ނ. ފަރުމުލީގައާއި ކާށިދޫ ފަޅުތެރޭގައި ރިސޯޓު ތަރައްޤީކޮށް ހިންގުމަށް ހުޅުވާލައިފި

ކ. ކާށިދޫ ފަޅާއި ނ. ފަރުމުލީގައި ޓޫރިސްޓް ރިސޯޓު ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އިޢުލާނުކޮށްފިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ފަތުރުވެރިކަން ފުޅާކުރުމަށް ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، ކާށިދޫ ފަޅުން 10 ހެކްޓަރުގެ ބިން ހިއްކައިގެން 100 އެނދުގެ ރިސޯޓެއް އަދި ފަރުމުލީ ފަޅުން 15 ހެކްޓަރުގެ ބިން ހިއްކައިގެން 150 އެނދުގެ ރިސޯޓެއް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ދެ ސަރަހައްދު 50 އަހަރަށް ކުއްޔަށް ދޫކުރުމަށް ނިންމާފައިވާއިރު، ބިން ދޫކުރާތާ 36 މަސްދުވަހުގެ ތެރޭގައި މަސައްކަތް ފަށަންޖެހެއެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް އަންނަ މަހުގެ 16 އަދި މާރިޗު 3 ގައި ވަރޗުއަލް ބައްދަލުވުންތަކެއް ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ. ބީލަން ފޮތް ގަތުމުގެ ފުރުޞަތު އަންނަ މަހުގެ 1 އިން މާރިޗު 31 ގެ ނިޔަލަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ލިބޭނެއެވެ.
މި މަޝްރޫޢުތަކަށް ބީލަން ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ އަންނަ އެޕްރީލް މަހުގެ 1 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އެވެ. ބީލަން ހުށަހަޅަންޖެހޭނީ އެ ވުޒާރާއަށް ހާޟިރުވެގެންނެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކަށް މާރިޗު 29 ގެ ކުރިން އީމެއިލް މެދުވެރިކޮށް ސުވާލު ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ.

