ޚަބަރު

ކައުންސިލް އިންތިޚާބު: ކެންޑިޑޭޓް ފޯމު ގަނޑުކޮށް ބަލައިގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނުނިންމާ

އަންނަ އޭޕްރިލް މަހުގެ ކުރީކޮޅު ބާއްވާ ކައުންސިލް އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ފޯމު ގަނޑުކޮށް ބަލައިގަތުމަށް އަދި ނުނިންމާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އޮންލައިންކޮށް ފޯމު ހުށަހެޅުމަށް އިދިކޮޅު ސިޔާސީ ޕާޓީތަކުން ދަތިތަކެއް ހުރި ކަމަށް ބުނި ނަމަވެސް، ކޮމިޝަނުން ރޭ ބުނީ އެފަދަ ރަސްމީ ޝަކުވާއެއް އަދި ހުށަނާޅާ ކަމަށާއި، މިހާރުވެސް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ފޯމު ފުރަމުންދާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު ‘ސަން’އަށް ދެއްވި މައުލޫމާތުގައި ވިދާޅުވީ، ކެންޑިޑޭޓް ފޯމު ގަނޑުކޮށް ބަލައިގަތުމަށް އެ ކޮމިޝަނުން އަދި ނުނިންމާ ކަމަށެވެ. އަންނަ އާދީއްތަ ދުވަހުގެ ދަންވަރު 12 ޖެހުމުގެ ނިޔަލަށް އޮންލައިންކޮށް ފޯމު ހުށަހެޅުމަށް ހުޅުވާލާފައިވާއިރު، މިހާރުވެސް ހާހަކަށްވުރެ ގިނަ ފަރާތްތަކުން އޮންލައިންކޮށް ފޯމުތައް ފުރަމުންދާ ކަމަށް ޞަލާޙް ފާހަގަކުރެއްވިއެވެ. މި މަހުގެ 17 ވަނަ ދުވަހު އީސީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް އިންތިޚާބަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލިއެވެ.

ނަމަވެސް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ވަނީ، އިންތިޚާބަށް ކުރިމަތިލާން ދިން މުއްދަތު ކުރު ކަމަށް ބުނެ، މެނުއަލްކޮށް ނުވަތަ ގަނޑުކޮށް ފޯމް ބަލައިގަތުމުގެ އިންތިޒާމް ހަމަޖެއްސުމަށް އިލެކްޝަންސް ކޮމިޝަނަށް ގޮވާލައްވައިފައެވެ. އެމްޑީޕީގެ ކައުންސިލު އިންތިޚާބުގެ ތަރުޖަމާނު ޢަބްދުالله ވަޙީދު ލިޔުއްވި ޕޯސްޓެއްގައި މިކަން ފާހަގަކުރައްވާފައިވާއިރު، ޞަލާޙް ވިދާޅުވީ ފޯމު ފުރަން ދަތިވެގެން ރަސްމީ ސިފައެއްގައި ސިޔާސީ އެއްވެސް ޕާޓީއަކުން މިހާތަނަށް ޝަކުވާއެއް ހުށަނާޅާ ކަމަށެވެ. ކޮމިޝަނުގެ ކޯލް ސެންޓަރަށްވެސް ފޯމު ފުރަން ދަތިވާކަމަށް ބުނެ އެހާ ބޮޑެތި ޝަކުވާތަކެއް ލިބިފައިނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ޞަލާޙް ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުގެ އިސްތިރާޖީ ޕްލޭނަށް ޢަމަލުކުރަމުން ގޮސް، ޤައުމީ ލަފާދޭ ކޮމިޓީއާ މަޝްވަރާކުރުމަށް ފަހު، ގިނަ ބައެއްގެ އެދުމުގެ މަތިން ލުއި ފަސޭހަކޮށްދިނުމަށްޓަކައި މި ޕޯޓަލް ބޭނުންކުރަން ނިންމާފައިވާ ކަމަށެވެ. މީގެ ކުރިން މި ޕޯޓަލް މެދުވެރިކޮށް ކަންކަން ކުރިއަށްދާނެކަން ހާމަކުރި އިރު ސިޔާސީ ޕާޓީތަކުން އެކަމާ ދެކޮޅު ހަދާފައިނުވާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ. މާލެ އައިސް ނުވަތަ އީސީ އޮފީހަށް ހާޒިރުވެ ފޯމު ފުރުމުގެ ބަދަލުގައި ޕޯޓަލްގެ ސަބަބުން ވަގުތު ސަލާމަތްކުރެވޭނެކަން ޞަލާޙް ފާހަގަކުރެއްވިއެވެ.

ކައުންސިލް އިންތިޚާބަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން ފުރަތަމަ އީފާސް މެދުވެރިކޮށް އިލެކްޝަންސް ކޮމިޝަންގެ މައި ޕޯޓަލަށް ލޮގިންވުމަށްފަހު، “ކައުންސިލް އިންތިޚާބުގައި ވާދަކުރުމަށް” އޮންނަ ބަޔަށް ގޮސް، “ކެންޑިޑޭޓަކަށް ވުމަށް އެދި ފޯމު ހުށަހެޅުމަށް” އޮންނަ ބަޔަށް ދާންޖެހެއެވެ. އެއަށްފަހު ބައިވެރިވާ އިންތިޚާބާއި ބައިވެރިވާ ހައިސިއްޔަތާއި މަޤާމު އިޚްތިޔާރުކޮށް “ސޭވް” އަށް ފިތާލުމުން ފޯމު ފުރަން ފެށޭނެއެވެ. މި ފޯމު ފަރުމާކުރެވިފައިވަނީ ކެންޑިޑޭޓުގެ މައުލޫމާތާއި، އެޑުރެހާއި، ވަޒީފާއާއި، ކުށުގެ ރެކޯޑު ފަދަ މައުލޫމާތު ވަކިވަކިން ފަސޭހައިން ފުރިހަމަކުރެވޭ ގޮތަށެވެ. އަދި އިދާރީ ފީ ބަނޑޭރިޕޭ މެދުވެރިކޮށް ފަސޭހައިން ދެއްކޭނެއެވެ.

ކައުންސިލްތަކުގެ އިންތިޚާބު އޮންނާނީ އަންނަ އޭޕްރިލް މަހުގެ ހަތަރުވަނަ ދުވަހުއެވެ. އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް ކައުންސިލް އިންތިޚާބުގައި ވާދަކުރާ 750 މީހުންގެ ކެންޑިޑެސީ ވަނީ ގަބޫލުކޮށްފައެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވާދަކުރާ 574 މީހުންގެ ކެންޑިޑެސީވެސް ވަނީ އެ ކޮމިޝަނުން ގަބޫލުކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close