ޝަޢުބާން މަސް ފެށުނީ – މީ ރަމަޟާންމަހަށް ތައްޔާރުވާން ލިބޭ އެންމެ ފަހި ފުރުޞަތު

1447 ވަނަ އަހަރުގެ ޝަޢުބާންމަސް ފެށުނީއެވެ. ދެން އަޅުގަނޑުމެންނާއި ކުރިމަތިލާނީ ބަރަކާތްތެރިވެގެންވާ ރަމަޟާންމަހެވެ. ރަމަޟާންމަހަކީ، ރޯދަ ހިފުމުގެ މައްސަރުކަމަށްވާތީވެ، އެކަމަށްޓަކައި މީހާގެ ނަފްސު އިތުރަށް ހާނުވާ، ރަމަޟާންމަހަށް ހުރިހާގޮތަކުންވެސް ތައްޔާރުވާން ލިބޭނެ އެންމެ ފަހި ފުރުޞަތަކީ ޝަޢުބާންމަހެވެ.
ޝަޢުބާންމަހަކީ އަޅާ އަހަރު ދުވަހުގައި ކޮށްފައިވާ ހެޔޮ ޢަމަލުތައް މާތް ﷲ ގެ ޙަޟްރަތަށް އުފުއްލެވޭ މަސްކަމަށްވެސް ޙަދީޘްފުޅުގައި ވާރިދުވެގެން އައިސްފައިވެއެވެ.
އުންމަތުގެ މާތް ނަބިއްޔާ އާއި އުންމަތުގެ ސަލަފުންގެ ފަރާތްޕުޅުންވަނީ ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން ޝަޢުބާންމަހު ކުރެވޭނެ ކަންކަން ބަޔާންވެގެން އައިސްފައެވެ.
ޝަޢުބާން މަހަކީ، އެމަހަކާއިމެދު މީސްތަކުން ޣާފިލުވެފައިވާ މަހެއްކަމަށްވެސް ޙަދީޘްތަކުގައި އައިސްފައިވެއެވެ. އިމާމު ނަސާއީ رَحِمَهُ اللَّهُ އެކަލޭގެފާނުގެ ސުނަނުގައި އުސާމާ އިބްނު ޒައިދު رَضِيَ اللهُ عَنْهُ ގެ އަރިހުން ރިވާކުރައްވާފައިވާ ޙަދީޘްފުޅެއްގައިވެއެވެ. އުސާމާގެފާނު ވިދާޅުވިއެވެ. ” އަހުރެން ރަސޫލު الله އާ ސުވާލު ކުރީމެވެ. އޭ މާތް ﷲ ރަސޫލާއެވެ! ޝަޢުބާންމަހަށްވުރެ ގިނައިން ކަލޭގެފާނު ރޯދަ ހިއްޕަވާ އެހެން މަހެއް އަހުރެންނަށް ފެނިފައެއް ނުވެއެވެ. އެކަލޭގެފާނު ޙަދީޘްފުޅު ކުރެއްވިއެވެ. (އެ މަހަކީ ރަޖަބުމަހާއި ރޯދަމަހާ ދެމެދުގައިވާ މީސްތަކުން އެމަހަކާ މެދު ޣާފިލުވެފައިވާ މަހެވެ. އެއީ މާތް ﷲ ގެ ޙަޟްރަތަށް ޢަމަލުތައް އުފުއްލެވޭ މަހެވެ. އެހެންކަމުން، ތިމަންކަލޭގެފާނުގެ ޢަމަލުތައް އުފުއްލެވޭ ހިނދު ތިމަންކަލޭގެފާނު ރޯދައަށް ހުންނެވުމަށް ލޯބިފުޅުކުރައްވަމެވެ.)”
އެގޮތުން ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން ޝަޢުބާންމަހު ކުރެވޭނެ އެންމެ ރަނގަޅު ކަމަކީ، ރޯދައަށް ހިފުން ގިނަކުރުމެވެ. މިކަމުގެ މައްޗަށް ބަލާލަމާ ހިނގާށެވެ.
❞…ދެޞަޙީޙުގައި ޢާއިޝާ رضي الله عنها ގެ ޙަދީޘް ތަކުން، އެކަމަނާ ވިދާޅުވިކަމުގައި ރިވާވެފައިވެއެވެ: «كان رسول الله – صلى الله عليه وسلم – يصوم شعبان كله إلا قليلا» (މަދު ދުވަސްތަކެއްގައި މެނުވީ މުޅި ޝަޢުބާން މަސް އެއްކޮށް ރަސޫލު ﷲ ﷺ ރޯދަ ހިއްޕަވައެވެ.) — ފަހެ މިއީ ޝަޢްބާން މަހުގައި ރޯދަ ހިފުމުގެ މަތިވެރި ކަމުގެ މައްޗަށްވާ ދަލީލެކެވެ.
ވީމާ ނަބިއްޔު ﷺ އަރިހުން ޝަޢުބާން މަހާއިމެދު އެނޫން އެއްވެސް އެއްޗެއް — ރޯދަ މެނުވީ — ޞައްޙަވެފައި ނުވެއެވެ. ވީމާ ރޯދަ ގިނަގުނަ ކުރުން އެދެވިގެން ވެއެވެ. އަދި މަދު ދުވަސް ތަކެއްގައި ފިޔަވައި މުޅި އެމަހު ރޯދަ ހިފުމަށް ކުޅަދާނަ ވެއްޖެ ނަމަ، މިގޮތް މޮޅު އިތުރެވެ. އަދި ﷲ – عز وجل – ޙަޟުރަތުގައި ޠާހިރުވަނިވިއެވެ. ދެންފަހެ މުޅި އެމަހު އެކީ އެއްކޮށް އެއްވެސް އިސްތިޘްނާއެއް ނެތި ރޯދަހިފުން، ފަހެ ޢާއިޝާ رضي الله عنها ވިދާޅުވެފައިވަނީ، ނަބިއްޔު ﷺ ރޯދަމަސް މެނުވީ އެއްވެސް މަހެއް ކާމިލުކޮށް ރޯދަ ނުހިއްޕަވަޔޭ އެވެ…❝
އެހެންކަމުން، ޝަޢުބާންމަހުގެ ގިނަދުވަސްތަކެއްގައި ރޯދައަށް ހުރުމަށް ޢަޒުމުކަނޑައަޅަމާ ހިނގާށެވެ. އެއީ ހަމައެކަނި އެމަހުގެ ހޯމަ، ބުރާސްފަތިކަމަށްވެސް ނަހަދާށެވެ. ނުވަތަ އެމަހުގެ 13، 14، 15 ކަމަށްވެސް ނަހަދާށެވެ. ޝަޢުބާންމަހުގެ ވީހާވެސް ގިނަ ދުވަސްތަކެއްގައި ރޯދަހިފުމަށް މަސައްކަތް ކުރާށެވެ. އެވަރު ނުވާކަމުގައިވާނަމަ، ހޯމަ އަދި ބުރާސްފަތި ދުވަހު ނަމަވެސް ހިފާށެވެ. މިއީ ހިތްވަރުކޮށްލަންޖެހޭ ދުވަސްތަކެކެވެ. މަތިވެރިވެގެންވާ މަހަކަށް ތައްޔާރުވުމުގެ ގޮތުންނެވެ.
(ނޯޓް: ޝަޢުބާންމަހު ރޯދަ ހިފުން މޮޅުއިތުރުވެގެންވިޔަސް، ރޯދަ ނުހިފާ މީހުންނާއި ޒާތީގޮތުން ޖައްސާލާ، އެމީހުންނަކީ މާތް ނަބިއްޔާގެ ސުންނަތާއިދުރު ބައެކޭ ކިޔާ މުޚާޠަބު ނުކުރައްޗެވެ. ރޯދަ ނުހިފާ ހުންނަ މީހާގެ ޙާލަތަކީ ކޮބައިކަމެއް ޚުދު ތިބާއަށް ނޭންގިވެސް އޮވެދާނެއެވެ. ތިބާކުރި ހެޔޮޢަމަލެއްވަނީ ތިބާއަށެވެ. އެހެނަސް، މީހަކަށް ނަޞޭޙަތްތެރިވުމަކުން މައްސަލައެއް ނެތެވެ.)

