ޚަބަރު

އެމްއެމްއޭއިން 492 މިލިއަން ޑޮލަރު މާރުކޮށް، ރާއްޖޭގެ ރިޒާވަށް ތާރީޚީ ކުރިއެރުމެއް

މިދިޔަ އަހަރުގެ ތެރޭގައި މަރުކަޒީ ބޭންކް (އެމްއެމްއޭ) މެދުވެރިކޮށް 492 މިލިއަން އެމެރިކާ ޑޮލަރު މާރުކޮށް، ރާއްޖޭގެ ރަސްމީ ރިޒާވް 1.13 ބިލިއަން ޑޮލަރަށް އުފުލިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިއުލާނު ކުރައްވައިފިއެވެ.

މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، މިއީ ރާއްޖޭގެ ތާރީޚުގައި ރަސްމީ ގްރޮސް ރިޒާވް އެންމެ މައްޗަށް ދިޔަ ފަހަރު ކަމަށާއި، ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން ގައުމުގެ މާލީ ހާލަތު ރަނގަޅުވަމުންދާ ކަމަށެވެ.

ދައުލަތުގެ ދަރަނި މެނޭޖްކުރުމަށް ކުރެވޭ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އަބޫދާބީ ފަންޑުން ނަގާފައިވާ 100 މިލިއަން ޑޮލަރުގެ ބޮންޑު އަނބުރާ ދެއްކުމުގެ މުއްދަތު ފަސް އަހަރަށް އިތުރުކުރުމަށް އެއްބަސްވެވިފައިވާ ކަމަށެވެ. މީގެ އިތުރުން، ނޮން-ޓެކްސް އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކުރި 100 މިލިއަން ޑޮލަރު މިހާރު ކަށަވަރުވެފައިވާ ކަމަށާއި، ކުރިއަށް އޮތް 45 ދުވަހުގެ ތެރޭގައި އެ ފައިސާ ދައުލަތަށް ލިބޭނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ އިގުތިސާދީ ރިސްކު ކުޑަކުރުމަށްޓަކައި ސޮވެރިން ޑިވެލޮޕްމެންޓް ފަންޑު (އެސްޑީއެފް) ވަރުގަދަކުރުމަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ކުރީ ސަރުކާރުން ނަގާފައިވާ ބޮޑެތި ލޯނުތަކާއި ސުކޫކުތައް ދެއްކުމުގައި ހުރި ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، ކްރެޑިޓަރުންނަށް ދެވޭ އިންޝުއަރެންސް ކަވަރޭޖްގެ ތެރެއިން އިތުރު 150 މިލިއަން ޑޮލަރު ހަމަޖެއްސުމުގެ މަސައްކަތް މިހާރު ނިމުމަކާ ގާތްވެފައިވާ ކަމަށްވެސް ރައީސްގެ ބަޔާނުގައި ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close