ޓްރަމްޕާ ދެކޮޅަށް ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ވިސްނުމެއް ނެތް ކަމަށް ޖަރުމަނުގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނެފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސިޔާސަތުތަކާ ދެކޮޅަށް މެސެޖެއް ދިނުމުގެ ގޮތުން، ކުރިއަށް އޮތް ވޯލްޑް ކަޕް ބޮއިކޮޓް ކުރުމަށް ޖަރުމަނުގެ ފުޓްބޯޅަ އިދާރާގެ އެތެރެއިން ބައެއް ފަރާތްތަކުން ގޮވާލަމުންދިޔަ ނަމަވެސް، އެ ފެޑެރޭޝަނުން އެކަން ނުކުރަން ނިންމައިފިއެވެ.
ހުކުރު ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ޖަރުމަނުގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނީ، “އަޅުގަނޑުމެން ގަބޫލުކުރަނީ ކުޅިވަރަކީ މީހުން އެއްބައިވަންތަކޮށްދޭ ބާރެއް ކަމަށާއި، ފީފާ ވޯލްޑް ކަޕަކީ މުޅި ދުނިޔެއަށް އޭގެ ހެޔޮ އަސަރު ފޯރުވާނެ މުހިންމު ހަރަކާތެއް” ކަމަށެވެ. އަދި އެ އިދާރާގެ އަމާޒަކީ މިފަދަ ހެޔޮ ބާރުތައް ވަރުގަދަކުރުން ކަމަށާއި، އެކަމަށް ހުރަސްއެޅުން ނޫން ކަމަށްވެސް އެ ބަޔާނުގައިވެއެވެ.
ޑީ.އެފް.ބީ (DFB) ގެ ނަމުން މަޝްހޫރުވެފައިވާ މި ފެޑެރޭޝަނުން ބުނި ގޮތުގައި، އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބާއްވާ މި މުބާރާތް ބޮއިކޮޓް ކުރުމާ ބެހޭގޮތުން އެ އިދާރާގެ އެގްޒެކެޓިވް ކޮމިޓީގައި ވަނީ މަޝްވަރާކޮށްފައެވެ. މި ހިޔާލު އެންމެ ފުރަތަމަ ހުށަހެޅުއްވީ ފެޑެރޭޝަނުގެ ނައިބު ރައީސް އޯކޭ ގޮޓްލިޗްއެވެ.
ބުންޑެސްލީގާގެ ކްލަބެއް ކަމަށްވާ ސެއިންޓް ޕައުލީގެ ރައީސްކަންވެސް ކުރައްވާ ގޮޓްލިޗް ވަނީ، ޓްރަމްޕްގެ ފަހުގެ އަމަލުތަކާއި ދައްކަވާ ވާހަކަފުޅުތަކަށް ރިއާޔަތްކުރައްވައި، މުބާރާތް ބޮއިކޮޓް ކުރުމާ މެދު “ސީރިއަސްކޮށް ވިސްނަންޖެހޭ” ކަމަށް ވިދާޅުވެފައެވެ.
ނަމަވެސް، ގޮޓްލިޗްގެ ވާހަކަތަކަށް ނުސީދާކޮށް ރައްދު ދެމުން ޑީ.އެފް.ބީ އިން ބުނީ، ކުޅިވަރުގެ ސިޔާސަތުތަކާ ގުޅޭ ބަހުސްތައް ކުރިއަށް ގެންދަންވާނީ އިދާރާގެ އެތެރޭގައި ކަމަށާއި، އާންމުކޮށް އެފަދަ ވާހަކަތައް ދެއްކުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.
އެ އިދާރާއިން އިތުރަށް ބުނި ގޮތުގައި، މުބާރާތް ބޮއިކޮޓް ކުރުމުގެ އެއްވެސް ވިސްނުމެއް މިވަގުތަކު ނެތެވެ. އަދި ޖޫން 11 އިން ޖުލައި 19 އަށް ބާއްވާ މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ސިޔާސީ، ސަލާމަތީ، ވިޔަފާރީގެ އަދި ކުޅިވަރުގެ ދާއިރާތަކުގެ ފަރާތްތަކާ އެކު މަޝްވަރާ ކުރަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.
ގްރީންލޭންޑް ގަތުމަށް ޓްރަމްޕް ކުރެއްވި މަސައްކަތާއި، އެކަމާ ދެކޮޅު ހެދި ޔޫރަޕްގެ ގައުމުތަކުގެ މުދަލުން ޓެކްސް ނަގާނެ ކަމުގެ އިންޒާރު ދެއްވުމާ ގުޅިގެން ޔޫރަޕްގައި ވަނީ ނުތަނަވަސްކަން އުފެދިފައެވެ. މީގެ އިތުރުން ވެނެޒުއޭލާގެ މައްސަލައިގައާއި އެމެރިކާގެ އެތެރޭގެ މުޒާހަރާތަކާ މެދު އޭނާ ގެންގުޅުއްވާ ސިޔާސަތުތަކުގެ ސަބަބުން ވެސް ގިނަ ބައެއްގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ.
ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާ ވެސް ވަނީ މި މުބާރާތަށް ސަޕޯޓަރުން ނުދިއުމަށް ދާދި ފަހުން އިރުޝާދު ދެއްވާފައެވެ. ނަމަވެސް، އޭނާ ރައީސްކަމުގައި ހުންނެވިއިރު، ޔޫކްރެއިންގެ މައްސަލައިގައި 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕް ބޮއިކޮޓް ކުރުމަށް ގޮވާލި ގޮވާލުންތަކާ ދެކޮޅު ހެއްދެވިއެވެ. އޭރު ބްލެޓާ ވިދާޅުވީ “އެއްވެސް ގައުމެއްގައި ބާއްވާ ފުޓްބޯޅަ މުބާރާތެއް ބޮއިކޮޓް ކޮށްގެން ނުވާނެ” ކަމަށެވެ.
މި މުބާރާތާ ކުރިމަތިލާއިރު، ޓިކެޓްގެ އަގު ބޮޑުވުމުގެ ސަބަބުން ސަޕޯޓަރުންގެ ކަންބޮޑުވުންތައް އެބަހުއްޓެވެ. އަދި ޓްރަމްޕްގެ ސަރުކާރުން ބައެއް ގައުމުތަކުގެ މީހުން އެމެރިކާއަށް ވަނުން މަނާކޮށްފައި އޮތުމުގެ ސަބަބުން، ބައެއް ގައުމުތަކުގެ ސަޕޯޓަރުންނަށް މުބާރާތް ބަލަން ނުދެވުމުގެ ބިރުވެސް އެބައޮތެވެ.
ކޮންމެއަކަސް، ޖަރުމަނު ޓީމު މި މުބާރާތުން ފެންނާނެކަން މިހާރު ވަނީ ޔަގީންވެފައެވެ.
“އަޅުގަނޑުމެން ބޭނުންވަނީ އަންނަ ހޫނު މޫސުމުގައި ކޮލިފައިވާ އެހެން ޓީމުތަކާ އެކު އިންސާފުވެރިކަމާއެކު ވާދަކުރަން،” ޑީ.އެފް.ބީ އިން ބުންޏެވެ. “އަދި 2024 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް އަޅުގަނޑުމެންގެ ގައުމުގައި ބޭއްވިއިރު ފެނިގެންދިޔަ ފަދަ އުފާވެރި އަދި އަމާން ފުޓްބޯޅަ އީދެއް މުޅި ދުނިޔޭގެ ސަޕޯޓަރުންނާއެކު ދަނޑުތަކާއި ފޭން ޒޯންތަކުގައި ފާހަގަކުރަން އަޅުގަނޑުމެން ބޭނުންވޭ.”


