ހަނގުރާމަވެރިންގެ ބާރުގެ ދަށަށް ގޮސްފައިވާ ސަރަހައްދުތައް އަނބުރާ ހޯދުމުގެ މަސައްކަތް ވަރުގަދަކޮށްފި

ޕާކިސްތާނުގެ މައުދަނުން މުއްސަނދި ހުޅަނގު ޕްރޮވިންސް ކަމަށްވާ ބަލޯޗިސްތާނުގެ އަވަށެއް ހަނގުރާމަވެރިންގެ އަތްދަށުން ސަލާމަތްކުރުމަށްޓަކައި، އެ ގައުމުގެ ސިފައިން ހެލިކޮޕްޓަރާއި ޑްރޯން ބޭނުންކޮށްގެން ވަރުގަދަ އޮޕަރޭޝަނެއް ފަށައިފިއެވެ. މި ހަމަނުޖެހުންތަކުގައި ސަލާމަތީ ބާރުތަކުގެ ގިނަ އަދަދެއްގެ މީހުންނާއި އާންމުން ވަނީ މަރުވެފައެވެ.
ރޮއިޓާސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ތިން ދުވަހުގެ ވަރުގަދަ ކުރިމަތިލުންތަކަކަށްފަހު ފުލުހުން ވަނީ ސަހަރާގެ އަވަށެއް ކަމަށްވާ ނުޝްކީގެ ކޮންޓްރޯލް އަލުން ހޯދާފައެވެ. މި ކުރިމަތިލުންތަކުގައި ފުލުހުންގެ ހަތް އޮފިސަރަކު ވަނީ މަރުވެފައެވެ.
ސަލާމަތީ އިދާރާގެ އިސް އޮފިޝަލަކު މައުލޫމާތު ދެއްވި ގޮތުގައި، ނުޝްކީއަށް އިތުރު ސިފައިން ފޮނުވާފައިވާއިރު، ހަނގުރާމަވެރިންނާ ދެކޮޅަށް ވައިގެ މަގުން ހެލިކޮޕްޓަރާއި ޑްރޯން ދަނީ ބޭނުންކުރަމުންނެވެ.
ބަލޯޗިސްތާން ލިބަރޭޝަން އާމީ (ބީ.އެލް.އޭ) އިން ހޮނިހިރު ދުވަހު ވަނީ ޕާކިސްތާނުގެ އެންމެ ބޮޑު ނަމަވެސް އެންމެ ފަގީރު މި ޕްރޮވިންސްގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް ސިލްސިލާ ހަމަލާތަކެއް ދީފައެވެ. މީގެ ތެރޭގައި ބޭންކުތަކާއި، ސްކޫލްތަކާއި، ބާޒާރުތަކުގެ އިތުރުން ސަލާމަތީ ބާރުތަކުގެ މަރުކަޒުތަކަށް ދީފައިވާ ހަމަލާތައް ހިމެނެއެވެ.
ކުއެޓާގައި ދިރިއުޅޭ އާންމު ރައްޔިތަކު ކަމަށްވާ ރޮބީނާ އަލީ ބުނި ގޮތުގައި، ސަރުކާރުގެ މައި އިދާރާއެއްގެ ކައިރީގައި ހިނގި ބާރުގަދަ ގޮވުމުގެ ސަބަބުން ގޭގެ ފުރާޅާއި ފާރުތައް ބިމާ ހަމަވެދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.
އޭ.އެފް.ޕީ ނިއުސް އެޖެންސީއަށް މައުލޫމާތު ދެއްވަމުން ސަރުކާރުގެ އިސް އޮފިޝަލަކު ބުދަ ދުވަހު ވިދާޅުވީ، ޓެރަރިޒަމާ ދެކޮޅަށް ހިންގަމުންދާ އޮޕަރޭޝަންތަކުގައި މިހާތަނަށް 197 ހަނގުރާމަވެރިން މަރާލެވިފައިވާ ކަމަށެވެ.
އަފްޣާނިސްތާނާއި އީރާނުގެ ބޯޑަރާ އިންވެގެން އޮންނަ މި ޕްރޮވިންސްގައި މިހާރު ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، އާންމުން އެއްވެ އުޅުމާއި މުޒާހަރާކުރުން މަނާކޮށްފައެވެ. މި ހަމަލާތަކުގައި މަރުވި ބައެއް މީހުންގެ ޖަނާޒާގެ ކަންކަން މިއަދު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ބީ.އެލް.އޭ އިން ބުނާ ގޮތުގައި “އޮޕަރޭޝަން ހެރޮފް” ގެ ނަމުގައި ހިންގާ މި ހަރަކާތްތަކުގައި ޕާކިސްތާނު ސިފައިންގެ 280 މީހުން ވަނީ މަރާލާފައެވެ. އެ ޖަމާއަތުގެ ލީޑަރު ބަޝީރު ޒެބް ބުނި ގޮތުގައި މިއީ 2024 ވަނަ އަހަރުގެ އޯގަސްޓް މަހު ދިން ހަމަލާތަކުގެ ކުރިއަށް އޮތް ބައެކެވެ. އޯގަސްޓް މަހުގެ ހަމަލާތަކުގައި 74 މީހުން މަރުވެފައިވެއެވެ.



