ޚަބަރު

ޢުމްރާ ގުރޫޕަކުން ލަނޑުދިން ތިނަދޫ އާއިލާއަކަށް ދޮޅު ލައްކަ ރުފިޔާ ދޭން ހުކުމްކޮށްފި

އުމްރާއަށް ގެންގޮސްދޭނެ ކަމަށް ބުނެ ފައިސާ ނެގުމަށްފަހު، އުމްރާއަށް ފޮނުވައިނުދީ ލަނޑުދިން ގދ. ތިނަދޫ އާއިލާއަކަށް 1.5 ލައްކަ ރުފިޔާ އަނބުރާ ދެއްކުމަށް އަސްކޮއި އުމްރާ ގުރޫޕުގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައަކީ 1444 ވަނަ އަހަރުގެ ރަމަޟާން މަހު އުމްރާއަށް ގެންގޮސްދޭނެ ކަމަށް ބުނެ، ތިނަދޫ އާއިލާއަކުން އަސްކޮއި ގުރޫޕަށް ދެއްކި ފައިސާ އަނބުރާ ހޯދުމަށް ހުށަހެޅި މައްސަލައެކެވެ. އެ އާއިލާގެ ފަރާތުން ކޯޓުގައި ބުނެފައިވަނީ، އުމްރާގެ ދަތުރަށް އެކި ފަހަރު މަތިން ޖުމްލަ 150،000 (އެއްލައްކަ ފަންސާސް ހާސް) ރުފިޔާ އެ ގުރޫޕަށް ދައްކާފައިވާ ކަމަށެވެ.

ނަމަވެސް، އެއްބަސްވި ގޮތަށް އެ އާއިލާ އުމްރާއަށް ފޮނުވައިދީފައި ނުވާތީ އާއި، ދެއްކި ފައިސާ އަނބުރާ ލިބިފައި ނުވާތީ އެ އާއިލާއިން ވަނީ ޝަރުއީ މަރުހަލާގެ އެހީތެރިކަމަށް އެދިފައެވެ.

މި މައްސަލައިގައި ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، އަސްކޮއި އުމްރާ ގުރޫޕަށް އެ އާއިލާއިން ފައިސާ ދައްކާފައިވާކަން ލިޔެކިޔުންތަކުން އެނގެން އޮތް ނަމަވެސް، އެ ފައިސާގެ ބަދަލުގައި ދޭންޖެހޭ ޚިދުމަތް ދީފައިނުވާ ކަމަށެވެ. އެހެންކަމުން، އެ ފައިސާއަކީ އަސްކޮއި ގުރޫޕުން އެ އާއިލާއަށް އަނބުރާ ދައްކަންޖެހޭ ފައިސާއެއް ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

ކޯޓުގެ ހުކުމުގައި އަމުރުކޮށްފައިވަނީ، އެ ފައިސާ ކުރިއަށް އޮތް އެއް މަސް ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކައި ޚަލާސްކުރުމަށެވެ.

މިފަހަކަށް އައިސް އުމްރާ ގުރޫޕުތަކުން މީހުން އުމްރާއަށް ގެންގޮސްދޭނެ ކަމަށް ބުނެ ފައިސާ ނެގުމަށްފަހު، އެކި ސަބަބުތަކާ ހުރެ ދަތުރު ކެންސަލްވެ، ފައިސާ އަނބުރާ ނުލިބޭ މައްސަލަތައް ވަނީ އިތުރުވެފައެވެ. މިފަދަ މައްސަލަތަކުގައި އާންމުން ސަމާލުވުމަށާއި، އިސްލާމިކް މިނިސްޓްރީން ހުއްދަ ދީފައިވާ ގުރޫޕުތަކެއްތޯ ކަށަވަރު ކުރުމަށް ކަމާބެހޭ ފަރާތްތަކުން އަބަދުވެސް އިރުޝާދު ދެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close