އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރކަމުން ޑރ. ޒާހިރު އިސްތިޢުފާ ދެއްވުމުން ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރކަމުގެ މަޤާމުން ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޑރ. މުޙައްމަދު ޒާހިރު ޙުސައިން އިސްތިޢުފާ ދެއްވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހެނދުނު އެމަނިކުފާނާ ބައްދަލުކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ޑރ. ޒާހިރު އެ މަޤާމުގައި ހުންނަވައިގެން ދިވެހި ދައުލަތަށާއި ތަޢުލީމީ ދާއިރާއަށް ކޮށްދެއްވި އިޚުލާޞްތެރި ޚިދުމަތްތަކަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޑރ. ޒާހިރުގެ ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި އެމަނިކުފާނަށް ޚާއްޞަ ސިޓީފުޅެއް އަރުވާފައެވެ. މިގޮތުން ރާއްޖޭގައި އަސާސީ ތަޢުލީމުގެ މަޝްރޫޢު ހިންގެވުމުގައްޔާއި، އަތޮޅުތަކުގައި ކޮމިއުނިޓީ ސްކޫލުތައް ބިނާކުރެއްވުމުގެ އިތުރުން، އެޑިޔުކޭޝަން މިނިސްޓަރުގެ މަޤާމުގައި 10 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހުންނަވައިގެން ޒަމާނީ ތަޢުލީމީ ނިޒާމެއް ބިނާކުރުމަށް ކުރެއްވި މަސައްކަތްޕުޅުތައް ރައީސް ފާހަގަކުރެއްވިއެވެ. ޑރ. ޒާހިރު ދެއްކެވި ވާހަކަފުޅުގައި، އިސްލާމީ ޔުނިވަރސިޓީގައި ޚިދުމަތް ކުރެއްވުމަށް ލިބިވަޑައިގެންނެވި ފުރުޞަތަކީ ބޮޑު ޝަރަފެއް ކަމުގައި ވިދާޅުވެ، މި ސަރުކާރުން އެމަނިކުފާނަށް ދެއްވި އިތުބާރަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.
ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބު އަރުވާފައިވާ ޑރ. ޒާހިރު ޙުސައިނަކީ، 49 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. މީގެ ތެރެއިން 33 އަހަރަށްވުރެ ގިނަ ދުވަސް ތަޢުލީމީ ދާއިރާގައި ހޭދަކުރައްވާފައިވާއިރު، އެމަނިކުފާނަށް ވަނީ ރާއްޖޭގެ ތަޢުލީމަށް ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު 2024 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަރުވާފައެވެ. ޑރ. ޒާހިރު ވަނީ ރާއްޖޭގެ ދެ ޔުނިވަރސިޓީގެ ޗާންސެލަރކަންވެސް ކުރައްވާފައެވެ.


