެމެރިކާ އާއި އދ. ފަދަ ބައެއް ފަރާތްތަކުން ކުރިން މި ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައި އޮތް ނަމަވެސް، މިހާރު އެ ޖަމާއަތުން ވަނީ އެމީހުންނަކީ ހަމައެކަނި ސޫރިޔާގެ މައްސަލަތަކަށް އިސްކަންދޭ، މެދުމިންގަނޑެއްގެ ސިޔާސަތުތަކެއް ގެންގުޅޭ ބައެއްގެ ގޮތުގައި ދެއްކުމަށް މަސައްކަތް ކޮށްފައެވެ. މިހާރު ސޫރިޔާގައި އުފެދިފައިވާ އިންތިގާލީ ސަރުކޫރގައި މި ޖަމާއަތުން މުހިންމު ދައުރެއް އަދާކުރެއެވެ.

ސީރިއާއަށް ދަތުރުކުރުން ހުއްދަކުރިއިރު، އެއީ ޖިހާދުގެ ނަމުގައި ބައެއް ދިވެހީން ދަތުރުކޮށް ދާޚިލީ ހަނގުރާމައިގައި ބައިވެރިވާން ދިޔަ ގައުމެކެވެ. ބައެއް ދިވެވެހީން އެ މީހުންގެ އަނބިދަރިން ވެސް ގެންދިޔައިރު، އެ ތަނުގައި ދަރީން ލިބި، ފަހުން ފިރިން މަރުވެ ނިކަމެތި ހާލުގައި ވެސް އުޅެން ޖެހުނެވެ. އަދި އޭގެ ސަބަބުން އެ މީހުން ނިސްބަތްވާ ގިނަ އާއިލާތަކަކަށް ރާއްޖޭގައި ވެސް އެ ކަމުގެ ދެރައާއި ނިކަމެތިކަން ލިބުނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close