އަލްބަސޭޓޭ ބަލިކޮށް ބާސެލޯނާ ކޮޕާ ޑެލްރޭގެ ސެމީ ފައިނަލަށް

ސްޕެއިންގެ ކޮޕާ ޑެލްރޭ ކުއާޓާ ފައިނަލުގައި ރަށުން ބޭރުގައި އަލްބަސޭޓޭއާ ބައްދަލުކުރި މެޗު 2-1 އިން ކާމިޔާބުކޮށް، މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އިން ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
2005 ވަނަ އަހަރަށްފަހު މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ މެޗުގެ ކުރީކޮޅު މާކަސް ރަޝްފޯޑަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވި ނަމަވެސް، ހެންސީ ފްލިކްގެ އިރުޝާދުގެ ދަށުން ކުޅޭ ބާސެލޯނާ އިން ވަނީ މެޗުގައި މޮޅު ކުޅުމެއް ދައްކާފައެވެ.
މެޗުގެ 39 ވަނަ މިނިޓުގައި ފްރެންކީ ޑިޔޮންގް ތަނަވަސްކޮށްދިން ފުރުސަތަކުން ޒުވާން ތަރި ލަމީން ޔަމާލް ވަނީ ބާސެލޯނާ އަށް ލީޑު ނަގައިދީފައެވެ. މިއީ މި ސީޒަނުގެ މުބާރާތުގައި އޭނާ ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ. އޭގެ ފަހުން ދެވަނަ ހާފު ފެށިގެން 11 ވަނަ މިނިޓުގައި ރަޝްފޯޑް ނަގައިދިން ކޯނަރަކުން ޑިފެންޑަރު ރޮނަލްޑް އަރައުހޯ ވަނީ ބާސެލޯނާގެ ދެވަނަ ލަނޑު ޖަހައިދީފައެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނިޓަށް ވެފައި ވަނިކޮށް އަލްބަސޭޓޭގެ ހަވީ މޮރޭނޯ ލަނޑެއް ޖަހައި ފަރަގު ކުޑަކުރި ނަމަވެސް، ބާސެލޯނާ އިން ވަނީ މެޗުގެ ނަތީޖާ ހިފަހައްޓައި ސެމީގެ ޖާގަ ކަށަވަރުކޮށްފައެވެ. މި މޮޅާއެކު ބާސެލޯނާ އިން މިވަނީ މުބާރާތުގެ ތަށި ދިފާއުކުރުމާ ގާތަށް އިތުރު ފިޔަވަޅެއް އަޅާފައެވެ.


