ސިއްހީ ދާއިރާ ހަރުދަނާކުރުމަށް 60 ލެބް ޓެކްނީޝަނުންނާއި 50 ނަރުހުން ހޯދަނީ

ރާއްޖޭގެ އެކި ރަށްރަށުގެ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުގައި ލެބޯޓްރީގެ ހިދުމަތް ފުޅާކުރުމަށްޓަކައި 60 ބިދޭސީ ލެބް ޓެކްނީޝަނުންނާއި 50 ބިދޭސީ ނަރުހުން ހޯދުމަށް ހެލްތު މިނިސްޓްރީން އިއުލާންކޮށްފިއެވެ.
މި މަގާމުތަކަށް ހޮވޭ ލެބް ޓެކްނީޝަނުންނަށް މުސާރަ އާއި އެކި އެލަވަންސްތަކާއެކު މަހަކު ޖުމްލަ 12,910 ރުފިޔާ ލިބޭނެ ކަމަށް އެ މިނިސްޓްރީން މައުލޫމާތުދެއެވެ.
މި ނިންމުމަކީ ސިއްހީ ދާއިރާ ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އެޅުނު މުހިންމު ފިޔަވަޅެކެވެ. ރައީސް މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި، ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ އެންމެ ކުދި ރަށްރަށުގައި ވެސް ލެބޯޓްރީގެ ހިދުމަތް ފޯރުކޮށްދިނުމެވެ. މިކަމަށްޓަކައި މިއަހަރުގެ ބަޖެޓުގައި ސިއްހީ ދާއިރާގެ މަޝްރޫއުތަކަށް 830 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.
މީގެ އިތުރުން، ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި 15 ރަށެއްގައި ސީޓީ ސްކޭންގެ ހިދުމަތް ގާއިމުކުރުމާއި، ފަސް ރަށެއްގައި ޓާޝަރީ ހޮސްޕިޓަލް އަޅައި އެމްއާރުއައިގެ ހިދުމަތް ދިނުމަށް ވެސް ސަރުކާރުން ވަނީ ރާވާފައެވެ. މި ބަދަލުތަކާއެކު 2026 ވަނަ އަހަރަކީ ރާއްޖޭގެ ސިއްހީ ނިޒާމަށް ބޮޑު އިންގިލާބީ ބަދަލެއް އަންނާނެ އަހަރެއް ކަމަށް ރައީސް ފާހަގަކުރައްވާފައިވެއެވެ.
