ހައި ކޯޓާއި ކްރިމިނަލް ކޯޓަށް އަލަށް އައްޔަން ކުރެއްވި ފަނޑިޔާރުން ހުވާ ކުރައްވައިފި

ހައި ކޯޓާއި ކްރިމިނަލް ކޯޓަށް އަލަށް އައްޔަން ކުރެއްވި ފަނޑިޔާރުން ހުވާ ކުރައްވައިފިއެވެ.
ހައި ކޯޓަށް ދެ ބޭފުޅުންނާއި ކްރިމިނަލް ކޯޓަށް އެއް ބޭފުޅަކު އައްޔަންކޮށްފައިވާއިރު، މި ބޭފުޅުންގެ ތެރޭގައި ކުރިން ހައިކޯޓުގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅެއްވެސް ހިމެނެއެވެ.
މިރޭ ސުޕްރީމް ކޯޓުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، ހައި ކޯޓަށާއި ކްރިމިނަލް ކޯޓަށް އަލަށް އައްޔަން ކުރެއްވި ތިން ފަނޑިޔާރުން އެ ބޭފުޅުންގެ މަޤާމުގެ ހުވާ ކުރައްވައިފިއެވެ. ހައި ކޯޓުގެ ފަނޑިޔާރުކަމަށް ކުރިން އެ ކޯޓުގައި މަސައްކަތް ކުރެއްވި އަބްދުއްރައޫފް އިބްރާހިމާއި، ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވި އިސްމާއިލް ޝަފީޢު އައްޔަން ކުރެވިފައިވާއިރު، ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމަށް ލ. ކަލައިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިޔާޒު ހަމަޖައްސަވާފައިވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން މިދިޔަ ހޯމަ ދުވަހު ނިންމެވި ނިންމެވުމަކަށް ފަހުގައެވެ.
ހައި ކޯޓުގެ ފަނޑިޔާރުކަމަށް އަލުން އައްޔަން ކުރެއްވި އަބްދުއްރައޫފް އިބްރާހިމަކީ މީގެ ކުރިންވެސް އެ ކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ދޫކުރި ފްލެޓެއް ގަބޫލުކުރެއްވުމާ ގުޅިގެން ޖޭއެސްސީން އޭނާ މަގާމުން ވަކިކުރަން ނިންމާފައި ވަނިކޮށް، 2022 ވަނަ އަހަރު މެއި މަހު އޭނާ މަގާމުން އިސްތިއުފާ ދެއްވިއެވެ. އޭގެ ފަހުން ޕީއެންސީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ކެޔޮދޫ ދާއިރާއަށް ވެސް އޭނާ ވާދަކުރެއްވިއެވެ.
ރައޫފު ވަނީ 2011 ވަނަ އަހަރު މާޗު މަހުން 2022 ވަނަ އަހަރު މެއި މަހާ ހަމައަށް ހައިކޯޓުގެ ފަނޑިޔާރުކަން ފުރުއްވާފައެވެ. އޭނާ ވަނީ މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ބެޗްލާ އޮފް ލޯ ހާސިލްކުރައްވާފައެވެ. ޝަރުއީ ދާއިރާއިން ބޭރުގައިވެސް އޭނާ ވަނީ އެމްޕީއެލްގެ ސީނިއާ ލީގަލް ކައުންސެލްގެ މަގާމާއި އެޓޯނީ ޖެނެރަލްގެ އޮފީހުގެ ލީގަލް އެސިސްޓެންޓް ކަމާއި އެސްޓީއޯގެ ލީގަލް ކައުންސެލް ކަމާއި ސިވިލް ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާގެ މަގާމުފަދަ ގިނަ މަގާމުތަކެއް އަދާކުރައްވާފައެވެ.
ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުން ހައި ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރެއްވި އިސްމާއިލް ޝަފީއުއަކީ ޝަރުއީ ދާއިރާގައި ހަތް އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ އިނގިރޭސިވިލާތުގެ ކާޑިފް ޔުނިވާސިޓީން ބެޗްލާ އޮފް ލޯ ހާސިލްކުރައްވާފައެވެ. ހައި ކޯޓަށް އައްޔަންކުރެއްވުމާ ހަމައަށް، 2021 ވަނަ އަހަރު ސެޕްޓެމްބަރު މަހުން ފެށިގެން އޭނާ ވަނީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަން ފުރުއްވާފައެވެ. މީގެ އިތުރުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި ޕަބްލިކް ޕްރޮސެކިއުޓާގެ މަގާމު ވެސް އޭނާ އަދާކުރައްވާފައިވެއެވެ.
ކްރިމިނަލް ކޯޓަށް އަލަށް އައްޔަން ކުރެއްވި އަހުމަދު ނިޔާޒަކީ ޝަރުއީ ދާއިރާއަށް 12 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ވިލާ ކޮލެޖުން ބެޗްލާ އޮފް ލޯ ހާސިލްކުރައްވާފައެވެ. ކްރިމިނަލް ކޯޓަށް އައްޔަން ކުރެއްވުމާ ހަމައަށް، 2013 ވަނަ އަހަރު ނޮވެމްބަރު މަހުން ފެށިގެން އޭނާ ހުންނެވީ ލ. ކަލައިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓަކަށް އެވެ.
މި ތިން ބޭފުޅުންނަށް މަޤާމުގެ ހުވައިލައިދެއްވީ ސުޕްރީމް ކޯޓުގައި ބޭއްވި ރަސްމިއްޔާތުގައި، އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދެވެ. މި އައްޔަންކުރުންތަކާއެކު ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާއަށް އިތުރު ބާރެއް ލިބި، ޢަދުލު އިންސާފު ޤާއިމުކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ.


