ކާމިޔާބު ދަރިވަރަކަށްވުމަށް ކުރެވިދާނެ މުހިންމު ކަންކަން

ކޮންމެ ކުއްޖެއްގެވެސް އުންމީދަކީ ތަޢުލީމީ ދާއިރާއިން ކުރިއަށްގޮސް، މުޖުތަމަޢު ގަބޫލުކުރާ ފަދަ ކާމިޔާބު މީހަކަށް ވުމެވެ. ނަމަވެސް، ކާމިޔާބީއަކީ ހަމައެކަނި ފޮތްތަކުން އުނގެނޭ މައުލޫމާތުން އެކަނި ހާސިލުކުރެވޭނެ އެއްޗެއް ނޫނެވެ. ކާމިޔާބު ދަރިވަރަކަށް ވުމަށްޓަކައި އަޚްލާޤީ ގޮތުންނާއި، ދީނީ ގޮތުން އަދި ކިޔެވުމުގެ އާދަކާދަތަކަށް ބަދަލުތަކެއް ގެންނަން ޖެހެއެވެ.
މިގޮތުން އެންމެ އިސްކަމެއް ދޭންޖެހެނީ ދީނީ ކަންކަމަށެވެ. މާތްﷲ އަންގަވާފައިވާ އެންމެހާ ކަންކަމަށް ފަރުވާތެރިވެ، ޚާއްޞަކޮށް ފަރުޟު ފަސް ނަމާދު ވަގުތުން އަދާކުރުމަކީ ދިރިއުޅުމުގައި ބަރަކާތް އިތުރުވެ، ހިތްހަމަޖެހުމާއި ކާމިޔާބީ ލިބޭނެ އެންމެ ބޮޑު ސަބަބެވެ. ދީނީ އަގީދާ ވަރުގަދަ ދަރިވަރަކީ އަބަދުވެސް ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު މަސައްކަތްކުރާނެ ކުއްޖެކެވެ.
ދެވަނަ ކަމެއްގެ ގޮތުން، މައިންބަފައިންނަށް އިޙްތިރާމް ކުރުމަކީ ކާމިޔާބީގެ ތަޅުދަނޑިއެވެ. މައިންބަފައިންގެ ދުޢާއާއި ރުހުން ލިބިގެން މެނުވީ އެއްވެސް ކުއްޖަކަށް ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަމެއް ނުލިބޭނެއެވެ. ހަމައެއާއެކު، އުނގަންނައިދޭ މުދައްރިސުންނަށް އިޙްތިރާމް ކުރުމަކީ އުނގެނޭ އިލްމުގައި ބަރަކާތްލައްވާނެ ކަމެކެވެ. މުދައްރިސުންނަކީ ދަރިވަރުންގެ މުސްތަޤުބަލު ބިނާކޮށްދޭ މޭސްތިރިން ކަމަށްވުމާއެކު، އެބޭފުޅުންގެ އިރުޝާދުތަކަށް ބޯލެނބުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
ކިޔެވުމުގެ މާޙައުލަށް ބަލާއިރު، ކުލާސް ތެރޭގައި ނަގައިދޭ ފިލާވަޅުތަކަށް ފުރިހަމައަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. ކޮންމެ ގަޑިއަކީވެސް އަގުހުރި ވަގުތެއް ކަމަށް ދެކި، އެއްވެސް ސަބަބަކާނުލައި ކުލާސްތައް މިސްނުކޮށް ގަޑިއަށް ސަމާލުވާންޖެހެއެވެ. އަދި ކުލާސް ތެރޭގައި އެހެން ކުދިންނަށް އިޙްތިރާމްކޮށް، އެންމެންނާ ގުޅިގެން މަސައްކަތް ކުރަން ދަސްކުރުމަކީ އިޖުތިމާޢީ ހުނަރުތައް ކުރިއަރާނެ ކަމެކެވެ.
ފަރުވާތެރިކަމަކީ ކާމިޔާބީގެ އެންމެ މުހިންމު އެއް ސިފައެވެ. މުދައްރިސުން ހަވާލުކުރާ ކިތަންމެ ކުޑަ މަސައްކަތެއް ނަމަވެސް ފަރުވާތެރިކަމާއެކު ނިންމުމަށް އިސްކަންދޭންވާނެއެވެ. ދެވޭ ފިލާވަޅުތައް ބަރާބަރަށް ނިންމުމާއި، ދަސްކުރަން ދެވޭ އެއްޗެއް ފަހަށް ބަހައްޓާނުލައި އެދުވަހުން އެދުވަހަށް ދަސްކުރުމަކީ އިމްތިޙާންތަކާ ކުރިމަތިލާއިރު އުފުލަންޖެހޭ ބުރަ ކުޑަކޮށްދޭނެ ކަމެކެވެ.
ނިންމާލަމުން ފާހަގަކޮށްލަންޖެހެނީ، ކާމިޔާބު ދަރިވަރެއްގެ އެންމެ ރީތި ސިފައަކީ އަޚްލާޤު ރަނގަޅު ކުއްޖަކަށް ވުމެވެ. ބަހާއި އަމަލުން މީހުންނަށް އުނދަގޫ ނުކޮށް، ހިތްހެޔޮކަމާއެކު އެހެން ކުދިންނަށް އެހީތެރިވެ އުޅުމަކީ އެ ދަރިވަރަކަށް އެންމެންގެ ލޯތްބާއި އިޙްތިރާމް ލިބޭނެ ކަމެކެވެ. މި ދެންނެވި ކަންކަމަށް ސަމާލުކަންދީފިނަމަ، ކޮންމެ ކުއްޖަކީވެސް މުޖުތަމަޢަށް ފައިދާހުރި، ކާމިޔާބު ދަރިވަރަކަށް ވާނެކަން ކަށަވަރެވެ.


