ނައިޖީރިއާގެ ކުވާރާ ސްޓޭޓުގައި ހަތިޔާރުއެޅި ބަޔަކު ގިނަ އަދަދެއްގެ ބަޔަކު މަރާލައިފި

ނައިޖީރިއާގެ އުތުރު-މެދުތެރޭގެ ކުވާރާ ސްޓޭޓުގެ ދުރު ހިސާބެއްގައި އޮންނަ ވޯރޯ އަވަށަށް ހަތިޔާރުއެޅި ބަޔަކު ވަދެގަނެ، އެތައް ބަޔަކު މަރާލައި، ގެތަކާއި ފިހާރަތަކުގައި ރޯކޮށްލާފައިވާ ކަމަށް އޮފިޝަލުން ވިދާޅުވެއްޖެއެވެ. މިއީ ނައިޖަރު ސްޓޭޓާ އިންވެގެން އޮންނަ މި ސަރަހައްދުގައި މިއަހަރުގެ ތެރޭގައި ދިން އެންމެ ނުރައްކާތެރި އަދި ލޭހޮރުވުން ބޮޑު ހަމަލާއެވެ.
ރެޑް ކްރޮސްގެ އޮފިޝަލަކު އޭއެފްޕީ ނިއުސް އެޖެންސީއަށް މައުލޫމާތު ދެއްވި ގޮތުގައި، މި ހަމަލާގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 162 އަށް އަރާފައެވެ. ނަމަވެސް، އެ ސްޓޭޓުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރަކު ރޮއިޓާސް ނިއުސް އެޖެންސީއަށް ވިދާޅުވި ގޮތުގައި، މަދުވެގެން 170 މީހުން މި ހަމަލާގައި ވަނީ މަރުވެފައެވެ. މި ސަރަހައްދަކީ ހަތިޔާރުއެޅި ގުރޫޕުތަކުން އަވަަށްތަކަށް ވަދެ، މީހުން ވަގަށް ނަގައި، އަދި ގެރިބަކަރި ފަދަ ތަކެތި ފޭރުމުގެ އަމަލުތައް އާންމުވަމުންދާ ސަރަހައްދެކެވެ.
“ރިޕޯޓްތަކުން ދައްކާ ގޮތުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 162 އަށް އަރާފައި. އަދިވެސް އިތުރު ހަށިތައް ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް،” ކުވާރާ ސްޓޭޓުގެ ރެޑް ކްރޮސްގެ ސެކްރެޓަރީ ބަބައޮމޯ އަޔޮދޭޖީ ބުދަ ދުވަހު ވިދާޅުވިއެވެ.
މި ހަމަލާ ދިންކަން ފުލުހުންނާއި ސްޓޭޓް ސަރުކާރުން ވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް ފުލުހުންގެ ފަރާތުން މަރުވި މީހުންގެ ސީދާ އަދަދެއް ހާމަކޮށްފައެއް ނުވެއެވެ. ސަރަހައްދީ ސަރުކާރުން މި ހަމަލާގެ ޒިންމާ އަޅުވާފައިވަނީ “ޓެރަރިސްޓް ސެލްތަކެއްގެ” މައްޗަށެވެ.
ކުވާރާ ފުލުހުންގެ ތަރުޖަމާނު އަދެތައުން އެޖީރޭ-އަޑެޔެމީ ވިދާޅުވީ، މީހުން ހޯދުމާއި ސަލާމަތްކުރުމުގެ އޮޕަރޭޝަނަކަށް ފުލުހުންނާއި ސިފައިން އެ ސަރަހައްދަށް ފޮނުވާފައިވާ ކަމަށެވެ. އެހެންނަމަވެސް، މަރުވި މީހުންގެ ތަފްސީލެއް ދެއްވަން އޭނާ ވަނީ އިންކާރު ކުރައްވާފައެވެ.
މީގެ ކުރިން، ކައިއާމާ ސަރަހައްދުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ސައިދު ބާބާ އަހުމަދު އޭއެފްޕީއަށް ވިދާޅުވީ، އަންގާރަ ދުވަހުގެ އިރުއޮއްސުނު ވަގުތު ދިން މި ހަމަލާގައި “35 އާއި 40 އާ ދެމެދުގެ އަދަދަކަށް ހަށިގަނޑު ފެނިފައިވާ” ކަމަށެވެ.
“ގިނަ ބަޔަކު ވަނީ ބަޑީގެ ހަމަލާތަކާއެކު ޖަންގަލިތަކުގެ ތެރެއަށް ފިލާފައި،” އަހުމަދު ވިދާޅުވިއެވެ. އަދި މަރުވި މީހުންގެ އަދަދު މިއަށްވުރެ އިތުރުވުން އެކަށީގެންވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ހަތިޔާރުއެޅި މީހުން ވޯރޯ އަވަށަށް ވަދެގަތީ އަންގާރަ ދުވަހުގެ އިރުއޮއްސި 6:00 ހާއިރު (ޖީ.އެމް.ޓީ އިން 17:00 ގައި) އެވެ. އެމީހުން ވަނީ ފިހާރަތަކާއި އެ އަވަށުގެ ރަސްގެފާނުގެ ގަނޑުވަރުގައި ރޯކޮށްލާފައެވެ. އަދި ރަސްގެފާނު ވީތަނެއް އަދިވެސް ނޭނގޭ ކަމަށް އަހުމަދު ވިދާޅުވިއެވެ.
ހަތިޔާރުއެޅި މީހުން ހަމަލާ ދޭން ފެށުމުން އަވަށުގެ މީހުން ވަނީ ރައްކާތެރިކަން ހޯދުމަށް ކައިރީގައި ހުރި ޖަންގަލިތަކުގެ ތެރެއަށް ވަދެފައެވެ. އަދިވެސް ގިނަ ބަޔަކު ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.



