އީރާނުގެ ރޫހާނީ ލީޑަރު އިސްތިއުފާ ދެއްވުމަށް އެގައުމުގެ ރިފޯމިސްޓުން ސިއްރިއްޔާތުގައި ގޮވާލައިފި

އީރާނުގެ އެންމެ މަތީ ބާރު، ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ މަގާމުން އިސްތިއުފާ ދެއްވުމަށް، އެގައުމުގެ ސިޔާސީ މަސްރަހުގައި ނުފޫޒުގަދަ ރިފޯމިސްޓް (އިސްލާހީ) ލީޑަރުން ސިއްރިއްޔާތުގައި ގޮވާލައިފި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
“ޔޫރެކްޓިވް” އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އީރާނުގެ ރިފޯމިސްޓް ޕާޓީތައް ހިމެނޭ “ރިފޯމް ފްރަންޓް” ގެ އިސްވެރިން ވަނީ މިހިނގާ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހު ކުއްލި ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމަކީ އީރާނުގެ ސަރުކާރާ ދެކޮޅަށް ރައްޔިތުން ކުރަމުންދާ މުޒާހަރާތައް ހުއްޓުވުމަށް ސަލާމަތީ ބާރުތަކުން ހިންގި ލޭއޮހޮރުވުންތަކާ ގުޅިގެން ބޭއްވި ބައްދަލުވުމެކެވެ. ބައެއް އަންދާޒާތަކުން ބުނާ ގޮތުގައި މި ހަމަނުޖެހުންތަކުގައި 30،000 އެއްހާ މީހުން ވަނީ މަރުވެފައެވެ.
ޔޫނިއަން އޮފް އިސްލާމިކް އިރާން ޕީޕަލް ޕާޓީގެ ލީޑަރު އަޒަރު މަންސޫރީ ރިޔާސަތު ބެލެހެއްޓެވި މި ބައްދަލުވުމުގައި ނިންމާފައިވަނީ، ޚާމަނާއީ މަގާމުން ދުރުވެ، ގައުމު ހިންގުން ވަގުތީ “ޓްރާންސިޝަނަލް ކައުންސިލް” އަކާ ހަވާލުކުރުމަށް ފާޅުގައި ގޮވާލުމަށެވެ. މިއީ އީރާނުގެ ސިޔާސީ ނިޒާމުގައި “ރެޑް ލައިން” އެއްގެ ގޮތުގައި ބެލެވޭ، އެއްވެސް ފަރާތަކުން ހުރަސްކުރުން މަނާ އިންތަކެއް ހުރަސްކޮށް ނިންމި ނިންމުމެކެވެ.
ނަމަވެސް، މި ބަޔާން އާންމުކުރުމުގެ ކުރިން އީރާނުގެ ސަލާމަތީ ބާރުތަކަށް މިކަމުގެ މައުލޫމާތު ލިބި، ރިފޯމިސްޓް ލީޑަރުންނަށް ސީދާ ގޮތުން ބިރުދައްކައި އިންޒާރު ދިނުމުގެ ސަބަބުން އެ މަސައްކަތް ވަނީ ހުއްޓާލަން ޖެހިފައެވެ.
މި ހާދިސާއަށްފަހު، ރިފޯމިސްޓް ލީޑަރު އަޒަރު މަންސޫރީ އަވަހާރަކޮށްލަން މަސައްކަތް ކުރި ކަމުގެ ތުހުމަތުތަކެއް ވެސް ވަނީ ފެންމަތިވެފައެވެ. އީރާނުގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މަންސޫރީ ދިރިއުޅުއްވާ ގޭގެ ހީޓަރު ހޮޅިއަކަށް ބަދަލު ގެނެސް، ކާބަން މޮނޮކްސައިޑް ގޭސް ލީކުވާ ގޮތް ހަދާފައި ހުއްޓާ ވަނީ ފެނިފައެވެ. މިއީ އޭނާ އާއި އޭނާގެ އާއިލާ ނޭވާ ހާސްކޮށްލައިގެން މަރާލަން ދިން ހަމަލާއެއް ކަމަށް ބެލެވެއެވެ.
މީގެ އިތުރުން، މީގެ ކުރިން ރިފޯމިސްޓުންގެ ތާއީދާއެކު ވެރިކަމަށް ވަޑައިގަތް ރައީސް މަސްއޫދު ޕެޒެޝްކިއަންއާ ވެސް އެ ގްރޫޕުން މިހާރު ވަނީ ގުޅުން ކަނޑާލާފައެވެ. ރިފޯމިސްޓުން ގޮވާލަމުންދަނީ މުޒާހަރާގެ ބައިވެރިން މެރި މައްސަލައިގައި ޚާމަނާއީ އާއި ޕެޒެޝްކިއަން ވެސް ކޯޓަށް ހާޒިރުކޮށް ޖަވާބުދާރީ ކުރުވުމަށެވެ.
މުހައްލިލުން ދެކޭ ގޮތުގައި، އީރާނުގެ ސަރުކާރަށް މިހާތަނަށް ސިޔާސީ ގޮތުން އެންމެ ބޮޑު އެހީތެރިކަމެއް ދެމުން އައި ރިފޯމިސްޓް ބްލޮކް ސަރުކާރާ ދެކޮޅުވުމަކީ، ގައުމުގެ ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެކެވެ. މިއީ އެމެރިކާގެ އަސްކަރީ މަނަވަރުތައް އީރާނާ ގާތުގައި ހަރަކާތްތެރިވަމުންދާ ދަނޑިވަޅެއްގައި، އެގައުމުގެ ދާޚިލީ މަސްރަހު އިތުރަށް ގޯސްވެދާނެ ކަމެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ.

