ހުކުރު ދުވަހު ކަހްފު ސޫރަތް ކިޔަވަންވީ ކޮން ވަޤުތަކު ؟

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
އެންމެ ފުރަތަމަ މިބަލާލަނީ ހުކުރު ދުވަހު ކަހަފު ސޫރަތް ކިޔެވުމުގެ މާތްކަމުގެ މައްޗަށެވެ.
ހުކުރު ވިލޭރޭ ނުވަތަ ހުކުރު ދުވަހު ކަހަފު ސޫރަތް ކިޔެވުމުގެ މާތްކަމާ ގުޅޭގޮތުން ރަސޫލާ صلى الله عليه وسلم ގެ ކިބައިން ސައްޙަ ޙަދީޘްތައް ވާރިދުވެފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ:
(ހ) އަބޫ ސަޢީދު އަލްޚުދުރީ رضي الله عنه ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: “ހުކުރު ވިލޭރޭ ކަހަފު ސޫރަތް ކިޔަވައިފި މީހަކަށް، އެމީހަކާއި ކަޢުބަތުﷲ ގެފުޅާ ދެމެދުގައި ނޫރެއް ލައްވާނެއެވެ.” (ރިވާކުރެއްވީ އައްދާރިމީ: 3407. އަދި ޝައިޚް އަލްއަލްބާނީ މި ޙަދީޘަކީ ސައްޙަ ޙަދީޘެއްކަމަށް “ޞަޙީޙުލް ޖާމިޢު” (6471) ގައި ބަޔާންކުރައްވާފައިވެއެވެ.)
(ށ) “ހުކުރު ދުވަހު ކަހަފު ސޫރަތް ކިޔަވައިފި މީހަކަށް، އެއް ހުކުރުން އަނެއް ހުކުރަށް އެމީހަކަށް ނޫރެއް ފެތުރިގެންދާނެއެވެ.” (ރިވާކުރެއްވީ އަލްޙާކިމް: 2/399؛ އަލްބައިހަޤީ: 3/249. އިބްނު ޙަޖަރު “ތަޚުރީޖުލް އަޛްކާރު” ގައި ވިދާޅުވެފައިވަނީ މިއީ ޙަސަން ޙަދީޘެއް ކަމަށެވެ. އަދި ކަހަފު ސޫރަތް ކިޔެވުމާ ބެހޭގޮތުން ވާރިދުވެފައިވާ އެންމެ ވަރުގަދަ ރިވާޔަތަކީ މިއީ ކަމަށްވެސް ވިދާޅުވިއެވެ. ބައްލަވާ: ފައިޟުލް ޤަދީރު: 6/198. ޝައިޚް އަލްއަލްބާނީ “ޞަޙީޙުލް ޖާމިޢު” (6470) ގައި މި ޙަދީޘް ސައްޙަ ކުރައްވާފައިވެއެވެ.)
(ނ) އިބްނު ޢުމަރު رضي الله عنهما ވިދާޅުވިއެވެ: ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: “ހުކުރު ދުވަހު ކަހަފު ސޫރަތް ކިޔަވައިފި މީހަކަށް، އެމީހެއްގެ ފައިތިލަދަށުން ފެށިގެން އުޑުގެ ވިލާތަކާ ހަމައަށް ނޫރެއް ފެތުރިގެންދާނެއެވެ. ޤިޔާމަތް ދުވަހުން އެމީހަކަށް އެ ނޫރުން އަލިކަން ލިބޭނެއެވެ. އަދި ދެ ހުކުރު ދެމެދުގައިވާ ފާފަތައް އެމީހަކަށް ފުއްސަވައިދެއްވާނެއެވެ.”
މި ޙަދީޘާ ބެހޭގޮތުން އަލްމުންޛިރީ ވިދާޅުވެފައިވަނީ، މިއީ އަބޫބަކުރު އިބްނު މަރުދަވައިހު އެކަލޭގެފާނުގެ ތަފްސީރުގައި އެއްވެސް މައްސަލައެއް ނެތް ސަނަދަކުން ރިވާކުރައްވާފައިވާ ޙަދީޘެއް ކަމަށެވެ. (އައްތަރުޣީބު ވައްތަރުހީބު: 1/298)
ހުކުރު ދުވަހު ކަހަފު ސޫރަތް ކިޔަވަންވީ ވަގުތު:
ހުކުރު ވިލޭރޭ ނުވަތަ ހުކުރު ދުވަހުގެ ތެރޭގައި ކަހަފު ސޫރަތް ކިޔެވިދާނެއެވެ. ހުކުރު ވިލޭރޭ ފެށެނީ ބުރާސްފަތި ދުވަހުގެ އިރުއޮއްސޭ ވަގުތުން ފެށިގެންނެވެ. އަދި ހުކުރު ދުވަހުގެ ވަގުތު ހަމަވަނީ ހުކުރު ދުވަހުގެ އިރުއޮއްސުމުންނެވެ. އެހެންކަމުން، މި ސޫރަތް ކިޔެވުމުގެ ވަގުތު ބުރާސްފަތި ދުވަހުގެ އިރުއޮއްސުނީއްސުރެ ހުކުރު ދުވަހުގެ އިރުއޮއްސުމާ ހަމައަށް ދެމިގެންވެއެވެ.
އަލްމަނާވީ ވިދާޅުވެފައިވެއެވެ:
“އަލްޙާފިޡް އިބްނު ޙަޖަރު އެކަލޭގެފާނުގެ ‘އަމާލީ’ ގައި ވިދާޅުވެފައިވެއެވެ: ބައެއް ރިވާޔަތްތަކުގައި ‘ހުކުރު ދުވަސް’ އޮތްއިރު، އަނެއްބައި ރިވާޔަތްތަކުގައި ‘ހުކުރު ވިލޭރޭ’ އޮވެއެވެ. މި ދެކަންތައް އެއްގޮތްކުރެވޭނީ، އެއީ ރެއާއި ދުވަސް ހިމެނޭހެން އޮތް ވަގުތެއް ކަމުގައި ބަލައިގެންނެވެ.” (ފައިޟުލް ޤަދީރު: 6/199)
އަދިވެސް އަލްމަނާވީ ވިދާޅުވިއެވެ:
“އިމާމް އައްޝާފިޢީ رحمه الله ބަޔާންކުރައްވާފައިވާ ފަދައިން، ހުކުރު ވިލޭރޭ ނުވަތަ ހުކުރު ދުވަހު ކަހަފު ސޫރަތް ކިޔެވުމަކީ މުސްތަޙައްބު (އިތުރުވެގެންވާ) ކަމެކެވެ.” (ފައިޟުލް ޤަދީރު: 6/198)
ރިފަރެންސް: އިސްލާމް.ކިއު.އޭ (ލިންކް)

