ވޯލްޑް ކަޕް މެޗުތައް ބޮއިކޮޓް ކުރުމަށް ގޮވާލި ގޮވާލުމަށް ފީފާގެ ކުރީގެ ރައީސްގެ ތާއީދު

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އެގައުމުގެ ސަރުކާރުން ގެންގުޅޭ ދާޚިލީ އަދި ޚާރިޖީ ސިޔާސަތުތަކާ ގުޅިގެން، 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް މެޗުތައް ބޮއިކޮޓް ކުރުމަށް ސަޕޯޓަރުންނަށް ގޮވާލި ގޮވާލުމަށް ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާ ތާއީދު ކުރައްވައިފިއެވެ.
ބްލެޓާއަކީ އެމެރިކާއަކީ ވޯލްޑް ކަޕް ބޭއްވުމަށް އެކަށީގެންވާ ގައުމެއްތޯ ސުވާލު އުފެއްދި ބައިނަލްއަގުވާމީ ފުޓްބޯޅައިގެ އެންމެ ފަހުގެ ޝަޚްސިއްޔަތެވެ. އޭނާ މިކަމަށް ގޮވާލާފައިވަނީ ހޯމަ ދުވަހު “އެކްސް” ގައި ކުރި ޕޯސްޓެއްގައެވެ. 2026 ވަނަ އަހަރުގެ ޖޫން 11 އިން ޖުލައި 19 އަށް ބާއްވާ މި މުބާރާތް ބާއްވަނީ އެމެރިކާގެ އިތުރުން ކެނެޑާ އަދި މެކްސިކޯ ގުޅިގެންނެވެ.
ބްލެޓާ ތާއީދުކުރެއްވީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ސްވިޒަލޭންޑްގެ ތަޖުރިބާކާރު ވަކީލެއް ކަމަށްވާ މާކް ޕީތު ދެއްކެވި ވާހަކަތަކަށެވެ. ޕީތު ވަނީ ސަޕޯޓަރުން އެމެރިކާއަށް ނުދިއުމަށް އިލްތިމާސްކޮށްފައެވެ.
މިދިޔަ ހަފުތާގައި ސްވިޒަލޭންޑްގެ ނޫހެއް ކަމަށްވާ “ޑާ ބުންޑް” އަށް ދެއްވި އިންޓަވިއުއެއްގައި ޕީތު ވިދާޅުވީ، “މިހާތަނަށް ދެކެވުނު ހުރިހާ ވާހަކައަކަށް ބަލާއިރު، ސަޕޯޓަރުންނަށް ދޭން އޮތް ހަމައެކަނި ނަސޭހަތަކީ އެމެރިކާއަށް ނުދިއުން” ކަމަށެވެ. އޭނާއަކީ މީގެ ދިހަވަރަކަށް އަހަރު ކުރިން ފީފާ އިސްލާހު ކުރުމަށް އުފެއްދި މިނިވަން ކޮމިޓީގެ މުގައްރިރުކަންވެސް ކުރެއްވި ބޭފުޅެކެވެ.
“ކޮންމެ ގޮތެއްވިޔަސް ޓީވީން މެޗުތައް ބަލައިލުން މާ ރަނގަޅުވާނެ،” ޕީތު ވިދާޅުވިއެވެ. އަދި އެމެރިކާއަށް ދިއުމުން އޮފިޝަލުން ހިތްހަމަނުޖެހޭ ފަދަ ކަމެއް ދިމާވެއްޖެނަމަ، ނަސީބު ރަނގަޅު ނަމަ ވަގުތުން އެނބުރި ގައުމަށް ފޮނުވާލާނެ ކަމަށް ސަޕޯޓަރުން ގަބޫލުކުރަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ބްލެޓާ ކުރި ޕޯސްޓުގައި ޕީތުގެ ވާހަކަތަކަށް ހަވާލާދީ ވިދާޅުވީ، މި ވޯލްޑް ކަޕާ މެދު ސުވާލު އުފެއްދުމުގައި ޕީތު ބުނި ވާހަކަތައް ރަނގަޅު ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އުމުރުން 89 އަހަރުގެ ބްލެޓާއަކީ 1998 އިން 2015 އާ ހަމައަށް ފީފާގެ ރައީސްކަން ކުރެއްވި ބޭފުޅެކެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވީ ކޮރަޕްޝަންގެ ތަހުގީގުތަކަކާ ގުޅިގެންނެވެ.
ބައިނަލްއަގުވާމީ ފުޓްބޯޅަ އާއިލާގެ ކަންބޮޑުވުންތައް އެމެރިކާއަށް އަމާޒުވެފައިވަނީ ގްރީންލޭންޑާ މެދު ޓްރަމްޕް ގެންގުޅުއްވާ ސިޔާސަތުތަކާއި، ދަތުރުފަތުރުގެ މަނާކުރުންތަކުގެ އިތުރުން ހިޖުރަވެރިންނާ މެދު ގެންގުޅޭ ހަރުކަށި އުސޫލުތަކުގެ ސަބަބުންނެވެ.
މީގެ ދެ ހަފުތާ ކުރިން، އެފްރިކާގެ ދެ ގައުމެއް ކަމަށްވާ ސެނެގޯލް އަދި އައިވަރީ ކޯސްޓުގެ ސަޕޯޓަރުންނަށް އެމެރިކާއަށް އެތެރެވުން މަނާކުރުމަށް ޓްރަމްޕްގެ ސަރުކާރުން ވަނީ ނިންމާފައެވެ. މީގެ ސަބަބުން ވިސާ ނެތް ސަޕޯޓަރުންނަށް އެމީހުންގެ ގައުމުގެ ޓީމުތަކަށް ސަޕޯޓްކުރުމަށް އެމެރިކާއަށް ދިއުމުގެ ފުރުސަތު ވަނީ ބަންދުވެފައެވެ. ޓްރަމްޕް ވިދާޅުވީ މި ނިންމުން ނިންމީ ސަލާމަތީ ކަންކަން ބެލުމުގައި ހުރި އުނިކަންކަމުގެ ސަބަބުން ކަމަށެވެ.

