އީޔޫގެ ލަޝްކަރުތަކަކީ “ޓެރަރިސްޓު” ޖަމާއަތްތަކެއް ކަމަށް އީރާނުން ނިންމުން އީޔޫއިން އެކަން ކުށްވެރިކޮށްފި

ޔޫރަޕްގެ ގައުމުތަކުގެ އަސްކަރިއްޔާތަކަކީ ޓެރަރިސްޓު ޖަމާއަތްތަކެއް ކަމަށް އީރާނުން ކަނޑައެޅި ކަނޑައެޅުން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ހޯމަ ދުވަހު ކުށްވެރިކޮށްފިއެވެ. ނަމަވެސް، ދެފަރާތުގެ ދެމެދުގައި އޮންނަ ޚާރިޖީ ގުޅުންތައް ދެމެހެއްޓުމަކީ މުހިންމު ކަމެއް ކަމަށް އީޔޫއިން ވަނީ ބުނެފައެވެ.
އީޔޫގެ ތަރުޖަމާނު އަންވަރު އަލް އަނޫނީ، ބްރަސަލްސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، އީޔޫގެ ލަޝްކަރުތައް ޓެރަރިސްޓު ލިސްޓުގައި ހިމެނުމަށާއި، އެ ލަޝްކަރުތަކާ ދެކޮޅަށް ކުރާ ޓެރަރިޒަމްގެ ތުހުމަތުތައް އެއްކޮށް ދޮގުކުރާ ކަމަށެވެ.
އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) ޓެރަރިސްޓު ޖަމާއަތެއްގެ ގޮތުގައި އީޔޫއިން ކަނޑައެޅުމާ ގުޅިގެން މަސްރަހު ގޯސްވި ނަމަވެސް، ދެ ފަރާތުގެ ދެމެދުގައި ވާހަކަދެއްކުމުގެ މަގުތައް ބަންދުނުކޮށް ބޭއްވުމަށް އީޔޫއިން އުއްމީދު ކުރެއެވެ.
އީޔޫގެ ފޮރިން ޕޮލިސީ ޗީފް ކާޖާ ކާލަސްގެ ވާހަކަފުޅަށް ރިއާޔަތްކޮށް ތަރުޖަމާނު ވިދާޅުވީ، “އައިއާރުޖީސީ ޓެރަރިސްޓު ލިސްޓަށް އެރުވި ނަމަވެސް، އީރާނާއެކު އޮންނަ ޚާރިޖީ ގުޅުންތަކުގެ މަގުތައް ހުޅުވިފައި ހުންނަންޖެހޭނެ” ކަމަށެވެ. އަދި ބޭނުންޖެހިއްޖެ ހާލަތެއްގައި އީރާނުގެ އިސް ފަރާތްތަކާ މުއާމަލާތް ކުރުމަކީ އީޔޫގެ ޚާރިޖީ ސިޔާސަތުގެ ބައެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އީރާނުން ޔޫރަޕްގެ ލަޝްކަރުތަކަކީ ޓެރަރިސްޓުން ކަމަށް ކަނޑައެޅީ، އީރާނުގައި ދާދިފަހުން ކުރިއަށްދިޔަ މުޒާހަރާތައް ހުއްޓުވުމަށް އައިއާރުޖީސީން ބާރުގެ ބޭނުންކޮށް، އިންސާނީ ހައްގުތަކަށް އަރައިގަތުމާ ގުޅިގެން އީޔޫއިން އެ ޖަމާއަތް ޓެރަރިސްޓު ލިސްޓުގައި ހިމެނުމުން، އެކަމުގެ ބަދަލުހިފުމުގެ ގޮތުންނެވެ.
އީރާނުގެ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލިބާފް އާދިއްތަ ދުވަހު ވިދާޅުވީ، މި ނިންމުމަކީ އީރާނުގެ ގާނޫނެއް ކަމަށްވާ “ލޯ އޮން ކައުންޓަރމެޝާސް އެގެއިންސްޓް ދަ ޑިކްލަރޭޝަން އޮފް ދަ އައިއާރުޖީސީ އެޒް އަ ޓެރަރިސްޓް އޯގަނައިޒޭޝަން” ގެ ދަށުން ނިންމި ނިންމުމެއް ކަމަށެވެ.
މީގެ އިތުރުން، އީރާނުން އެގައުމުގައި ތިބޭ އީޔޫގެ ސަފީރުން ހާޒިރުކޮށް ސުވާލުކުރާ މައްސަލައާ ގުޅިގެން ތަރުޖަމާނު ވިދާޅުވީ، އެއީ ވިއެންނާ ކޮންވެންޝަންގެ ދަށުން ޚާރިޖީ ގުޅުންތަކުގައި އާންމުކޮށް އަމަލުކުރާ އުސޫލެއް ކަމަށެވެ. ނަމަވެސް، ވަކިވަކި ގައުމުތަކުގެ ސަފީރުންނާ ގުޅޭގޮތުން އިތުރު ތަފްސީލެއް އޭނާ ނުދެއްވައެވެ.



