ދީން

ލޭ ހަދިޔާކުރުމަކީ ފުރާނަ ސަލާމަތްކުރާ މަތިވެރި ޞަދަޤާތެއް: ހުކުރު ޚުތުބާ

މީހެއްގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި އަމިއްލަ ހަށިގަނޑުން ލޭ ހަދިޔާކުރުމަކީ އިސްލާމްދީނުގައި އެތައް ގުނައަކަށް ސަވާބު އިތުރުވެގެންވާ މަތިވެރި ޞަދަޤާތެއްކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

“ލޭ ހަދިޔާކުރުމަކީ ޞަދަޤާތެއް” މި މައުޟޫއަށް ދެވުނު ޚުތުބާގައި، އެންމެ އިންސާނެއްގެ ފުރާނަ ސަލާމަތްކުރުމަކީ މުޅި އިންސާނިއްޔަތު ދިރުވުން ފަދަ ކަމެއްކަމަށާއި، އެއީ ސުވަރުގެ ވަނުމުގެ ނަޞީބު ލިބިގެންދާނެ ފަދަ މަތިވެރި އިޙްސާންތެރި އަމަލެއްކަން ފާހަގަކުރިއެވެ.

ޚުތުބާގައި ބަޔާންކުރެއްވި ގޮތުގައި، މާތް ﷲގެ އަޅުތަކުންނަށް އެހީތެރިވުމާއި، މުދަލުން ހޭދަކުރުމަކީ އިސްލާމްދީނުގައި ވަރަށް ގިނަ ދަރުމައާއި ސަވާބު ލިބިގެންވާ ކަންކަމެވެ. ނަމަވެސް، އެންމެ މީހެއްގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ލޭ ހަދިޔާކުރުމަކީ އޭގެ ސަބަބުން ސުވަރުގެ ވަނުމުގެ ނަޞީބު ލިބިގެންދާނެ ފަދަ މަތިވެރި އިޙްސާންތެރި ޢަމަލެއްކަމަށް ފާހަގަކުރެވުނެވެ. މިފަދަ ހެޔޮ ޢަމަލުތަކުން އިންސާނާއަށް ﷲގެ ރަޙްމަތްފުޅު ލިބި، ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން ލިބިގެންދާނެއެވެ.

އެންމެ އިންސާނެއްގެ ފުރާނަ ސަލާމަތްކޮށްދިނުމަކީ މުޅި އިންސާނިއްޔަތު ދިރުވުން ފަދަ މަތިވެރި ޢަމަލެއް ކަމަށް ޚުތުބާގައި އިއުލާންކުރިއެވެ. ބަލިމީހެއްގެ ހަށިގަނޑަށް އަޅަންޖެހޭ ލޭ ނުލިބިއްޖެނަމަ އޭނާ ދުނިޔެ ދޫކުރުމުގެ ފުރުސަތު ބޮޑުވެގެންދާނެއެވެ. އެހެންކަމުން، ލޭ ހަދިޔާކުރުމަކީ އެ މީހަކަށް ދިރިހުރުމުގެ ފުރުޞަތު ހޯދައިދީ، އޭނާގެ އާއިލާއަށް އުފާވެރިކަން ގެނެސްދޭނެ ހެޔޮ ޢަމަލެކެވެ.

ޚުތުބާގައި އިތުރަށް ބަޔާންކުރެއްވި ގޮތުގައި، ދިވެހިރާއްޖޭގެ ބުލަޑުބޭންކުތަކަށް މިހާރުވެސް ލޭ ހަދިޔާކުރާނެ މީހުން ވަރަށް ބޮޑަށް ބޭނުންވެފައިވާކަމަށް ފާހަގަކުރެއެވެ. ޝަރުޢީ އަދި ޞިއްޙީ ހަމަތަކުގެ މަތިން ޝަރުޠުހަމަވާ އެންމެހައި ފަރާތްތަކުން ލޭ ހަދިޔާކުރުމަށް ޚުތުބާގައި ވަނީ ވަރަށް ބޮޑަށް ގޮވައިލާފައެވެ. ލޭ ހަދިޔާކުރުމަކީ ދެމިގެންވާ ޞަދަޤާތެއްކަމަށް ޢިލްމުވެރިން ދެކެވަޑައިގަންނަވައެވެ. އެއީ ހަދިޔާކުރި މީހާ މަރުވުމަށްފަހުގައިވެސް އެކަމުގެ ސަވާބު ދެމިހުންނާނެ ޢަމަލެކެވެ.

ލޭ ހަދިޔާކުރުމުގެ މަތިވެރިކަމުގެ އިތުރުން، އެހެނިހެން ގޮތްގޮތުންވެސް މީހުންގެ ފުރާނަ ސަލާމަތްކުރުމަށް ކުރެވިދާނެ ކަންކަމުގެ މައްޗަށް ޚުތުބާގައި އަލިއަޅުވައިލިއެވެ. ކާންބޯން ނުލިބޭ މީހުންނަށް އެހީވުމާއި، ބޭސްފަރުވާއަށް ދަތިވެފައިވާ މީހުންނަށް އެހީތެރިވުމާއި، އެކި ހާދިސާތަކުގައި އަނިޔާވާ މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރުން މިކަންކަމުގެ ތެރޭގައި ހިމެނެއެވެ. މީސްތަކުންގެ މެދުގައި ސަލާމް ފެތުރުމަށާއި، ކާންބޯން ދިނުމަށާއި، ރަޙިމުގެ ގުޅުން ބޭއްވުމަށްވެސް ޚުތުބާގައި ނަސޭހަތްތެރިވިއެވެ. މިފަދަ ހެޔޮ ޢަމަލުތަކަކީ ސުވަރުގެ ވަނުމަށް މަގުފަހިވެގެންދާނެ ކަންކަންކަން ކީރިތި ރަސޫލާ ﷺ ގެ ހަދީޘްފުޅުތަކުން އެނގޭކަން ޚުތުބާގައި ފާހަގަކުރިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close